ގދ. ތިނަދޫ ކައުންސިލު އިދާރާއަށް އޭސީސީގެ ޓީމުން ވަނުން: ތިނަދޫ ސިޓީ ކައުންސިލުން އޭސީސީއަށް އެއްބާރުލުން ދީފައިނުވާ ކަމަށް އޭސީސީން ބުނެފައިވޭ. -- ފޮޓޯ: ތިނަދޫ ކައުންސިލް
29 ޖެނުއަރީ 2025 - 11:14
ތަހުގީގީ އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ހުރިހާ ކައުންސިލްތަކުން އެއްބާރުލުން ދީ، ހުރަސް ނޭޅުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.
އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ގާނޫނުން ލާޒިމް ކުރާއިރު، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެލްޖީއޭ އިން ވަނީ ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރަން ކައުންސިލްތަކުން ހުރަސް ނޭޅުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި، އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކަށް ބޯލެނބުމަށް ވެސް އެލްޖީއޭއިން ވަނީ އަންގައިފަ އެވެ.
އެލްޖީއޭއިން މިގޮތަށް އަންގާފައި މިވަނީ ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވަނިކޮށެވެ.
އެ ތަހުގީގަށް އޭސީސީން ކައުންސިލަށް ވަދެ ބައެއް ލިޔުންތައް ގެންދިއުމުން، ކައުންސިލުން ވަނީ އޭސީސީގެ ނަމުގައި ބަޔަކު ތިނަދޫ ސިޓީ ކައުންސިލަށް ވަދެ، ގިނަ އަދަދެއްގެ ތަކެތި "ވަގަށް ނަގާފައިވާ" ކަމަށް ބުނެފަ އެވެ. އެ މައްސަލަ ތިނަދޫ ކައުންސިލުން ފުލުހަށް ވެސް ހުށަހަޅާފައިވެ އެވެ.
އޭސީސީން ބުނި ގޮތުގައި ތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބުނު ނަމަވެސް، ގާނޫނުއަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށެވެ.
ތިނަދޫ ކައުންސިލާ ގުޅޭގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލެއް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ. އަދި ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެފައިވަނީ ހެކި ނައްތާލުމުގެ ބިރު އޮތުމުންކަން ވެސް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީމާ
29 January 2025
ބަލަ ވާވަރަށް ކެވުނީމާ ދެން ކައުންސިލުތަކުންވެސް ބަލާނީ ތަހުޤީޤުކުރާ ބަޔަކަށް ޖެއްސުންކޮށް ބަޔާން ނެރެވޭތޯ ދޯ
އެއްކަމެއްވެސް ނުކުރާ މޭޔަރުން
29 January 2025
ކައުންސިލްގެ މޭޔަރުން ދައުރު ހަމަވާން ކައިރިވީމަ މާލެ ސަރުކާރޭ، ރައީސޭ ކިޔާ ރައްޔިތުން އޮޅުވަން އެބައުޅޭ.
ބަޑިތަކުރު
29 January 2025
މީގެކުރިން މާކުދިކުދި ކަންކަމުގައި މުޅި ކައުންސިލް ސަސްޕެންޑްކުރި. މިއަދު ވައްކަން ފޮރުވަންވެގެން ގާނޫނީ ޒިންމާއެއް އަދާކުރުމަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ބާރު ދީފައިވާ މުއައްސަސާއަކަށް ހުރަސްއެޅީމަ ފިޔަވަޅެއް ނޭޅުނީ ކީއްވެބާ.
ދެރަވަރު
29 January 2025
ދައުލަތުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ގާނޫނުއަސާސީގެ ވިރާސީ ބާރާއެކު ގާނޫނުއަސާސީން އުފައްދާފައިވާ އެންޓި ކޮރަޕްޝަނަށް ވައްކަމުގެ ތުހުމަތުކޮށް ބަޔާން ނެރުމުގެ ބާރު ނެތް ތިނަދޫ ކައުންސިލުން ބަޔާން ނެރެ ހެދުމުން އަޅަންޖެހޭ ފިޔަވަޅެއް ނެތްތޯ؟ ދައުލަތުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އުފައްދާފައިވާ މި މުހިންމު މުވައްސަސާއަށް ވައްކަމުގެ ތުހުމަތު ކުރުމަކީ އާދައިގެ ކަމަކަށް ހެއްދެވީތޯ؟