18 ފެބުރުއަރީ 2025 - 11:36
ދިރާގާއި މަމްސް އެއިޑް ގުޅިގެން "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް މި އަހަރު ވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
މިއީ ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ވެސް މަމްސް އެއިޑާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށް ވެސް ހުޅުވާލައިފަ އެވެ.
ރޯދަ މަހު މަމްސް އެއިޑް އިން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ މަގުސަދަކީ، މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލައި މައިންނަށް ރޯދަ މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް ފޯރުކޮށްދިނުމެވެ.
މަމްސް އެއިޑަކީ އަންހެނުން، ހާއްސަކޮށް މަންމައިން ބާރުވެރިކުރުވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ ޖައްމިއްޔާއާ ގުޅިގެން މިފަދަ އެކި ޕްރޮގުރާމުތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy