ޗައިނާއިން އައި ޓޫރިސްޓުންތަކެއް. އެ އެއާލައިނުން އަންނަނީ ގިނަ މަންޒިލްތަކަށް ދަތުރުތައް އިތުރު ކުރަމުން -- ފޮޓޯ: މިހާރު
05 ފެބުރުއަރީ 2025 - 14:47
މޯލްޑިވިއަން އިން ތައިލެންޑާއި މެލޭޝިއާ އިން ސޭލްސް އޭޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 11 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރަން އެދިފަ އެވެ.
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ސޭލްސް އޭޖެންޓުން ހޯދުމުގެ މަސައްކަތް ކުރަނީ، އެ އެއާލައިންގެ ދަތުރުތައް ފުޅާ ކުރަން ކަމަށެވެ. އެ އެއާލައިނުން އަންނަނީ ޔޫރަޕާއި ސައުތު އެފްރިކާއިން ވެސް ސޭލްސް އޭޖެންޓުން ހޯދަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސޭލްސް އޭޖެންޓުން ހޯދުމަށް ފަހު ދަތުރުތައް ފައިނަލްވުމުން އެކަންކަން އިއުލާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތައިލެންޑާއި މެލޭޝިއާ އަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރު ކުރާ ގައުމުތަކެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު ގެނެސްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެއާ އެކު އެ އެއާލައިނުން ވަނީ ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފަށައިފަ އެވެ. އެއީ ބެއިޖިން އާއި ޝަންހާއީ އާއި ޗެންގްޑޫ އެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުންގެ އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.
އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy