އެޗްޑީސީ އޮފީސް.-- ފޮޓޯ: އެޗްޑީސީ
24 ފެބުރުއަރީ 2025 - 19:27
ކުރިއަށް އޮތް ރޯދަމަހު ދީނީ ހޭލުންތެރިކަން އިތުރުކުރަން ދެ ޖަމިއްޔާއަކާ ގުޅިގެން ހާއްސަ ވީޑިއޯ ސީރީޒެއް ގެނެސްދޭން އެޗްޑީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ "އަލް އަސްރު" އަދި "އިލްމު ޖަމިއްޔާ" އާ ގުޅިގެން ވީޑިއޯތައް ގެންނަނީ އެ މާތް ދުވަސްވަރު އިލްމީ މައުލޫމާތާއި އިސްލާމީ ރީތި އާދަތައް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ގޮތަށް ގެނެސްދިނުމަށް ކަމަށެވެ.
އަލް އަސްރު ޖަމިއްޔާއާ ގުޅިގެން ގެންނަ "ގެއްލޭނެތަ" ވީޑިއޯ ސީރީޒްގައި ރޯދަމަހުގެ ކޮންމެ ދުވަހަކު ރޯދަ ހިފުމުގެ މުހިއްމު ކަމާއި އޭގެ މާތްކަން ކިޔައިދިނުމާއި މުޖުތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދައްކާނެ އެވެ.
އެޗްޑީސީން ބުނީ އިލްމު ޖަމިއްޔާއާ ބައިވެރިވެގެން "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ގެންނާނީ ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒެއް ކަމަށެވެ. މިއީ، އެ ޖަމިއްޔާގެ އެހީގައި ހިންގާ މި ފަދަ ދެ ވަނަ ސީރީޒެވެ.
ގެއްލޭނެތަ ނުގެއްލޭނެތަ؟#އެޗްޑީސީއާއެކު@asr_mv pic.twitter.com/CcRwhRMRFl
— Housing Development Corporation (@hdcmaldives) February 24, 2025
އޭގެ ބޭނުމަކީ، އެޗްޑީސީން ބުނިގޮތުގައި އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތައް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމެވެ. އެ ސީރީޒްގެ ސަބަބުން ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރު އެޅޭނެ ކަމަށް ވެސް ބުންޏެވެ.
ރޯދަމަހުގެ ކޮންމެ ހޮނިހިރު ދުވަހަކު އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން "ވާހަކަ" އެޕިސޯޑެއް ގެނެސްދޭނެ އެވެ. މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ.
ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން އެ ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާނެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަމަހު އެކި ދާއިރާތަކުން މީހުން ހޭލުންތެރިކުރުމާއި ރޯދަމަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީރު
25 February 2025
ރަގަޅުކަމެއް، ތިތާގެ ކޮރަޕްޝަން ކުޑަކުރެވޭތޯ ހުރިހައި މުވައްޒަފުން ތިކަމުގައި ބައިވެރިކުރަން ޖެހޭނެ
އަންތަރުބިން ޝައްދާދު
25 February 2025
ސަރުކާރުގެ ކުންފުނިތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މޭންޑޭޓް އާ މަތިކޮށްފައިވާ ބައެއްނޫން ، އެކަމާ މަތިކޮށް ވަކިވުޒާރާއެއް އެބަހުރި އެކަންކަން ކުރަން ،
މުޙައްމަދު
25 February 2025
އެޗްޑީސީގެ ފުރަތަމަ މެންޑޭޓް ތެރޭގައި ހުރި ކަން ކަން ކޮށްބަލަ. މިހާރުވެސް ބަޔަކު ފޭސް ދޭކަށް އަޅާހައިފައި އެތަނުގައި ގާއިމްކުރަންޖެހޭ ކަންކަން ނުނިމޭ. ބޯހަލާކު.
ހޔބުޖޖު
25 February 2025
ދިވެހިންނަށް ނުބަޔާ ރަނގަޅާ އިނގެޔޭ.. އެކަންކަން ކިޔައިދޭ މީހުންނާ ވެރިންގެ ފަރާތުން ބަހާ އަމަލު ދިމާނުވާތީނު މައްސަލަޔަކީ
ތުއްތީދިބެ
24 February 2025
އެޗްޑީސީން މިކަން ފަށައިފިއްޔާ ސްޓެލްކޯއާ ވެމްކޯއިންވެސް މިކަން ފަށާނެހެން ހީވަނީ.
އުދުހޭ
24 February 2025
ވައްކަމުގެ ނުބައިކަމާބެހޭގޮތުން ހޭލުންތެރި ކުރުވަންވީނުން