ލަތީފް ފައިނަލް މެޗަށް ފަހު އަނބިކަނބަލުންނާ އެކު.
27 ޖެނުއަރީ 2025 - 21:56
ތައިލެންޑް މާސްޓާސް ގޭމްސްގެ ޓޭބަލް ޓެނިހުން ރިހި މެޑަލް ހާސިލްކުރައްވައި، އެ ކުޅިވަރުން މާސްޓާސް މެޑެއްޔެއް ހޯއްދެވި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ގޮތުގައި ސީވީޑް އަހުމަދު ލަތީފް ދިވެހި ކުޅިވަރު ތާރީހުން ހާއްސަ ޖާގައެއް ހޯއްދަވައިފި އެވެ.
އޭނާ ރިހި މެޑަލް ހާސިލްކުރެއްވީ 70 އަހަރުން މަތީ ކުޅުންތެރިންގެ ސިންގަލްސް ބައިންނެވެ. އޭނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯއްދެއްވީ ގްރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ކާމިޔާބުކުރައްވައިގެންނެވެ. ކުއާޓާ އާއި ސެމީ ފައިނަލުގެ ކާމިޔާބަށް ފަހު ފައިނަލުން ނާކާމިޔާބުވީ ތައިލެންޑް ކުޅުންތެރިޔަކާ ވާދަކުރައްވައިގެން 3-1 ސެޓުންނެވެ.
"މިއީ އަޅުގަނޑަށާއި އާއިލާއަށް ވަރަށް ފަހުރުވެރި ވަގުތެއް. މާސްޓާސް ކެޓަގަރީން މެޑަލް ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" ލަތީފް ވިދާޅުވި އެވެ.
މާސްޓާސްއަކީ ސީނިއާ ނުވަތަ ތަޖުރިބާކާރު ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީއެކެވެ. އެހެން ބައެއް ކުޅިވަރުތަކުގައި މިއީ ވެޓެރަންސް ކެޓަގަރީގެ ގޮތުގައި ފާހަގަކުރެވެ އެވެ.
ޓޭބަލް ޓެނިސްގެ އިތުރުން ބެޑްމިންޓަނާއި ޓެނިސްގެ މާސްޓާސް އިވެންޓްތައް ހިމެނުނު މި މުބާރާތުގައި މި މުބާރާތުގައި އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ، އޮސްޓްރިއާ، ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ތުރުކީގެ ކުޅުންތެރިން ބައިވެރިވި އެވެ.
ލަތީފް (ވ) މުބާރާތުގެ މެޑަލް ސެރަމަނީގައި.
ލަތީފްގެ އިތުރުން ދިވެހި އެހެން ހަ ކުޅުންތެރިޔަކު ވެސް މުބާރާތުގައި ބައިވެރިވި އެވެ. އެއީ ލަތީފުގެ ދެ ކޮއްކޮއިން ކަމަށްވާ އިބްރާހީމް ލަތީފާއި، މުހައްމަދު ލަތީފުގެ އިތުރުން ތާޅަފިލި އަލީ އާދަމް (އަލިބެ) އާއި، ހުސެއިން ރަޝީދު، އަދި އަހުމަދު އިބްރާހީމް (ރީތި އަހުމަދު) އެވެ. ނަމަވެސް ޓީމު އިވެންޓުން ދިވެހި ކުޅުންތެރިންނަށް ބޮޑު ކާމިޔާބެއް ނުލިބެ އެވެ.
ލަތީފާއި އަލިބެ ވަނީ މިދިޔަ އިސްތަންބޫލް ވެޓެރަންސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ތުރުކީގެ ބޯޑްރަމްގައި ބޭއްވި ފްރެންޑްޝިޕް ޓޭބަލް ޓެނިސް މުބާރާތުގެ 60 އަހަރުން މަތީގެ ކެޓަގަރީން ޗެމްޕިއަންކަން ހޯއްދަވައިފަ އެވެ.
ލަތީފަކީ، ރާއްޖޭން އެންމެ ފުރަތަމަ ބޭރަށް ދިޔަ ކުޅިވަރު ޓީމު ކަމަށްވާ 1973 ގައި ޗައިނާގައި އޮތް ތުރީއޭ ގޭމްސްގައި ވާދަކުރި ޓޭބަލް ޓެނިހުގެ ޓީމުގެ ކުޅުންތެރިއެކެވެ. އޭގެ ހަ އަހަރު ފަހުން 1979 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީޓީ ޓީމުގައި ވެސް ލަތީފް ހިމެނިވަޑައިގަތެވެ.
ގައުމީ ސިންގަލްސް ޗެމްޕިއަންކަން 1973، 1974، އަދި 1981 ގައި ހޯއްދެއްވި ލަތީފް އެންމެ ފަހުން މަތީ ފެންވަރުގައި ކުޅުއްވީ، 1990 ވަނަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގަ އެވެ.
އެކަމަކު، ޓޭބަލް ޓެނިހުގެ މަޝްހޫރު ސީވީޑް އާއިލާގެ ދޮށީ މެމްބަރު ލަތީފް އަންނަނީ ފިޓްނަސް ހިފަހައްޓަވައި ގަވާއިދުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވެޓްރަންސް މުބާރާތްތަކުގައި ކުޅުއްވަމުންނެވެ. ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައި އެ ގައުމުގައި ހުންނެވިއިރު ލަތީފް ވަނީ ޖަރުމަނުގެ ލީގު ސިސްޓަމުގައި ހިމެނޭ ކްލަބަކަށް ވެސް ކުޅުއްވައިފަ އެވެ.
ލަތީފް (ކ) މުބާރާތުން މެޑަލް ހޯދި ކުޅުންތެރިންނާ އެކު ގްރޫޕް ފޮޓޯއެއްގައި.
ލަތީފަކީ ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ވެސް މެ އެވެ. އެކަމަކު، ވިކްޓްރީ ސްޕޯޓްސް ކްލަބުން 1983 ވަނަ އަހަރު ގައުމީ ކްރިކެޓް ތަށި މިލްކުކުރިއިރު އެ ޓީމަށް ވެސް ކުޅުއްވި ލަތީފުގެ އެންމެ ހާއްސަ ކުޅިވަރަކީ އަބަދުވެސް ޓޭބަލް ޓެނިހެވެ.
ލަތީފް ވިދާޅުވި ގޮތުގައި އޭނާއާއި އެހެން ދިވެހި ކުޅުންތެރިންނަށް ދިމާވާ މައްސަލައަކީ މާސްޓާސް ކެޓަގަރީގައި ކުޅޭނެ ގިނަ ކުޅުންތެރިން ރާއްޖޭގައި ނެތުމުގެ ސަބަބުން ވާދަވެރި މެޗުތަކެއް ނުލިބުމެވެ.
އެހެންނަމަވެސް، މި އަހަރު އއ. ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މާސްޓާސް މުބާރާތާ ގުޅިގެން މި ކެޓަގަރީގައި ކުޅޭ ކުޅުންތެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
29 January 2025
ލަތީފަކީ ސައިޒަށް ވުރެ ފިޓު މީހެއް!!
އަޒީޒު
28 January 2025
މަރުޙަބާ ލަޠީފް. ލަޠީފާ އެކުގައި އެއް އޮފީހެއްގައިވެސް، އަދި ލަޠީފުގެ ބައްޕައާ އެކުގައި އެއް އޮފީހެއްގައިވެސް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު މީހެއް އަހަރެންނަކީ.
މަހާރަދުން
29 January 2025
ހާދަ ދޮށި ވާނެ!! ބޮލެސް ޔޫ ބޮރޯ!!
އަޒީޒު
29 January 2025
ޔެސް މަހާރަދުން. ސަރުކާރުގެ ވަޒީފާއަށް ވަނީ އުމުރުން 18 އަހަރުގައި 1973 ސެޕްޓެންބަރު 20 ގައި. 1974 ސެޕްޓެންބަރު 17 އިން 1977 ސެޕްޓެންބަރު 03 އަށް ފިޝަރީޒް މިނިސްޓްރީގައި އަހަރެން އުޅުނުއިރު، އެތަނުގައި ލަޠީފް ވަޒީފާ އަދާކުރެއްވި. އެތަނުން އަހަރެން ބަދަލުވީ އެޓަރނީ ޖެނެރަލްގެ އޮފީހަށް. އޭރު އެއޮފީހުގެ ސަރުދާރަކަށް ހުންނެވީ ލަޠީފުގެ ބައްޕަ ގިނިރާހި ތުއްތުމަނިކު. އެތަނުގައި އެތައް އަހަރަކު އޭނާ އުޅުއްވި. އަހަރެންވެސް 14 އަހަރު އެތަނުގައި އުޅުނިން.
ފިޓް ލަތީފް
28 January 2025
މަރުހަބާ.. ލަތީފް
ދޮހޮއްތުބެ
27 January 2025
މަރްހަބާ