ބ.ދަރަވަންދޫ އާމިންދައްތަ އައްތަ ޕާޕަރެއް ދައްކާލަނީ. -- ފޮޓޯ:ނިޝާން އަލީ / މިހާރު
17 ފެބުރުއަރީ 2025 - 10:50
މިއީ އޮރިޖިނަލް ދިވެހި ޕާޕަރެކެވެ. އެހާ މީރެވެ. އެހާ މުރަނަ އެވެ. އަނގަޔަށް ލުމާ އެކު ހިމުންވެ އެ ނުކުންނަނީ މީރު މީރު ރަހައެކެވެ.
ތަފާތު ދިވެހި ރަހައަކަށް، ބ. އަތޮޅުގައި އަހަރެމެން އަތްފުނާ އަޅަމުން ދަނިކޮށް އެ އަތޮޅު ދަރަވަންދޫ އިން ފެނުނު މި ޕާޕަރަކީ އެ ރަށު މީހުންގެ "އައްތަ ޕާޕަރެ"ވެ.
މި ރެސިޕީ އުފަންވީ ދަރަވަންދޫ ވައިލެޓްވިލާ އިންނެވެ. މިއީ އެ ގޭގައި މީގެ 40 އަހަރު ކުރިއްސުރެ ތައްޔާރުކުރަމުން އަންނަ އެއްޗެކެވެ. ބަނބުކެޔޮ ބަތާ އެކު މި ޕާޕަރަކީ މަޖުބޫރު މާއްދާއެކެވެ. މި ޕާޕަރުގެ "ބާނީ" އަކީ އެގޭ ޝަރީފާ ހުސެއިން ނުވަތަ އައްތަ އެވެ. އޭނާ މިއަދު ދުނިޔޭގައި ނެތެވެ. އެކަމަކު އައްތަގެ ދަރިފުޅު އާމިނަތު ރަޝީދާ (އާމިންދައްތަ) މި މީރު ޕާޕަރުގެ ރަހަ ގެއްލިދިޔަ ނުދެ އެވެ.
އައްތަ ޕާޕަރު ތައްޔާރުކުރާ މާބުޅާ ފަތް. --- މިހާރު ފޮޓޯ: ނިޝާން އަލީ
މި ޕާޕަރު ތައްޔާރުކުރަނީ މާބުޅާ ފަތުންނެވެ. ހިތެއްގެ ބައްޓަމަށް ހުންނަ މި ފަތަކީ އިހުުގައި ބޭސްވެރިކަމަށާއި އަދި އާއްމު ކެއުމުގައިވެސް ބޭނުންކުރި އެއްޗެކެވެ. މި ފަތުން ޕާޕަރު ތައްޔާރުކުރަނީ ހަވާދުގަނޑެއް ހަދައި އޭގެން ފޯކުކުރުމަށް ފަހު ތެއްލައިގެންނެވެ.
ކުދިވެރިންގެ ކަންކަމުގެ ވަރަށް އަވަދިނެތި އުޅެމުންވެސް ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ ތެރޭ އާމިންދައްތަ އަހަރެމެންނަށް އައްތަ ޕާޕަރު ތައްޔާރުކޮށްދިނެވެ.
- މާބުޅާ ފަތް
- ލޮނުމިރުސް
- ރިހާކުރު
- ރީނދޫ
- ލޮނު
- ގޮދަން ފުށް
- ފެން
އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނިމިރުހާއި ރިހާކުރު އެއްކުރަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ
ޕާޕަރު ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ މާބުޅާ ފަތްތައް ދޮވެ ސާފުކުރާނީ އެވެ. އާންމުކޮށް އަމިއްލަ އަށް ލޮނު މިރުސް ފުނޑައިގެން ބޭނުންކުރި ނަމަވެސް، ވަގުތު ނެތުމާއެކު އާމިންދައްތަ މި ފަހަރު ބޭނުންކުރީ ފިރޯށި ލޮނުމިރުސް ކޮޅެކެވެ. ރަހަލާ ވަރަށް ރިހާކުރުކޮޅެއް އަޅާ ރަނގަޅަށް ލޮނުމިރުހާއި އެއްކޮށްލުމަށްފަހު ކުޑަ ލޮނު ކޮޅަކާއި، ރީނދޫ ކޮޅެއް އެޅި އެވެ. ދެން އަޅަނީ ގޮދަން ފުށެވެ. އެއަށްފަހު ފެން އަޅާ ބޭނުންވާ އޮލަމިން އަންނަންދެން ގިރަނީ އެވެ.
އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނުމިރުސް ގަނޑު ތެރެއަށް ގޮދަން ފުށް އަޅާފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ
އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނުމިރުސް ގަނޑު ތެރެއަށް ގޮދަން ފުށް އަޅާފައި އެއްކުރަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ
އާމިންދައްތަ ބުނީ ރިހާކުރު މާ ގިނަވެއްޖެނަމަ ފަތުގައި ހަވާދުގަނޑު ހަރުލުމަށް އުނދަގޫވާނެ ކަމަށެވެ. އަދި މި ހަވާދުގަނޑުގެ އޮލަމިން ހުންނަންވާނީ ފެންފޮޅި އަޅާވަރަށްވުރެ ކުޑަކޮށް އޮލަކޮށް ކަމަށް ވެސް ބުންޏެވެ.
ދެން އެންމެ މުހިންމީ ޕާޕަރު ތެލުލުމުގެ ކުރިން ތެޔޮގަނޑު ރަނގަޅަށް ހޫނު ކުރުމެވެ. އެނޫންނަމަ ނިމޭއިރު ހަވާދާއި ފަތާއި ތެލުލެވޭނީ މުޅިން ވަކިވަކިންނެވެ.
ތެޔޮގަނޑު ރަނގަޅަށް ހޫނުވުމުން، ފަތުގެ ދެ ފުށުގައި ރަނގަޅަށް ހަވާދު ގަނޑު ހޭކުމަށްފަހު މަޑުގިނީގައި ތެލުލާށެވެ. ތެލުން ނަގާއިރު ކުޑަކޮށް މަޑުވިޔަސް، އިރުކޮޅެއް ތެރޭ މުރަނަވާނެ އެވެ.
ހަވާދުގަނޑުގެ ދެފުށުގައި ރަނގަޅަށް ހަވާދުގަނޑު ހާކަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ
މި ޕާޕަރުގެ އެންމެ ހާއްސަ ކަމަކީ މީގެ މުރަނަ ކަމާއި ރަހައެވެ. ދިވެހި ކޮންމެ ކެއުމަކާއި އެކުވެސް ރަހަ އެހާމެ ހެޔޮވަރުވާނެ އެވެ. ލޮނުމިރުހާއި ރިހާކުރާ އެއްކޮށްލުމުން މީގައި ބޮޑަށް ހުންނަނީ ކުޅިކާޖާ ކަހަލަ މީރު ރަހައެކެވެ. އެކަމަކު އެއަށްވުރެ ވެސް މުރަނަވުމުން ހަމަ އަސްލުވެސް ޕާޕަރެއް ކެވޭ ކަހަލަ އެވެ.
ހަވާދުގަނޑުގެ ދެފުށުގައި ރަނގަޅަށް ހަވާދުގަނޑު ހާކަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ
އާމިންދައްތަ ކުރެން އެންމެ ފަހު ސުވާލަކަށް އަހާލެވުނީ މި ކައި އުޅުނު ގޮތެވެ. އެހިސާބުން ދެން ކުޅުދިޔާވީ އަނެއްކާވެސް މުޅިން އެހެން ރެސިޕީއަކަށެވެ. އެކިކަހަލަ ބަތްތަކާއި އެކު އައްތަ ޕާޕަރުކެވުނަސް އާމިންދައްތަ އަށް އެންމެ ހާއްސައީ ބަރަބޯ ބަތާ އެކު އައްތަ ޕާޕަރު ކެއުމެވެ. މިއީ އަލުވި ބަތާއި، ބަނބުކެޔޮ ބަތް ހެން ކައްކާއުޅޭ ބަތެއް ނޫނެވެ.
އައްތަ ޕާޕަރު ރަނގަޅަށް ތެލުލާފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ
އޭގެ ބަދަލުގައި ރަނގަޅު ފިޔާގަނޑެއް މީރުކޮށް ހިކިމަހާއި ގިތެޔޮ މިރުހާއި ކުޑަ ކުޑަ ރީދޫކޮޅަކާއި އެކު ތައްޔާރުކޮށްލަނީ ކުދިކޮށް ކޮށާފައި ހުންނަ ބަރަބޮލެވެ. ރަނގަޅަށް ކެކި ރޯފިލުމުން އެއްކޮށްލާނީ ކައްކާފައި ހުރި ބަތްކޮޅަކާ އެވެ. ގާތްގަނޑަކަށް ދިވެހި ބަރަބޯ ފްރައިޑް ރައިސް އެކެވެ.
އައްތަ ޕާޕަރު. -- މިހާރު ފޮޓޯ: ނިޝާން އަލީ
އައްތަ ޕާޕަރުގެ ރަހަ އަހަރެމެންނަށް ބަލާލެވުނީ ދަރަވަންދޫ އިން މާލެ އައުމަށް ފްލައިޓަށް ޗެކްއިން ކުރުމަށް ފަހު އެގެޔަށް ގޮހެވެ. އެކަމަކު ނަސީބަކުން ދަރަވަންދޫއިން ހެޔޮވަރުވަރެއްގެ މާބުޅާ ފަތްކޮޅެއް ލިބުމުން ހިތަށް އަރުވައިގެން މި ހުންނަނީ ބަރަބޯ ބަތްކޮޅެއް ކައްކައި، އެއާ އެކު ކާން އައްތަ ޕާޕަރު ތެއްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
22 February 2025
ބީރަށްޓެހީންގެ ހަޑިހޭވުމެއް.
އަހުމަދޭ
18 February 2025
ގައިމު އިހަށް ދުވަހު ހަމަ މި ރިޕޯޓް ލިޔުނު ނޫސްވެރިޔާ ލިޔުނު ލިޔުމެއްގައި އިން ޑީޕް ފްރައިކޮށްފަ ހުންނަ އެއްޗެހި ކެއުމަކީ ގެއްލުންހުރި ކަމެކޭ އެޔެކީ މިއެކޭ ފަޅޮލޭ ކިޔާފަ. މިއަދު މި ޕްރޮމޯޓް ކުރަނީ ދެން ކޯއްޗެއްބާ؟
ނޭގޭތީއަހާލީ
18 February 2025
ކޮބާތަ "ތެއްލައިގެންނެވެ" މި ބަހުގެ މާނައަކީ؟
ރޯނޭ
18 February 2025
މައްސާގުފަތްވެސް ތޮގޮތަށް ތެއްލައިގެން ކައިއުޅޭ، ވަރަށްމީރު ކަމަށްވަނީ
2025
17 February 2025
މި ދިވެހިންގަނޑު މިތިބެނީ ތި ފާޑުފާޑުގެ ތެލުލި އެތިވަރު ކައިގެން ހިރި ނުލެވިފަ..... ބޮއިހަލަކި
އައްތަންމާ
17 February 2025
ތިއީ އަހަރެމެން ރަށުގަވެސް މާ އިހު ޒަމާނުން ފެށިގެންވެސް ކާ އެެއްޗެއް. ދޮންކަލޯމެނަށް އާ އެއްޗަކަށްވެ އާޝޯހުވިޔަސް
މަމަ
17 February 2025
އާމިން ދައްތަ އެއް ނޫން. އައިން ދައްތަ (ދައްތަގެ ނަމުގެ އައި ކިޔާނީ ދިވެހިން އާންމުކޮށް ފައި ކިޔާ ގޮތަށް އައިބައި ފިލި ބޭނުންކޮށްގެން) އައިން ދައްތަ އިޒް ލަވް
ކިއްލާ2222
17 February 2025
ތިޔަށް ޕާޕަރެއް ނުކިޔާނެ! ޕާޕަރަކީ ތެލުނުލާ ހުންނަ އެއްޗެއް! ދެން ތެލުލަނީ! ތީ އެއވެސް އެއްޗެއް ނުން!
މި އެއްވަނަ
17 February 2025
މި އެއްވަނަ
ފުއްޖެހި މާބުޅާ
17 February 2025
ތީ ދިވެހިރާއްޖޭގެ ވަރަށްގިނަ ރަށްރަށުގަ ހަދާ ކާނާގެ ބާވަތެއް. ޚާއްސަކޮށް އުތުރުގެ ރަށްތަކުގަ