ދުނިޔެ / ޝައިޚް ހަސީނާ

ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުން ސިޔާސީ ޕާޓީއެއް ހަދަނީ

މިދިޔަ އަހަރު ބަންގްލާދޭޝްގައި ދަރިވަރުން އިސްވެ ޝައިހް ހަސީނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރަނީ: މުޒާހަރާތައް ރޭވި ދަރިވަރުން މިހާރު ތައްޔާރުވަނީ ދެން އޮންނަ އިންތިހާބެއްގައި ވާދަކުރުމަށް ސިޔާސީ ޕާޓީއެއް ހަދަން. -- ފޮޓޯ: އޭއެފްޕީ

25 ފެބުރުއަރީ 2025 - 06:40

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ޝައިހް ހަސީނާ އިސްތިއުފާ ދޭން މަޖުބޫރުވި މުޒާހަރާތައް އިންތިޒާމްކުރި ދަރިވަރުން ސިޔާސީ ޕާޓީއެއް ހަދަން ނިންމައި އިންތިހާބާ ދިމާކޮށް އެކަން އިއުލާނުކޮށްފި އެވެ.

ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަންގެ ނަމުގައި މަސައްކަތްކުރާ ގްރޫޕްގެ ބައެއް މެންބަރުން މިހާރު ވެސް ވަގުތީ ސަރުކާރުގެ ކެބިނެޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ޓެލެކޮމްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ނާހިދު އިސްލާމް އާއި ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އާސިފް މަހުމޫދާއި ސްޕެޝަލް އެޑްވައިޒަރު މަހުފޫޒް އަލަމް ހިމެނެ އެވެ.

"އާ ސިޔާސީ ޕާޓީން އިސްކަންދޭނީ ވަކި ފަރުދަކަށް، ޕާޓީއެއްގެ ނުވަތަ ޖަމާއަތެއްގެ މަސްލަހަތަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް،" އެ ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ސާޖިސް އަލަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.

ވަގުތީ ސަރުކާރުން އިންތިހާބަށް ތައްޔާރުވަމުން ދާއިރު ދަރިވަރުން ބުނީ އަންނަ ހުކުރު ދުވަހު އާ ޕާޓީގެ ނަމާއި އިތުރު ތަފްސީލް ހާމަކުރާނެ ކަމަށެވެ.

"ހުރިހާ އެންމެން ވެސް ހިމެނޭ ގޮތަށް، ނަސްލަކަށް ބެލުމެއް ނެތި ހުރިހާ ފަންތިއެއްގެ މީހުން ވެސް އެ ދުވަހު އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނީ ރައްޔިތުންގެ އުންމީދުތަކުގެ ރަމްޒެއް ކަމުގައިވާ، ގާނޫނު ހަދާ މަޖިލީސް ކުރިމަތީގައި،" އަލަމް ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ދަރިވަރުންނާ އެއްވިސްނުމެއްގައި އެއްކޮށް މަސައްކަތްކުރާ ޕްރެޝަރު ގްރޫޕެއް ކަމަށްވާ ޖާތިޔާ ނާގަރިކް ކޮމިޓީގެ އެކްޓިވިސްޓުން ވެސް ބައިވެރިވި އެވެ. އެ ޖަމާއަތް ވެސް އާ ޕާޓީއާ ގުޅެން ވަނީ ނިންމައިފަ އެވެ.

"ރައްޔިތުން އުންމީދުކުރަނީ ކޮރަޕްޝަން ހުއްޓުވައި، އެންމެންނަށް ފުރުސަތު ފަހިކޮށްދީ، ޒިންމާދާރުކަން ކަށަވަރުކޮށް، ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ ކަރާމާތް ދަމަހައްޓާނެ ބަޔަކަށް އަހަރެމެން ވުމަށް،" މެމްބަރު އަޚްތަރު ހުސައިން ބުންޏެވެ.

ވަގުތީ ސަރުކާރުގެ ވެރިޔާ، ނޯބެލް އިނާމު ހާސިލްކޮށްފައިވާ މައިކްރޯފައިނޭންސްގެ މާހިރެއް ކަމަށްވާ މުހައްމަދު ޔޫނުސް ވަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އާންމު އިންތިޚާބެއް ބާއްވާނެ ކަމަށް ކަމަށް ވިދާޅުވެފަ އެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އިންތިހާބުގައި ވަރުގަދަވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަހްރުލް އިސްލާމް އަލަމްގިރު ވިދާޅުވީ ދަރިވަރުން ޕާޓީއެއް އުފެއްދުމަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް ޕާޓީ ހަދާއިރު އެ ޕާޓީގެ މެންބަރުން ކެބިނެޓުގައި ތިބެގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ވެއްޖެ ނަމަ ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށެވެ.

އޯގަސްޓް 2024 ގައި ގައުމު ދޫކޮށް ފިއްލަވައިގެން އިންޑިއާގައި މިހާރު ހުންނެވި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ހައްޔަރުކުރަން އަމުރު ނެރެ އޭނާ ބަންގްލާދޭޝްއާ ހަވާލުކުރަން އެދުމުން ވެސް އިންޑިއާއިން ވަނީ އެކަމަށް އެއްބާރުލުން ނުދީފަ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454