25 ފެބުރުއަރީ 2025 - 21:50
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން ދ. ހުޅުދެލީގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި، އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓި ފުރަތަމަ އަތޮޅަކަށް ދ. އަތޮޅު ވެއްޖެ އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ހުޅުދެލީގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ އޭޓީއެމްގެ ހިދުމަތާ އެކު ދ. އަތޮޅަކީ ވަކިވަކި ރަށްތައް ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހުރިހާ ރަށަކުން އޭޓީއެމް ހިދުމަތް ލިބޭ ފުރަތަމަ އަތޮޅު ކަމަށެވެ.
"ހުޅުދެލީގައި އާ އޭޓީއެމެއް ގާއިމުކުރެވުމާ އެކު، ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅަކީ މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ހުރި ހަމައެކަނި އަތޮޅު. މިއީ ބޭންކަށާއި ދ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި މުހިންމު ކާމިޔާބީއެއް،" ޝަރީފު ވިދާޅުވި އެވެ.
ދ. އަތޮޅުގައި ހުރި އޭޓީއެމްތަކުން ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ. އެ އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ނުގޮސް 24 ގަޑިއިރު ބޭންކިންގެ ގިނަ މުއާމަލާތްތަކެއް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓަރު، 157 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އަންނަ މަހުން ފެށިގެން ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy