ފަލަސްތީނުގެ ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަންކުރި ދުވަހަކު ހަނގުރާމަވެރިން އެ ސަރަހައްދު ބަލަހައްޓަނީ: ބާކީ ތިބި ރަހީނުން ވެސް މިނިވަންކުރަން މިހާރު ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
18 ފެބުރުއަރީ 2025 - 19:40
ފަލަސްތީނުގެ ޖަމާއަތްތަކުން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން މިހާރު މިނިވަންނުކޮށް ތިބި ހަ މީހުން ވެސް، އެއްބަސްވުމާ އެއްގޮތަށް ހޮނިހިރު ދުވަހު މިނިވަންކުރާނެ ކަމަށް ހަމާސް ޖަމާއަތުން މިއަދު ބުނެފި އެވެ.
"މި ޖަމާއަތާއި މިނިވަންކަމުގެ ހަރަކާތުން މިހާރު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އެއްބަސްވެފައިވާ ގޮތަށް، ބާކީ ތިބި [އިޒްރޭލުގެ] ދިރިތިބި ގައިދީން ވެސް ފެބްރުއަރީ 22، ގައި މިނިވަންކުރަން. އެއީ ހަ މީހުން،" ހަމާސްގެ ފަރާތުން ސުލްހައިގެ މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ޚަލީލް އަލް ހަޔާ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ހަމާސް އިން މިކަން އިއުލާނުކޮށްފައި ވާއިރު އިޒްރޭލުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުން ބުނީ ރަހީނުންގެ ތެރެއިން މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހު ހަވާލުކުރާނެ ކަމަށާއި ބާކީ ދިރިތިބި ހަ ރަހީނުން ހޮނިހިރު ދުވަހު ހަވާލުކުރާނެކަން އަންގާފައިވާ ކަމަށެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި އިޒްރޭލުގެ 33 ރަހީނުންގެ ތެރެއިން މީގެ ކުރިން ވަނީ، ދިރިހުރި، 19 މީހަކު ވަނީ މިހާތަނަށް މިނިވަންކޮށްފަ އެވެ. އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ. އިޒްރޭލުން ވަނީ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ.
މި 33 ރަހީނުން ދޫކޮށްލުމަށް ފަހު، ހަމަލާތައް ހުއްޓާލައިގެން ތިބުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ ދެ ވަނަ މަރުހަލާ ފަށާނެ އެވެ. އެ މަރުހަލާގެ މަޝްވަރާތައް އަދި ނުފަށައެވެ. އެއީ ބާކީ ތިބި 43 މީހުން ދޫކޮށްލުމާއި، އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ ވާހަކަތަކެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 251 މީހަކު ރަހީނުކުރި އެވެ. އޭގެ ތެރެއިން 105 މީހަކު 2023 ވަނަ އަހަރު ދެ ފަރާތުން ގައިދީން ބަދަލުކުރުމަށް ވީ އެއްބަސްވުމެއްގެ ދަށުން ވަނީ މިނިވަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy