ދުނިޔެ / ހަމާސް

ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އިޒްރޭލާ ހެދި ފެއިލްވެދާނެ: ހަމާސް

އިޒްރޭލުގެ ރަހީނުން ރެޑް ކްރޮސްއާ ހަވާލުކުރުމަށް އިއްޔެ ޣައްޒާގައި ބޭއްވި ރަސްމިއްޔާތުގައި ހަމާސްގެ މެންބަރުން ހަތިޔާރާ އެކު ސަރަހައްދު ބަލަހައްޓަނީ: ހަމާސް އިން ބުނަނީ އިޒްރޭލާ ހެދި އެއްބަސްވުން ފެއިލްވުމުގެ ބިރު މިހާރު އެބަ އޮތް ކަމަށް. -- ފޮޓޯ: އޭއެފްޕީ

23 ފެބުރުއަރީ 2025 - 20:36

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ހަމާސް އާއި އިޒްރޭލުން ވެފައިވާ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަންނުކޮށް ފަސްކުރަމުން ދާތީ، އެއްބަސްވުން މިހާރު އޮތީ ނުރައްކަލުގައި ކަމަށް ބުނެ ހަމާސް ޖަމާއަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އަންނަ މަހުގެ ކުރީކޮޅު ނިމުމުގެ ކުރިން ހަމާސް އިން ވަނީ މި މަރުހަލާގައި މިނިވަންކުރަން ނިންމި ހުރިހާ ރަހީނުންނާއި މަރުވި ރަހީނުންގެ ހަށިތައް އިޒްރޭލާ ހަވާލުކޮށްފަ އެވެ. އެކަމަކު އިއްޔެ މިނިވަންކުރަން ބުނި ފަލަސްތީނުގެ 600 އަށް ވުރެ ގިނަ ގައިދީން އަދިވެސް ދުލެއް ނުކުރެ އެވެ.

އިޒްރޭލުން ބުނަމުން ދަނީ ގައިދީން މިނިވަންކުރާނީ އިޒްރޭލުގެ ރަހީނުން މިނިވަންކުރާއިރު ހަމާސް އިން އަމަލުކުރާ "ލަދުގެންނެވުމުގެ" އަމަލުތައް ކުރިއަށް އޮތް ތަނުގައި ނުހިނގާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

އެއްބަޔަކު އަނެއް ބަޔަކަށް، އެއްބަސްވުމާ ހިލާފް ވުމުގެ ތުހުމަތުކުރަމުން ދާއިރު އިޒްރޭލުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރިއަށް އިތުރު ސިފައިންނާއި ޓޭންކުތައް ފޮނުވައިފަ އެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނާއިމް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން މިނިވަންކުރަންޖެހޭ މީހުން ދޫކުރުން ފަސްކުރުމަކީ "މުޅި އެއްބަސްވުން ވަރަށް ބޮޑު ނުރައްކަލަކަށް" ހުށަހެޅުން ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ މި އަމަލުތައް ހުއްޓުވައި އެއްބަސްވުމަށް ތަބާވުމަށް، ސުލްހައިގެ މަސައްކަތުގެ މެދުވެރިން، އަދި ހާއްސަކޮށް އެމެރިކާއިން ޕްރެޝަރުކުރަން ޖެހޭ ކަމަށެވެ.

ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ. މީގެ ކުރިން ރަހީނުން މިނިވަންކުރި ކޮންމެ ދުވަހަކު އިޒްރޭލުން ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފަ އެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ހަމާސް ނައްތާލާނެ ކަމަށް ބުނެފަ އެވެ. ހަމާސްގެ ހަމަލާގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުން ބަދަލު ހިފުމަށް ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަމަލާތައް މެދުކަނޑާލީ 15 މަސް ދުވަހަށް ފަހު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކޮށް ނުނިމި އޮއްވައި އެއްބަސްވުން ފެއިލްވެދާނެ ކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ގެންދަނީ ފާޅުކުރަމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454