ނ. ހޮޅުދޫ ހެލްތު ސެންޓަރު.
28 ޖެނުއަރީ 2025 - 17:26
ކޮންމެ ރަށެއްގައި ވެސް، އެ ތަނެއްގެ ފެންވަރަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ހއ. މުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީއާ އިގުތިސާދީ ގޮތުން ކުރާ މަސައްކަތްތަކަށް ބަލައި ރަނގަޅު ފެންވަރެއްގެ ސިއްހީ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.
ސިއްހީ ހިދުމަތް ރަނގަޅުކުރާއިރު މުވައްޒަފުން އިތުރުކުރުމާއި ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އާބާދީ ކިތަންމެ ކުޑަޔަސް، ކޮންމެ މީހަކީ ހަމަހަމަ ރައްޔިތެއް ކަމަށް ގަބޫލުކުރާ ސިޔާސަތުގެ ދަށުން އެ ރަށެއްގެ ސިއްހީ ކަންކަމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.
ހއ. މުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ދުރު އަދި މެދު ރާސްތާގެ ތަރައްގީގެ ޕްލޭނުތައް ހެދިޔަސް ރަށްރަށުގެ ސިއްހީ ނިޒާމު ތަރައްގީކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ފަދަ ކޮންމެ ރަށެއްގައި 900 ރައްޔިތުން، 1000 އެއްހާ ރައްޔިތުން ނެތް ނަމަވެސް، އަދި މިއަށްވުރެ މީހުން މަދު ރަށްރަށް އެބަހުރި، 500 މީހުން ނެތް ރަށްރަށް ވެސް އެބަހުރި. އެއިން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ކޮންމެހެން ހިދުމަތް ލިބެންޖެހޭ. ސިއްހީ ދާއިރާގައި ބޭނުންވާ ކަންކަން، ލެބޯޓްރީ، އެ ރަށަކަށް ބޭނުންވާ ހިދުމަތް ގާއިމްކުރަން ވައުދުވީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކުރާއިރު އިންސާނީ ވަސީލަތާއި އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލަށް ބޭނުންވާ ވަރަށް ސާމާނު ހަމަޖައްސާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނާ މަޖީދު
29 January 2025
އަހަރެމެން ރަށުގައި ހޮސްޕިޓަލެއް އަޅައިދޭންކަމަށް ވަޢުދުވީ: 1 ރައީސް ޔާމީން، 2 ރައީސް އިބްރާހީމް، 3 ރައިސް މުޢިއްޒު. އަދި އެކަމެއްނުވޭ. ވޯޓު ހަމަ ގާތްވާއިރަށް ރީތި ކުރެހުންތައް ސޯޝަލް މީޑިއާގައި ދައްކަންފަށާ. މިހާރު ބުނަނީ ހުރިހާ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތް ރަނގަޅުކުރަންޖެހެއޭ. ކޮޅުމެދެއް ފެންނާކަށް ނެތް. ހުރިހާ ރަށެއް ރަނގަޅުކުރަން ޖެހުަނަސް ފުރަތަމަ ވަޢުދުވި. އަދި އެތައްހާސް ބަޔަކު ޚިދުމަތް ހޯދާ ރަށްރަށަށް އިސްކަންދޭންޖެހޭ.
ހާ އިން ހޮޅި
28 January 2025
ކުދި ރަށްރަށުގެ އުޅޭ މީހުން ބަލިވާނީ ކުޑަކޮން. ބޮޑެތި ރަށްރަށުގައި އުޅޭ މީހުން ބަލިވާނީ ބޮޑު ކޮން.
ބައްލަވާ މިހާރު ބޭހެއް ނުލިބޭ!
28 January 2025
ފުރަތަމަ ބޭސް ސިޓީ އަށް ބޭސް ހަމަކޮށްދެވޭތޯ ބައްލަވާށެވެ!
ޖަންބުދޮންބެ
28 January 2025
ކޮބާ ހަމަހަމަކަން؟ ކުޑަމީހާއަށް ކުޑަގޮތް، ބޮޑުމީހާއަށް ބޮޑުގޮތް.
ސަސި.
28 January 2025
ކޮން އިރަކުންތަ ތިކަންކަން ކުރަން ފެށުން އޮތީ؟
އަންނަދައުރު
29 January 2025
އަންނަ ދައުރަށް ހޮވައިފި ނަމަ ކޮށްދޭނަން