ޔޮޝިތާ އޭނާގެ ބައްޕަ މަހިންދަ ރާޖަޕަކްސަގެ އަތުން ކޭކު ކަނީ: ޔޮޝިތާ ގެއެއް ގަންނަން ފައިސާ ހޯދި ގޮތް ބުނެ ނުދެވުމުން ވަނީ ފުރުން މަނާކޮށް މައްސަލަ އަލުން ބަލަން ފަށާފައި.
28 ޖެނުއަރީ 2025 - 06:01
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިއަކު ގެއެއް ގަންނަން ފައިސާ ހޯދި ގޮތް ބުނެ ނުދެވުމުން އޭނާ ގައުމުން ބޭރަށް ދިއުން މަނާކޮށް މައްސަލަ ބަލަން ފަށައިފި އެވެ.
ޔޮޝިތާ ރާޖަޕަކްސަގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ މި ތުހުމަތާ ގުޅޭ މި މައްސަލައަކީ ވަރަށް ކުރީގެ މައްސަލައެއް ނަމަވެސް އަލުން ބަލަން ފަށާފައި މި ވަނީ އަނޫރާ ކުމާރާ ޑިސަނަޔަކަ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވެ ވަޑައިގަތް ވައުދާ އެކު ރައީސްކަމަށް އިންތިހާބުވުމާ އެކުގަ އެވެ.
ރާޖަޕަކްސަގެ އާއިލާގެ ބައެއް ބޭފުޅުންނާއި ގާތް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނާއި މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ކޯޓުތަކުގައި އެ މައްސަލަ ހުރީ ނުނިމި އެވެ.
ކުރީގެ ޖޫނިއާ ނޭވަލް އޮފިސަރެއް ކަމަށްވާ ޔޮޝިތާ ރާޖަޕަކްސަ، 36، ފުރުން މަނާކުރީ އޭނާގެ ބައްޕަ 2005 އިން 2015 އަށް ވެރިކަމުގައި ހުންނެވި އިރު ގެއެއް ގަތުމަށް ފައިސާ ހޯދީ ކިހިނެއްކަން ބުނެ ނުދެވުމުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފުރުން މަނާކޮށް ދޫކޮށްލީ ހައްޔަރުކޮށް ބަންދުގައި ދެ ދުވަހު ބެހެއްޓި ފަހުން 100 މިލިއަން ރުޕީސް (344،000 ޑޮލަރު) ގެ ކަފާލާތެއްގެ ދަށުންނެވެ.
ފުލުހުން ބުނި ގޮތުގައި ފައިސާ ހޯދީ ބޮޑުދައިތައެއް ދިން ކުޑަ ޖަވާހިރު ކޮތަޅެއް ވިއްކާލައިގެން ކަމަށް ޔޮޝިތާ ވަނީ ތަހުގީގުގައި ބުނެފަ އެވެ. އެކަމަކު ބޮޑުދައިތައާ ސުވާލުކުރުމުން، އެއީ ކިހިނެއް ހޯދި ޖަވާހިރުތަކެއް ކަމެއް ހަނދާން ނުވި ކަމަށްވެ އެވެ.
ޔޮޝިތާ ވަނީ 2016 ވަނަ އަހަރު ވެސް މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެއީ ޓީވީ ނެޓްވޯކެއް ގަތުމަށް ފައިސާ ހޯދި ގޮތް ސާފުކޮށްނުދީގެންނެވެ. ކުރީގެ މައްސަލަ އާއި މިހާރު ހައްޔަރުކުރި މައްސަލަ ވެސް ކޯޓުގައި އޮތީ ކުރިއަށް ނުގޮހެވެ.
ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔޮޝިތާގެ ދޮށީ ބޭބެ ނަމާލްގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެދައުވާތަކެއް އުފުލާފައިވާއިރު، އެ ދައުވާތައް އަދި ޝަރީއަތާ ހިސާބަކަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
29 January 2025
މިރާއްޖޭގައި ވެސް މިކަހަލަ ދަޢުވާކުރެވޭނެ ގާނޫނެއް އަންނަން އެބަޖެހޭ. ވައްކަންކޮށްގެން ފައިސާ ހޯދިޔަސް އެކަމަކާ ސުވާލެއްވެސް ކޮށްނުލާ މިރާއްޖޭގައި. މަސައްކަތެއްނުކުރާ ނަމަވެސް ފައިސާ މަތީގައި އުދުހޭ އެތައްބަޔަކު މިރާއްޖޭގައި އެބައުޅޭ. އެމީހުން ދިރިއުޅޭތަނުގައި ފައިސާނަގާ ވަޅެއްހުރިތޯ ވެސް ބަލަންއެބަޖެހޭ.
މީދާ
29 January 2025
މަގޭ އެކައުންޓަށް ފަސް ރުފިޔާ ވަނަސް ބޭންކުން ގުޅާފަ އަހާ އެއީ ކިހިނެއް ހޯދި ފައިސާ އެއްހޭ.
ޖުހާ.
28 January 2025
މިރާއްޖޭގައި ވެސް މީހަކު 30 އަހަރު ވެރިކަންކޮށްފަ ފޭބިއިރު އޭނާގެ ދަރިންގެ އެކައުންޓުތަކުގަ އަދި އެބޭފުޅާގެ އަނބިކަބަލުންގެ އެކައުންޓުތަކުގަ މިލިއަނުން ބިލިއަނުން ހުރި. މިހާރުވެސް އެންމެ މުއްސިދީ އެމީހުން. ރެސޯޓުތަކު ހިއްސާވެސް އެވަރަށް. މިތާގައި އޮތީ ކާންކެރޭ މީހަކު ކާންވީ. ކުރެވޭނެ ކަމެއް ނެތް. އެމްއެމްޕީ އާރު ސީ އާއި ވެންޓިލޭޓަރުތައްވެސް މާޒީއަށްވެ ނިމިއްޖެ.
ޟިހާޒު
29 January 2025
މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ފާސިގަކު މެނުވީ ލިޔާނެ ކޮމެންޓެއްނޫން. ބުހުތާން ދޮގުފަތުރަން ހެޔޮނުވާނެ
އެކްސްް
28 January 2025
އަހަރުތަކެއް ކުރިން މާލެއިންވެސް މީހަކު ބިމެއް ގަތްކަމަށްވަނީ މަންމަ "ކިއްލި" ވިއްކައިގެން ލިބުނު ލާރިން.
ލަސް
28 January 2025
"ދޮށީ ބޭބެ" މިއީ ދިވެހި ބަހުގެ ހަމަތަކުން ބޭނުން ކުރާގޮތެއް ނޫން. ބޭބެ އަކީ ތިމާއަށް ވުރެ ދޮށީ ފިރިހެނުން. Elder brother ނުވަތަ Older brother އިނގިރޭސި ބަހުގައި ބޭނުން ކުރަނީ
މޮޑަން
28 January 2025
ދޮޢްޓަށްހުރި ބޭބެއޭ ބުނެވިދާނެ. ދޮށީ ބޭބެވެސް ކިޔާ ހާލަތުގަ މިހާރު ދިވެހިބަސް އޮތީ. އިނގިރޭސިން ހަނގަސް ދޮއްޓަސް ބްރަދަރ ކިޔާތީ ވާގޮތް.
ސައްދު
28 January 2025
އަހަރެމެންގެ އެކޮނޮމިސްޓުވެސް ނިކަން ހަދާންބަލިވާނެ.