ދިރާގު ޕޭ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 ފެބުރުއަރީ 2025 - 14:09
ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ އީ ވޮލެޓް ކަމަށްވާ "ދިރާގު ޕޭ"ގެ މުޅިން އާ ޕްލެޓްފޯމެއް އާ ފީޗާތަކާއެކު މިއަދު ލޯންޗްކޮށްފި އެވެ.
އެ ޕްލެޓްފޯމް ލޯންޗް ކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
އެ ހަފްލާގައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގު ކަމަށެވެ. އަދި ދެ ފަރާތް އެއްކޮށް މަސައްކަތް ކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަން މެދުވެރިކޮށް ރާއްޖެއަށް އިންވެސްޓްމަންޓްތައް އިތުރު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދި ދިރާގު ފިންޓެކްގެ ޗެއާމަން އިސްމާއިލް ރަޝީދު ވިދާޅުވީ ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރާ ދިރާގު ޕޭގެ ޕްލެޓްފޯމް މިހާރު ވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްވެފައި ކަމަށެވެ.
ދިރާގުގެ ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކް ކަމަށާއި އެހެންވެ، ދިރާގުގެ ދެން އޮތް އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބަދަލުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ތަނަވަސްވެ، ގައުމު އިތުރަށް ކުރިއަރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިރާގު ޕޭއަށް އަލަށް ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ.
ދިރާގު ޕޭ އަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ދިރާގު ފިންޓެކްގެ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރު ވިދާޅުވީ ދިރާގު ޕޭ އަށް ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި ދިރާގު ޕޭއަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ވެސް ބޭނުން ކުރެވޭނެ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިރާގު ޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އަޕްގްރޭޑް ކޮށްފައިވާ ދިރާގު ޕޭގެ އާ ޕްލެޓްފޯމް އިން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިލް ސްޕްލިޓިން އާއި ސަބް ވޮލެޓާއި ޕިއަ-ޓު-ޕިއަ ޓްރާންސްފާގެ އިތުރުން ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ހިމެނެ އެވެ. ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ ރައްކާތެރިކަމާ އެކު އާ ޕްލެޓްފޯމަށް ބަދަލުވާނެ ކަމަށް ދިރާގުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy