ރިޕޯޓް / މީހުން

ގާސިމަށް ފުރަތަމަ ނަޒަރުން ވެވުނު މި ލޯބި، ވަރަށް ލޯބި!

ގާސިމް (ކ) ގެ ބަޔޯގްރަފީ ނެރުމުގެ ހަފުލާގައި އައިޝާއާ އެކު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ފަންސަވީހަކަށް އަހަރު ކުރި އެވެ. ރާއްޖޭގައި މަޖައްލާ ނެރުމުގެ ފޯވައްސެއް އައިސްފައި އޮތް ދުވަސްވަރެކެވެ. އެ މަޖައްލާތަކުގެ ކަވަރު އާއްމުކޮށް ފަޅުފިލުވަމުން ދިޔައީ ޒުވާން އަންހެން މޮޑެލުންނެވެ. އެއް ފަހަރަކު 'އައްޑުވަސް' އިން ތަފާތެއް ގެނަ އެވެ. ކަވާސްޓޯރީއަކަށް ގެނެސްދިނީ 'ބުރުމާ ގާސިމް' ގެ ނަމުން މުޅި ރާއްޖެ އަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމެވެ.

ރަސްމީކޮށް ހެދުން އަޅުއްވައިގެން، ސީރިއަސް ބައްދަލުވުންތަކުން އާއްމުކޮށް ފެންނަ ގާސިމްގެ ކަވާ ފޮޓޯއަކަށް އެ މަޖައްލާ އިން އިހުތިޔާރުކުރީ، މާޖެހި ގަމީހަކާއި ސޯޓެއް ތުރުކުރައްވައިގެން ގޮނޑުދޮށުގައި އޭނާ ހިތްފަސޭހައިގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެކެވެ. އެ އަށް ވުރެ ވެސް އަޅައިގަތީ އެ ކަވާސްޓޯރީގެ ސުރުހީ އެވެ. އޭރު ވެސް ހައެއްކަ ކައިވެނި ކުރައްވާފައިވާ ގާސިމް ސުރުހީގައި ވިދާޅުވެފައި އޮތީ ރީތި އަންހެން ކުއްޖަކާ ދިމާވެއްޖެ ނަމަ އަދިވެސް ކައިވެނި ކުރެވިދާނެ ކަމަށެވެ.

އަތުފަތުނުޖެހި ވިކި ހުސްވި 'އައްޑުވަސް' ގެ އެ އަދަދު ކީ އެތައް ހާސް ދިވެހީންގެ ތެރެއިން އެކަކަކީ ހއ. ހޯރަފުށީ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ އާއިޝަތު ނަހުލާ އެވެ. ކީއްވެ ކަމެއް ނޭގެ އެވެ. އެ ސުރުހީ ފެނިފައި އައިޝާ އަށް ހިތާހިތުން ބުނެލެވުނެވެ. މީނާއާ ތިމަންނަ ކައިވެނި ކުރާނަމެވެ. އެއީ ޔަގީނުން ވެސް، އެހާތަނަށް އޭނާއާ ބައްދަލުވެފައި ވެސް ނުވާ އެ ވަރުގަދަ ޝަހުސިއްޔަތާ މެދު ލޯބީގެ ނުވަތަ އެ ނޫން ވެސް އިހުސާސެއް ކުރެވިގެން އައިޝާ އަށް ބުނެވުނު އެއްޗެއް ނޫނެވެ. އެކަމަކު ބައެއް ފަހަރު ތަގުދީރަކީ....

އޭގެ ދެ ތިން އަހަރެއް ފަހެވެ. އައިޝާގެ ދޮންބައްޕަ ވަރަށް ބޮޑަށް ބަލިވެގެން އިންޑިއާ އަށް ފަރުވާ އަށް ދާން ޖެހުނެވެ. އަތްމަތި ދަތިކަމުން އެފަދަ ކަމެއް ކުރެވެން އޮތީ މީހެއްގެ އެހީގައި ކަމަށްވާތީ، އެ މުހުތާދައިގެން އޭނާ ހިނގަމުން ދިޔަ އެވެ. އަދި ވިޔަފާރިކަމުގައި އުތުރަށް ކުރައްވަމުން ގެންދެވި ދަތުރުވަރެއްގައި ހޯރަފުށީގައި އެ ވަގުތު ހުންނެވި ގާސިމާ ބައްދަލުކޮށް އެހީއަކަށް އެދުނެވެ. އެ މީހާގެ ހާލަތު ފެނި ގާސިމަށް ކުރެއްވި އަސަރުން ވަގުތުން ވަގުތަށް އެހީދެއްވަން ނިންމަވައި ތިން ދުވަސް ފަހުން މާލޭން ބައްދަލުކުރަން ދައުވަތު ދެއްވި އެވެ.

'އައްޑުވަސް' ގެ ކަވަރުގައި ޖެހި ގާސިމްގެ ފޮޓޯ.

ވިލާ އޮފީހުގައި އޮތް އެ ބައްދަލުވުމަށް އެ މީހާ ދިޔައީ، ދޮންދަރިފުޅު އައިޝާ ގޮވައިގެންނެވެ. އެއީ އައިޝާ އެއްކަހަލަ އެ މީހަކާ ކައިވެނި ކުރާނެ ކަމަށް ހިތާހިތުން ބުނެވުނު ގާސިމާ އަލަށް ބައްދަލުވާ ދުވަހެވެ. އެކަމަކު އައިޝާ އަށް އެއީ ހަމައެކަނި އޭނާގެ ދޮންބައްޕަ އަށް އެހީތެރިކަމެއް ލިބެން މެދުވެރިވާ ބައްދަލުވުމެވެ. އެ ނޫން ހާއްސަ ކަމެއް އޭނާ އަކަށް އެ ދުވަހު އިހުސާސެއް ނުކުރެވެ އެވެ.

ގާސިމަށް ވެސް އެއީ އޭނާގެ ހިތަށް އެންމެ ބޮޑު ހަމަޖެހުމެއް ގެނެސްދޭ އެއް ކަންތައް ކަމަށްވާ މީހަކަށް އެހީގެ އަތެއް ދިއްކޮށްލެވުމުގެ ފުރުސަތު ލިބޭ ބައްދަލުވުމެކެވެ. އެކަމަކު އެއީ އައިޝާ ފެންނަންދެނެވެ. ދޮންބައްޕައާ އެކު، ބައްދަލުވުމަށް އައިސް ހުރި ޒުވާން އައިޝާ ފެނުމާ އެކު، ގާސިމްގެ ހިތުގައި ހިނގައިގަތީ އެހެން ކަހަލަ އިހުސާސަކާއި ޝުއޫރެކެވެ. އެ އަށް ގާސިމް ދެއްވި ނަމަކީ އިހުތިރާމެވެ. ސަބަބަކީ، ދޮންބައްޕައެއް ގޮވައިގެން ބޭސް ދަތުރެއް ކުރުން ފަދަ ބޮޑު ޒިންމާއެއް ޒުވާން އަންހެން ކުއްޖަކު ނެގުމެވެ. ހާލު ބައްލަވަން ކަމަށް ވިދާޅުވެ ގާސިމް އައިޝާގެ ފޯނު ނަމްބަރު ނެންގެވި އެވެ. އައިޝާ ހިތަށް އެރި އެވެ. ގާސިމް އެހީ ދެއްވާ އެންމެންގެ ނަމްބަރު ވެސް ނަންގަވާބާވަ އެވެ؟

ނޫނެކެވެ. އައިޝާ ހާއްސައީ އެވެ. އިންޑިއާ އަށް ގޮސް އައިޝާ އަށް ހޮޓަލަށް ނުވަދެވެނީސް ގާސިމް ގުޅުއްވި އެވެ. އަދި ލަހެއް ފަހެއް ނުކުރައްވައި ހިތުގައި އޮތް ގޮސް ސާފުކޮށް ވިދާޅުވެދެއްވި އެވެ. އައިޝާ ކަމުގޮސްފި ކަމަށާއި، ކައިވެނިކުރައްވަން ބޭނުން ކަމަށެވެ.

ފުރަތަމަ ވެސް ކައިވެނިކުރައްވާ ވާހަކަ ގާސިމް ވިދާޅުވުމުން އައިޝާ ކުޑަކޮށް ފިކުރު ބޮޑުވި އެވެ. އޭނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމަށާއި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށާއި އެހެންކަމުން ގާސިމާ ކައިވެނިކުރެވޭކަށް ނެތް ކަމަށް ބުންޏެވެ.

ގާސިމްގެ ހަތް ވަނަ އަނބިމީހާ އައިޝާ. -- މިހާރު ފައިލް ފޮޓޯ

ގާސިމަށް ޖަވާބުގައި ވިދާޅުވެވުނީ އެހެންވީމާ ތިޔަ ކައިވެނި އަވަހަށް ކުރާށޭ އެވެ. އެކަމަކު ގާސިމުގެ ހިތް ބުނާ ކަހަލަ އެވެ. ނޫނެކެވެ. ކައިވެނި ކުރަން ވާނީ އަޅުގަނޑާ އެވެ. އެންމެ ފަހުން އެހެން އަސްލަށް ވެސް ވިދާޅުވެވޭން ފެށީ އެވެ. ސަމާސާ ކަމަށް ހައްދަވައި، ދޭތެރެއަކުން ކައިވެންޏަށް އެދެ އެވެ. ނަހުލާގެ ޖަވާބަކަށް ބަދަލެއް ނާދެ އެވެ. އެހެންވެ ގާސިމް ކުޑަކޮށް ގޮންޖައްސަވާ ރާގަކަށް، އައިޝާއާ ކައިވެނިކުރާނެ ކަމަށް ވިދާޅުވެ އެވެ.

ގާސިމާ ކައިވެނި ކުރަން ބޭނުންނުވިޔަސް އައިޝާ އެކުވެރިކަން ބާއްވަ އެވެ. އެކަން އެހެންވާ ގޮތަކީ، ގާސިމް ފޯނު ކުރައްވާއިރު ވެސް ނޭދެވޭ ކަމެއްގެ ވާހަކައެއް ނުވަތަ އެފަދަ މަގަކަށް ހިނގައިދާނެ ފަދަ މޭރުމަކުން ވެސް ވާހަކަ ނުދައްކަވާތީވެ އެވެ. ގާސިމް މުޅީން ވެސް ހައްސަވަނީ ހާލެވެ. ދެއްވަނީ ބައްޕަގެ ބަލީގެ ކަންކަމުގައި ހިތްވަރެވެ. އެހެންވެ ގާސިމާ މެދު އައިޝާގެ ހިތުގައި އިހުތިރާމް އޮންނަނީ އެވެ.

އޭގެ ފަހުން އޮގަސްޓް، 2004 ގައި މާލޭގައި ހިނގިދިޔައި ސިޔާސީ ހަރަކާތް 'އޮގަސްޓް ބާރަ، ތޭރަ' ގެ މައްސަލައިގައި ގާސިމަށް ޖަލަށް ލުމުން އޭނާ އަށް އައިޝާއާ ގުޅޭ ގޮތެއް ނުވި އެވެ. އެކަމަކު ޖަލުން ސަލާމަތްވެވަޑައިގަތުމުން އަނެއްކާ ވެސް އެ ފޯނު ކޯލުގެ ސިލްސިލާ ފެށްޓެވި އެވެ. އޭރު އައިޝާގެ ކޮއްކޮއަކަށް ދިމާވި ކަމެއްގައި ވެސް ގާސިމް ވަނީ އެހީތެރިކަން ދެއްވައިފަ އެވެ. އަދި އެ ކޮއްކޮ އިންޑިއާގައި ކިޔެވުމުގެ ފުރުސަތު ވެސް ގާސިމް ފަހިކޮށްދެއްވި އެވެ.

ކޮއްކޮގެ ޗުއްޓީއެއްގައި އައިޝާ ވެސް އިންޑިއާގައި ހުއްޓާ، ގާސިމް އަމިއްލަ ކަމެއްގައި ނިއު ދިއްލީ އަށް ދަތުރެއް ކުރެއްވި އެވެ. އަދި އިންޑިއާގައި ހުންނަވައި އައިޝާ އަށް ގުޅުއްވައި ގާސިމް އެދިވަޑައިގަތީ އޭނާއާ އެކު، އާގަރާ އަށް ގޮސް ތާޖު މަހަލް ދެކިލުމަށެވެ. ލޯބިވެރިންގެ ގަނޑުވަރެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރު ތާޖު މަހަލުގައި އައިޝާ އާއި އޭނާގެ ކޮއްކޮއާ އެކު ގާސިމް ފޮޓޯ ނެންގެވި އެވެ. އަދި ފަހަރުގައި އެ ދަތުރުގެ ބޭނުމެއް ކަމުގައި ގާސިމް ހައްދަވައިގެން ހުންނެވި ކަންތައް ކަމަށްވާ، އައިޝާ އަށް ކައިވެނީގެ ޕްރޮޕޯޒް ކުރެއްވި އެވެ. އައިޝާ މި ފަހަރު ދިން ޖަވާބަކީ މަންމަ އާއި ބައްޕަ ބުނެފި ނަމަ އެ ކައިވެންޏަށް ރުހޭނެ ކަމަށެވެ. ގާސިމް ވަގުތުން އައިޝާގެ މައިންބަފައިންނާ ބައްދަލުކޮށް ރުހުން ހޯއްދެއްވި އެވެ. އެ ހިސާބުން ކައިވެނީގެ ރޭވުންތައް ރާވަން ފެށި އެވެ.

ގާސިމް (ކ) އެންމެ ބޮޑު މަސައްކަތެއް ކުރައްވައިގެން ހާސިލްކުރެއްވި ލޯބިވެރިޔާ ކަމަށްވި އައިޝައާ އެކު.

އޭރު ރައީސް މައުމޫން އަބްދުލްގައްޔޫމް އޮތީ ގާސިމަށް ފިނޭންސް މިނިސްޓަރުކަން ފަސް ވަނަ ފަހަރަށް ހުށަހަޅުއްވައިފަ އެވެ. ގާސިމް އެކަން ގަބޫލުކުރައްވައިފި ނަމަ އެއީ އޭރު އޭނާ ވެސް އިސްކޮށް ހުންނަވައި ކުރިއަށް ގެންދިޔަ އިސްލާހީ ހަރަކާތަށް އޭނާ އަށް ވެވޭނެ ބޭއިންސާފެއް ކަމަށް އޮތީ ބެލެވިފަ އެވެ. އެހެންވެ ކަންނޭގެ އެވެ. ކުރީ ހަތަރު ފަހަރު އޭނާ ދެއްވީ ނޫން ޖަވާބެވެ. އެކަމަކު މި ފަހަރު އޭނާ ނިންމެވީ އެ ހުށަހެޅުން ގަބޫލުކުރައްވައި މައުމޫންގެ އިސްލާހީ އެޖެންޑާއާ އެކު ކުރިއަށް ވަޑައިގަތުމަށެވެ. އައިޝާގެ ލޯބި ހާސިލްކުރެއްވި ހަޔާތަށް އައި އުފާވެރިކަމާ އެކު އައު ހިޔާލާއި ވިސްނުންތަކަށް ސިކުނޑި ފުރުސަތު ދިނީ ކަމަށް ވެސް ވެދާނެ އެވެ.

ކަންދިމާކުރި ގޮތުން އައިޝާ އާއި ގާސިމްގެ ކައިވެނި ކުރަން ރޭވި ދުވަހަކީ، ފިނޭންސް މިނިސްޓަރުކަމުގެ ހުވާ އޭނާ ކުރައްވަން ހަމަޖެހުނު ދުވަހެވެ. އެ ދުވަހު ރައީސް އޮފީހުގައި ހުވާ ކުރެއްވުމަށް ފަހު، ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އަށް ވަޑައިގެން އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ވަޑައިގަތީ ކައިވެންޏަށް، އޭނާގެ އަމިއްލަ ރިސޯޓް ޕެރެޑައިސް އައިލެންޑަށެވެ.

ފާލަމުން ގާސިމް އެ ރިސޯޓަށް ފައިބައިވަޑައިގެންނެވި އިރު ކައިވެނީގެ ހެދުމުގައި އައިޝާ އިންނެވިތަން ފެނި އޭނާ އަށް ކުރެއްވުނީ ވަރަށް އެހެން ކަހަލަ އިހުސާސެކެވެ. ހިތުގައި ހިނގައިގަތީ އާދަޔާ ހިލާފު ޝުއޫރެކެވެ. އައިޝާއާ މެދު ހިތުގައި އޮތް ވަރުގަދަ ލޯބީގެ އިހުސާސްތަކާއި ޝުއޫރުތަކެވެ. އެއީ ދުވަހަކު ވެސް އޭނާ އަންހެން ކުއްޖަކު ހާސިލުކުރައްވަން ނޫޅުއްވާ ވަރަށް އުޅުއްވައިގެން ކާމިޔާބު ކުރެއްވުނު ލޯތްބެކެވެ.

ނަމަވެސް އެ ދުވަސްވަރުގެ ބުރަ ދިރިއުޅުއްވުމުގެ ސަބަބުން މާމުއިހަނދުގެ ދުވަސްތަކުގައި އައިޝާއާ އެކު މާގިނަ ވަގުތު ހޭދަކުރައްވަން ފުރުސަތެއް ގާސިމަށް ލިބިވަޑައެއް ނުގަންނަވަ އެވެ. ދުވާލު އޮންނަނީ ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޒިންމާތަކާއި އަމިއްލަ ވިޔަފާރީގެ ކަންކަމެވެ. ރޭގަނޑު އޮންނަނީ އެކިއެކި ބޭނުންތަކުގައި އަންނަ މީހުންނާ ބައްދަލުކުރެއްވުމެވެ. އެކަންކަން ނިންމަވައި އައިޝާ ހުންނަ ގެޔަށް ގާސިމަށް ވަޑައިގެންނެވޭއިރު ހުންނަނީ މެންދަންވެފަ އެވެ. އެ ވަރުބަލިކަމާ އެކު ވެސް ގާސިމް އެ ގެޔަށް ވަޑައިގަންނަވާނީ ދަތްއުނގުޅައި، ރީތިވެލައިގެން، ސެންޓު ޖައްސަވައިގެންނެވެ. އޭނާ އާއްމުކޮށް ބޭނުންކުރައްވަނީ އައިޝާ އަށް އެންމެ ކަމުދާ 'ކްރީޑް' ސެންޓެވެ. ނުވަތަ 'ސްކަލްޕްޗާ' އެވެ.

ގާސިމް އާއި އައިޝާ، ކުދީންނާ އެކު އުމްރާ ދަތުރެއްގައި ދިއުމަށް ފުރަން ފާލަމުގައި.

ގާސިމް ވަޑައިގަންނަވާއިރު އޭނާގެ އިންތިޒާރުގައި އައިޝާ ނުނިދާ އިންނަވަ އެވެ. ގާސިމަށް ވާވަރަކީ، "ދޫންޏާ، މިހާރު މަގޭ ދެފައެއް ނެތޭ" ވިދާޅުވެ، ވެފައި ހުންނަ ވަރުބައްޔާ އެކު އެނދުގައި އޮށޯވެވުމެވެ. އަދި އައިޝާ ގާތު ބުރަކަށި ކަހައިލަދޭން އެދިވަޑައިގަންނަވަ އެވެ. އެކަމަކު އައިޝާ އެ އަށް ވުރެ ރަނގަޅެވެ. އޭނާ ގާސިމްގެ ބޮލާއި ބުރަކަށި މޮޑެދެ އެވެ. ފައިތިލަ އަށް ފިއްތައިދެ އެވެ.

އައިޝާ ވެސް ވަރުބަލިވެފައި ހުންނާނެތީވެ ގާސިމަށް ވިދާޅުވެވެނީ ދެން އޮށޯންނާށޭ އެވެ. އެ ލޯބީގެ ދާނުގައި ގާސިމަށް މާގިނައިރު ނިދަން އޮންނެވޭކަށް ނޯވެ އެވެ. މަސައްކަތުގެ ބުރަ ކަމުން، ފަތިހުފަތިހާ ހޭލުން ނޫން ގޮތެއް ނޯވެ އެވެ. އެކަމަކު ކިތަންމެ އައިޝާއާ އެކު ހޭދަކޮށްލެވޭ ކުޑަ ވަގުތުކޮޅަކީ ވެސް އުމުރުން އޭރު އުމުރުން ފަންސާހުން މަތީގައި އުޅުއްވާ ގާސިމްގެ އެ ބުރަ ދިރިއުޅުއްވުމުން ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ޖުމްލަ 8 ކައިވެންޏެއް ކުރެއްވި ގާސިމުގެ ލޯބީގެ ހަޔާތުގައި ފޮޅުނު އެންމެ ރީތި އެއް މަލަކީ ޔަގީނުން ވެސް އައިޝާ އެވެ.

އެޑިޓަރުގެ ނޯޓް: މި ރިޕޯޓް ބިނާކޮށްފައި ވަނީ މުހައްމަދު ޖަމީލް ލިޔުއްވާފައިވާ ގާސިމް އިބްރާހީމްގެ ބަޔޯގްރަފީ 'ގާސިމް އިބްރާހީމް: ލާމަސީލު ދިވެހި ދަރިއެއް' މި ފޮތުން ނަގާފައިވާ މައުލޫމާތުތަކުގެ މައްޗަށެވެ.

32 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 2%
icon angry icon angry 12%
icon wow icon wow 14%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަން ކަމަނަ

13 February 2025

އަސްލު ވާގޮތަކީ ގާސިމު ސަރ އަށް މުއްސަދިން އުޅޭ ގޮތަށް ޑިސަންޓްކޮށް އުޅުއްވަން އެގިވަޑައި ނުގަންނަވަނީ އެހެންވެ އާދައިގެ އުޅުމެއް އިހުތިޔާރު ކުރެއްވީ..

The name is already taken The name is available. Register?

އެނދިމަރިޔަނބު

13 February 2025

ރީތި އަނތްބަކު ލިބުނީމަވެސް ބުރަކަށި ކަހާލާފަ ނިދަނީ ތި. ބުރަކަށި ކަހާ ދަނޑިއެއް ލިބޭނެ 20 ރުފިޔާއަށް.

The name is already taken The name is available. Register?

މަޖާޒު

13 February 2025

ދެން ލިބުނުހާ ކުދިންނޯ؟

The name is already taken The name is available. Register?

އައިމީނަ

12 February 2025

ރާއްޖޭގެ ކައިވެނިކުރުމުގެ ކުރިން ތާޖުމަހަލް ބަލާލަން ދިއުން ވަރަށް ބުއްދިވެރިކަމެއްކަން އެނގިގެން ހިގައްޖެ. ތާޖުމަހަލް އަށް ނުގެންދިޔަނަމަ ބުރަކަށި ވެސް ކަހައިނުދެވުނީސް. ބޯމޮޑެވެސްނުދެވުނީސް.

The name is already taken The name is available. Register?

ލޯއްބެއްގެ ނިމުން

12 February 2025

ލޯބީގެ މައިދާނުގައި މަނިކުފާނު ގެންގުޅުއްވާފައިވާ ސީކުރެޓު ފޮނި ކާމިޔާބީގެ ތެރޭގައި މާ ބޮނޑިހިފާއިގެން ގޮސް ދޮރަށް ޓަކި ދީގެން ވެސް ލޯބި ހޯދާފައިވުމަކީ އެހެން އައުލާދަކަށް ނުވާވަރުގެ ބޮޑު ކާމިޔާބީއެއް!.؟.'

The name is already taken The name is available. Register?

ޖަވާހިރެއް

12 February 2025

20އ ކުރި، ދަރިފުޅު ރާއްޖެން ބޭރު ހޮސްޕިޓަލެއްގައި ފަރުވާދެމުން ދާތާ 25ދުވަސް ވިތަނާ ލޯނަކަށް އެދުމުން ވިދާޅުވި ލޯނެއް މިހާރު ނުދެމޭ އެކަމަކު ހާދަ ލާރިއެކޭ، ކީކުރަންހޭ ތިހާ އަގުބޮޑުތަނަކަށް ދިޔައީ، ތަފުސީލްދިނުމުން ވިދާޅުވީ ތިވަރަކުންވެސް ނުވާނެނުންހޭ ވިދާޅުވެ ވަގުތުން އެހީތެރިކަމެއްގެ ގޮތުގަ ހަމަޖައްސާދެއްވި އަދި ނައްޓާލަމުން އުޅެނީ މިކުންފުނީގެ އެގްޒެކްޓިވް ލެވެލްގަ މިވެނި ވަޒީފާ އެއްގައޭ ބުނުމް ވިދާޅުވީ އެހެންހެއްޔޭ، ދަރިފުޅަށް ވަރަށް ސަލާމޯ!

The name is already taken The name is available. Register?

ޝެލަރީ

12 February 2025

މީ ހަމަސީދާ ޓިކްޓޮކް ޔޫއްޓޭއަށް ޖެހި ޖޯކެއް ޔޫއްޓޭ ބުނީ މީނީޖައްސާނެގަލެއް ނުލިބިފަޔޯ

The name is already taken The name is available. Register?

އއަޔ

12 February 2025

ގާސިމްގެ ސަޅި ތަންކޮޅަކީ ވިަޔާނުދާގޮތްގޮތައް އަންހެންކުދިން ނުގެންގުޅެ ކާވެނިކުރާކަން

The name is already taken The name is available. Register?

މާހިރު

12 February 2025

ތިއީ ވަރަށް ހިނި އަންނަ ޒާތުގެ ވާހަކައެކެވެ. ޤާޞިމް ރަނގަޅަށް އެނގޭނަމަ ތިހެން ނުބުނާނެކަން ޔަޤީނެވެ.

The name is already taken The name is available. Register?

ވޯލް

12 February 2025

ހަހަހަ

The name is already taken The name is available. Register?

ލޯގާލް

12 February 2025

އަސްލު މީހާގެ ހަޔާތުގާ ހަގީގީލޯބި ވެވޭނީ އެކަކުދެކެ. އެކަމަކު ތަންކޮޅެއް ހިތް ބޮޑެތިމީހުންނަށް ދެމީހުންނާ ނުވަތަ ތިންމީހުންނާ ނުވަތަ އެއަށްވުރެއްވެސް އިތުރުމީހުންނާ ހަގީގީ ލޯބި ވެވިދާނެ. އެކަން ގުޅިފާވަނީ ހިތުގެ ކުޑަބޮޑުމިނާ.

The name is already taken The name is available. Register?

ކުޑަކަޅުވާ

12 February 2025

ދަތްއުނގުޅައިގެން ސެންޓުޖަހައިގެން ބުރަކަށީގަ ފިރުމީމަ ތިވަރަށް ކުދިންލިބެންޏާ ތީ އަރަތެއް...

The name is already taken The name is available. Register?

ޖޯލިފަތި

12 February 2025

ހުރިހާ ތަފުސީލެއް ލިޔާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ރާވެރިބެ

12 February 2025

ވަރަށް އުފާވެރި ވާހަކަތަކެއް. ކިތަންމެ މުއްސަންޖަސް ގާސިމްއަކީ ވަރަށް ސިމްޕަލް ކޮށް އުޅުއްވާ ހިތްތިރި ސާދާ މިޒާޖެއްގެ ބޭފުޅެއް. އެއްވެސް ދެއްކުންތެރި ކަމެއް ނުހުންނާނެ. ހުރިހާ އަނބިންނަށް ވެސް ވަރަށް ހެޔޮ. މިރާއްޖޭގެ އެތަށް ހާސް މީބުންނަށް ބޭސްފަރުވާ ފޯރުކޮށް ދޭންފެށި އިރު އާސަންދަ އެއްނެތް. އަދިކޮބާ ކިތަށް ހާސް ކުދިންނަށް ތައުލީމްގެ ފުރުސަތު ހޯދައިދެއްވި. ޟުކުރިއްޔާ ގާސިމް!

The name is already taken The name is available. Register?

ދޫރެސް

12 February 2025

"ސިމްޕަލް" ތިމާނަކުރިގޮތެއް ނޭނގުނު. އެކަމަކު ގާސިމަކީ ހެޔޮ މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454