01 މާޗް 2025 - 09:22
ނ. މާފަރުގެ ދަނޑުތައް ބަލަނިކޮށް ދިމާވީ އެ ރަށު މުހައްމަދު އަބްދުﷲއާ އެވެ. މީގެ ތިން އަހަރު ކުރިން ބޭބެއަކަށް ލިބުނު ގެވަޅެއްގައި ދަނޑު ހައްދަން ފުރަތަމަ ފެށީ މުހައްމަދުގެ މަންމަ އެވެ. އެ މަސައްކަތުގައި މަންމައަށް އެހީތެރިވުމަށް އާއިލާގެ އެހެން މެމްބަރުން ވެސް ބައިވެރިވެ، ކުރި މަސައްކަތުން މިހާރު އެއީ އާއިލީ ވިޔަފާރިއެކެވެ.
ހައްދާ ބާވަތްތައް ވިއްކިއްޖެ ނަމަ ރަނގަޅު ފައިދާއެއް ވެސް ލިބެ އެވެ.
މުހައްމަދުގެ އާއިލާ އަކީ މި ރަށުގައި ދަނޑު ހައްދައި އުޅޭ މަދު މީހުންގެ ތެރެއިން ފުޅާކޮށް މިކަން ކުރާ ބައެކެވެ. މި އަހަރުގެ ރޯދައަށް ތައްޔާރުވާން އަހުމަދު އާއިލާއިން ދަނޑުތަކުގައި އެކި ބާވަތްތައް ހައްދަން ފެށީ މީގެ ދޮޅު މަސް ކުރިންނެވެ. އާންމުކޮށް ރޯދަމަހަށް އެންމެ ބޭނުންވާ ބާވަތްތައް ބަލައި ގިނައިން ހެއްދީ ކަރަ އާއި މިރުހެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ އެކު އަގު އުފުލޭ ކަނޑޫދޫ މިރުހަކީ މުހައްމަދު އާއިލާގެ ދަނޑުތަކުގައި ވެސް އެންމެ ގިނައިން ހައްދާ ބާވަތެވެ. ކަނޑޫދޫ މިރުހަށް ބޮޑު ޑިމާންޑެއް އޮންނާތީ ހަ ދަނޑު ހާއްސަކޮށްފައި ވަނީ މިރުހަށެވެ. އެހެން ބާވަތުގެ މިރުސް މަދުން ހައްދާ ނަމަވެސް ގިނައީ ކަނޑޫދޫ މިރުހެވެ.
އާންމުކޮށް ކިލޯއެއްގެ އަގު 200ރ. އިން މަތީގައިން ހުންނަ ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ރޯދަ މަހު 400ރ. އިން މައްޗަށް ވެސް އަރަ އެވެ.
މުހައްމަދުގެ މިރުސް ގަސްތައް ދޮންވެ ފައްކާވެފައި ހުއްޓަސް ނުބިނެދެ މަޑުކުރަނީ ވިއްކޭނެ ގޮތެއް ވަންދެންނެވެ. އާއްމުކޮށް އަތޮޅުގެ ރަށްތަކަށް ވިއްކިޔަސް ދަނޑުވެރިންނަށް ހާއްސަ ފެރީއެއް ނޯންނާތީ، ދަތުރުފަތުރުގެ އުނދަގޫ ބޮޑެވެ.
އޭނާގެ ދަނޑުގައި ތިން ވައްތަރުގެ ކަރާ ހައްދަ އެވެ. ދެ ދަނޑު ކަރާ ހައްދަން ވަނީ ހާއްސަކޮށްފަ އެވެ. އެ ދަނޑުތަކުގައި ކަރާ ހައްދަނީ މުޅި ރޯދަމަހަށް ބަހާލައިގެންނެވެ. ކޮންމެ 10 އަކަށް ކަރާ ކެނޑޭ ވަރަށް ދެ ދަނޑުން ހަ ޓަނު ކަރާ ކެނޑޭނެ ކަމަށް އޭނާ ބުންޏެވެ.
މުހައްމަދު ދަނޑުގައި: މި ރަށުގައި ހުސް ބިން އޮތަސް ދަނޑު ހައްދަން ބިން ދޫނުކުރާތީ އޭނާ ކަންބޮޑުވޭ. -- ފޮޓޯ | ފަޔާޒް މޫސާ | މިހާރު
ރަށުގައި ހައްދާ ތަކެތި އާންމުކޮށް ވިއްކަނީ އަތޮޅުގެ އެހެން ރަށްރަށަށެވެ. އެ ރަށްރަށުގެ ވިޔަފާރިތަކަށެވެ.
"ދަތުރުފަތުރުގެ ނިޒާމު އިންނަ ގޮތުން އެހެން ހިސާބުތަކަށް މި އެއްޗެހި ފޮނުވޭނެ ގޮތެއް ނެތް. އާރްޓީއެލް ފެރީއަކަށް މިކަހަލަ އެއްވެސް އެއްޗެއް އަރުވައެއް ނުދޭ. ލަކުޑި ފެރީން އަތޮޅު ތެރެއަށް މި ވިއްކަނީ،" އަހުމަދު ބުންޏެވެ.
"ކިރިޔާ ކަނޑުގަދަ ވެގެން ވެސް ނޫނީ ކަމެއް ވެގެން ފެރީ ނާންނަ ދުވަހެއް ވެއްޖެއްޔާ ޖެހެނީ ހުންނަން، އިތުރު ގޮތެއް ނީނދޭ. ފެރީ ނައިސްގެން މިހާރު ވެސް މިރުސް ނުބިނދެވިފައި މި ހުންނަނީ."
ފެރީ ދަތުރު ކުރާ ދުވަސްތަކުގައި އަތޮޅުތަކުގެ ރަށްތަކަށް 10 ކިލޯ ނުވަތަ އެއަށް ވުރެ ގިނަ އިން ވެސް ފޮނުވަން ޖެހޭ ކަމަށް އަހުމަދު ބުންޏެވެ. ސަބަބަކީ ވިޔަފާރިވެރިން ގަބޫލުކުރާ ގޮތުގައި ބޭރުން ގެނައުމަށް ވުރެ ދިވެހިން ހައްދާ ތަކެތި ގިނަ ދުވަހު ހަލާކު ނުވެ ހުންނާތީ އާއި ބޭރުން ގެންނަ ތަކެތީގެ ރަހަ ތަފާތު ވުމުންނެވެ.
މުުހައްމަދު މިރުސް ދަނޑުގައި: ދޮންވެފައި ހުރި މިރުސްތައް ނުބިނދެ މަޑުކުރަނީ ފެރީ އަންނާނެ ދުވަހަކަށް. -- ފޮޓޯ | ފަޔާޒް މޫސާ | މިހާރު
ރަށަށް ބޭނުންވާ ކާނާ އާއި މުޅި އަތޮޅަށް އެންމެ ބޭނުންވާ ބާވަތުގެ ތަކެތި ބޭރުން ގެންނަން ނުޖެހި، ރަށުން ލިބުމަކީ، ރަށުން ބޭރުވާނެ އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ ގޮތެކެވެ. އަދި މާފަރު ރައްޔިތުން ދަނޑުވެރިކަމަށް އޮތް ލޯތްބަކީ ކައުންސިލުން އެކަމަށް ހާއްސަކޮށް ބިން ދޫނުކުރާތީ، ގިނަ ދަނޑުތައް ހައްދަނީ އާންމުންނަށް ދޫކޮށްފައި ހުންނަ ގޯތިތައް ކުއްޔަށް ނަގައިގެންނެވެ.
މުހައްމަދު ދަނޑުގައި: ބުރަ މަސައްކަތުން ހައްދާ ތަކެތި ނުވިކިދާނެތީ އޭނާ ކަންބޮޑުވޭ. -- ފޮޓޯ | ފަޔާޒް މޫސާ
އެ ރަށުގެ ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ބިން ނުލިބުމުގެ މައްސަލަ އެވެ. ބޮޑު މިނުގައި 22.3 ހެކްޓަރު ހުންނަ އެ ރަށުގެ އާބާދީ އަކީ 2،000 އެއްހާ މީހުންނެވެ. ރަށުގެ ބޮޑު ބައި ޖަންގައްޔަށް ދޫކޮށްލާފައި އޮންނައިރު ވެސް ދަނޑުވެރި ކަމަށް ބިން ދޫނުކުރާކަމުގެ ޝަކުވާ ދަނޑު ހައްދާ މީހުން ކުރެ އެވެ.
"ކައިރިކައިރިން ދެ ގެވަޅެއް ނުލިބިއްޖާ ވަރަށް އުނދަގޫވޭ، ކުޑަ ތަންކޮޅެއް މި އިންނަނީ ކޮންމެ ގެވަޅެއްގައި. ކައުންސިލުން ދަނޑުބިން ދުލެއް ނުކުރޭ. ޖެހިގެން މި އޮތް މިރުސް ދަނޑު، ރޯދައިގެ ފަހުން އެ ގެވަޅުގެ ވެރިފަރާތަށް ބިން ސާފުކޮށްފައި ދޭން ޖެހޭ، އެ މައްސަލަ ޖެހެނީ،" އަހުމަދު ބުންޏެވެ.
ނ. މާފަރު --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކަރާ، ބަރަބޯ، ކިއުކަމްބާ، މިރުސް، ކެޔޮ އަދި ބަށި ހައްދާ ނަމަވެސް ރަނގަޅު އާމްދަނީއެއް ލިބެނީ މިރުހާއި ކަރަލުން ކަމަށް އެ ރަށުގެ ދަނޑުވެރިން ބުންޏެވެ. އެހެންވެ ރޯދައަށް ގިނައިން ހައްދަނީ ވެސް އެންމެ ޑިމާންޑު އޮންނަ އެ ދެ ބާވަތެވެ.
މުހައްމަދާއި އެ ރަށުގެ އެހެން ދަނޑުވެރިންނަށް އޮތް ޔަގީން ކަމަކީ ރޯދަ މަހަށް ނ. އަތޮޅަށް ބޭނުންވާ ވަރަށް ސަޕްލައި ކޮށްދެވޭނެ އެވެ. އެއާއެކު އޮތް މާޔޫސްކަަމަކީ މަދަމާ ވެސް ދަނޑު ނޮޅާލައި ގެވަޅުގެ ވެރިމީހާއާ ހަވާލުކުރަން ޖެހިދާނެ ކަމެވެ. ނޫން ނަމަ ދަނޑުގައި ހައްދާފައި ހުރި ތަކެތި ވިއްކަން ނުގެންދެވި ހަލާކުވެދާނެ ކަމުގެ ބިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
01 March 2025
ތިރަށުގައި ބޮޑު އެއަރޕޯޓެއް އޮވޭނޫންތަ
ައެއާރޕޯޓު
02 March 2025
ލިޔެފައި އޮތްއެއްޗެއް ކިޔާލިންތަ؟ އެއާރޕޯޓުން އަތޮޅުގެ އެހެންރައްތަކައް ނުދާނެންނު.
މާކުން
01 March 2025
ކޮންމެބަޔަކުވެސް މޮޅުވާހަކަދައްކަަނީ. އެކަމަކު މިފަދަ މަސައްކަތްތެރިންނަށް މިއޮތީ މާޔޫސްކަން. އާރުަތީއެލުންވެސް ކީއްތަވާނީ ގޮތެއްހަދައިދިނިއްޔާ.
ހައްޕު
01 March 2025
ލޯކަލް ޓޫރިޒަމުގެ އަސާސަކީ , ރަށުމީހުން އެކަންކުރުން. ފައިސާހުރި ބައެއްގެ އުނގަށް ވެއްޓުނީމަ ރަށް ހަލާކުވާނެ. އެކަން އެބަފެނޭ ގިނަރަށްތަކުން. އޭރުން ލޯކަލް ޓޫރިޒަމް , " ލޯކަނު ޓޫރިޒަމަށް " ބަދަލުވެ މުޅިރަށް ހަލާކުވާނީ....
އަލިބެ87
01 March 2025
އަލިބެ ބުނަން އޮއްވާހަކައަކީ ދެން އިތުރަތް ވަލުތެރެ ގަސް ނުކަޑަން..އިއާދަނުކުރެވޭ ވަރު ގެއްލުން ލިބޭނެ.. ދެން ކޮބާ އެއާޕޯޓް. ޢޭގެ ބޭނުންހިފާގެން ކާގޯ ކުރެވޭނެ އެއްނު؟؟
ޑްރޯން
01 March 2025
މިރުހަކީ ވަރަށް ލުއި އެއްޗެއް. ޑްރޯންއެއް ބޭނުންކޮށްގެންވެސް މިރުސް ކައިރި ރަށްރަށަށް ފޮނުވިދާނެ.
ައަލިބެ87
01 March 2025
ކޮބާހޭ އެގްރޯނެޓް؟؟ ޢެމީހުން ކަމެއްދޯ އެއީވެސް
ލޮލް1
01 March 2025
އުވާލައިފި