ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ބައްޕާފުޅު، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝައިހް މުޖީބުއްރަހްމާން ދިރިއުޅުއްވި، މިހާރު ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރާ ގެ ތަޅާލާފައި: ހަމަނުޖެހުންތަކާ އެކު ބަންގްލާދޭޝްގައި ވަނީ 1،300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
11 ފެބުރުއަރީ 2025 - 06:25
ބޮޑުވަޒީރުކަމުގެ މަގާމުން މިދިޔަ އަހަރު ދުރުކުރި ޝައިހް ހަސީނާއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ގޭންގުތަކާ ދެކޮޅަށް ހިންގި "އޮޕަރޭޝަން ޑެވިލް ހަންޓް" ގައި 1،300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބަންގްލާދޭޝްގެ ފުލުހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓުގައި ދަރިވަރުން އިސްނަގައިގެން ގެނައި އިންގިލާބުގައި ހަސީނާ މަގާމުން ދުރުކުރުމަށްފަހު ވެރިކަމާ ހަވާލުވި އިންތިގާލީ ސަރުކާރުގެ އިންޓީރިއާ މިނިސްޓަރު ޖަހަންގީރު އަލަމް ޗައުދަރީ ވިދާޅުވީ "ވިޔާނުދާ އަމަލުތައް ނައްތާލެވެންދެން" އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު އިނަމުލް ހައްގު ސަގަރު ވިދާޅުވީ އޮޕަރޭޝަންތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި ނަމަވެސް ހޮނިހިރު ދުވަހު އޮޕަރޭޝަން ފަށައި "ގައުމުގެ އެކި ކަންކޮޅުތަކުން 1،308 މީހަކު ހައްޔަރުކޮށްފައިވާ" ކަމަށެވެ.
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ބައްޕާފުޅު، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝައިހް މުޖީބުއްރަހްމާން ދިރިއުޅުއްވި، މިހާރު ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރާ ގެ ތަޅާލަނީ. -- ފޮޓޯ: އޭއެފްޕީ
މި އޮޕަރޭޝަން ފެށީ މިދިޔަ މަހު ތެރޭ އަނެއްކާވެސް ބަންގްލާދޭޝްގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި ވަނިކޮށެވެ.
ހަސީނާގެ ވެރިކަން ވައްޓާލިތާ ހަ މަސް ފުރުމާ ދިމާކޮށް މި މަހުގެ ފަސް ވަނަ ދުވަހު އެތައް ހާސް ބަޔަކު އަނެއްކާވެސް ވަނީ ހަސީނާގެ ގަނޑުވަރު ހުރި އިމާރާތަށް ވަދެގެންފަ އެވެ. އަދި ހަސީނާގެ އާއިލާއާ ގުޅުން ހުރި ބައެއް އިމާރާތްތައް އެކްސްކަވޭޓަރު ބޭނުންކޮށްގެން ވަނީ ތަޅާލައިފަ އެވެ.
މުޒާހަރާތައް ފެށުނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައ ހައްޔަރުކުރުމުގެ އަމުރާ ހިލާފުވެފައިވާ އުމުރުން 77 އަހަރުގެ ހަސީނާ އިންޑިއާއިން ހިމާޔަތް ހޯދައިގެން އުޅުއްވަމުން ފޭސްބުކް ލައިވެއްގައި ތަގުރީރެއް ދެއްވަން އުޅޭ ކަމަށް އަޑު ފެތުރުމާ އެކުގަ އެވެ.
ގެއްލުންދިން އިމާރާތްތަކުގެ ތެރޭގައި ހަސީނާގެ ބައްޕާފުޅު، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝައިހް މުޖީބުއްރަހްމާން ދިރިއުޅުއްވި، މިހާރު ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރާ ގެ ވެސް ހިމެނެ އެވެ. މި އަމަލުތައް އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy