ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ގެއެއް ތަޅާލާފައި: ރޭ ފަތިހު އިޒްރޭލު ސިފައިން ވަނީ ހުޅަނގު އައްސޭރީގައި މާބަނޑު މީހަކާއި ދަރިފުޅު ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
09 ފެބުރުއަރީ 2025 - 17:25
އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި "ޓެރަރިސްޓުންނާ ދެކޮޅަށް" ދިން ކަމަށް ބުނާ ހަމަލާތަކެއްގައި، ބަނޑަށް އަށް މަސް ވެފައި އިން މާބަނޑު މީހަކު ޝަހީދުކޮށްލައިފި އެވެ.
ރާމަﷲ ގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ސުންދުސް ޖަމާލް މުހައްމަދު ޝަލަބީ، 23، ޝަހީދުވީ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްގައި ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ދިން ހަމަލާއެއްގެ ސަބަބުން ކަމަށެވެ.
އޭނާ ފިރިމީހާ، ޔަޒާން އަބޫ ޝަލާ މި ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސުންދުސް ޒަހަމްވުމުން ހޮސްޕިޓަލަށް ގެންދަން ކުރި މަސައްކަތަށް ވެސް އިޒްރޭލު ސިފައިން ހުރަސްއެޅި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު އެ ޒުވާނާގެ ފުރާނަ ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
"އިސްތިއުމާރީ ސިފައިން ހުރަސްއެޅުމުގެ ސަބަބުން، ފަރުވާ ލަސްވެ، ބަނޑުގައި އޮތް ދަރިފުޅު ވެސް ސަލާމަތްކުރެވޭ ގޮތެއް ނުވި،" މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
އޭއެފްޕީން މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ "ސުންދުސް މަރުވީ އިޒްރޭލު ސިފައިން ދިން ހަމަލާއެއްގެ ސަބަބުންތޯ ބަލަމުން އަންނަ" ކަމަށެވެ.
"އިސްތިއުމާރީ ސިފައިން އަންނަން ފެށުމުން އެ ދެމަފިރިން އުޅުނީ ކޭމްޕް ދޫކޮށްދާން. އެމީހުން ކާރުތެރޭގައި ތިއްބާ ބަޑިޖަހައި އަނބިމީހާ އާއި އޭނާގެ ތުއްތު ދަރިފުޅު ޝަހީދުކޮށްލި. ފިރިމީހާ ވަނީ ޒަހަމްވެފައި،" ރެފިއުޖީ ކޭމްޕުގައި އޮންނަ ކޮމިޓީގެ އިސް މެންބަރެއް ކަމަށްވާ މުރާދު އަލްޔާން އޭއެފްޕީއަށް ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނޫރު ޝަމްސް ކޭމްޕުގައި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށާފައިވަނީ އެ ސަރަހައްދުގައި އުޅޭ ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ވަނީ އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ އެކު އިޒްރޭލުން އިތުރުކޮށްފަ އެވެ. މި ފަހުން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 885 މީހަކު ހުޅަނގު އައްސޭރީގައި ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުން ބުނެފައިވެ އެވެ. މި މުއްދަތުގައި އިޒްރޭލުގެ ވެސް 32 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންދާ
09 February 2025
ކޮންފަދަ މުސީބާތެއްތޯ މިއީ