މީގެ ކުރިން މިނިވަންކުރި ފަލަސްތީނުގެ ގައިދީންތަކެއް ޖަލުން ނުކުމެ ވެހިކަލްގައި ދަމުން، އެ މީހުންނަށް މަރުހަބާ ކިޔަން ޖަމާވެ ތިބި މީހުންނާ އެކު އުފަލުގައި ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ
26 ފެބުރުއަރީ 2025 - 07:47
މިދިޔަ ހަފުތާގައި މިނިވަންކުރަން ނިންމި ފަލަސްތީނުގެ ހުރިހާ ގައިދީން ދޫކޮށްލުމަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށާއި އެއީ އިޒްރޭލު ރަހީނުންގެ ތެރެއިން މަރުވި ހަތަރު މީހެއްގެ ހަށިގަނޑު ހަމާސް އިން ދޫކުރަން ނިންމުމުން ކަމަށް މިސްރުގެ ސަރުކާރާ ގުޅުން ހުރި މީޑިއާތަކުން އަންގާރަ ދުވަހުގެ ރޭ ބުނެފި އެވެ.
ހަމާސް އިން ވެސް ވަނީ މިގޮތަށް އެއްބަސްވިކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިއީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ކަމެއްކަން ވެސް ހަމާސް އިން ފާހަގަކުރި އެވެ.
ފަލަސްތީނުގެ 600 އަށް ވުރެ ގިނަ ގައިދީން މިނިވަންކުރަން އޮތް ނަމަވެސް އިޒްރޭލުގެ ރަހީނުން ދޫކޮށްލުމުން ވެސް އިޒްރޭލުން ވަނީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކޮށްފަ އެވެ. އެހެންވެ ހަމާސް އިން ވަނީ އެއްބަސްވުން އުވިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި އެއީ އިޒްރޭލުގެ ސަބަބުން ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ފަލަސްތީނުގެ 1،100 އަށް ވުރެ ގިނަ މީހުން މިހާތަނަށް މިިނިވަންކޮށްފަ އެވެ.
އިޒްރޭލުން މިފަހަރު ގައިދީން ދޫނުކޮށް ހިފެހެއްޓީ އިޒްރޭލުން ބުނި ގޮތުގައި ރަހީނުން މިނިވަންކުރާއިރު ހަމާސް އިން އަމަލުކުރާ "ލަދުގެންނެވުމުގެ އަމަލުތަކާ ހެދި" އެވެ. އެކަން ދެން އެގޮތަށް ނުކުރާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ގައިދީން ބަދަލުކުރުމުގެ މެދުވެރިއަކަށް އުޅޭ ރެޑް ކްރޮސް އިން ވެސް ވަނީ ދެ ފަރާތުން ވެސް މީހުންގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް އެކަން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ. މީގެ ކުރިން ރަހީނުން މިނިވަންކުރި ކޮންމެ ދުވަހަކު އިޒްރޭލުން ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy