28 ފެބުރުއަރީ 2025 - 23:35
މާލެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ހިސާބުތަކުން 400 އަށް ވުރެ ގިނަ އުޅަނދު ނަގައިފި އެވެ.
މާދަމާ ފަށާ މި އަހަރުގެ ރޯދަމަހަށް ތައްޔާރުވުމާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އިންސްޕެކްޓާ އޮފް ޕޮލިސް ތޮލްހަތު މުހައްމަދު ވިދާޅުވީ މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފައި ހުރި 433 ސައިކަލް އަދި ހަތަރު ފުރޮޅުލީ 33 ވެހިކަލް ނަގާފައިވާ ކަމަށެވެ.
ވެހިކަލް ނެގުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ނެތް ތަން ތަނުގައި ކުރަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތޮލްހަތު ވިދާޅުވީ ރޯދަމަހު މާލޭގައި އެންމެ ބާރުބޮޑުވާ ބާޒާރުމަތީ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން މި މަހުގެ 15 އިން ފެށިގެން އިތުރު ފުލުހުން ނެރެފައިވާ ކަމަށެވެ. އޭގެ އިތުރުން ވިޔަފާރިކުރަން ބާޒާރުމަތީގެ ސަރަހައްދަށް ދާ މީހުންނަށް ފަސޭހަވާނެ ގޮތަށް ސައިކަލު ޕާކިން ޒޯނުތައް ކަނޑައަޅައި ބައެއް ގަޑިތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރެފިކް ކުޑަކުރުމަށް ފުލުހުން ވަނީ ދުވާލުގެ ވަގުތު ނޯތުހާބަރުން ފެށިގެން ޗާންދަނީ މަގާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުން މަނާކޮށްފަ އެވެ. އޭގެ އިތުރުން 22 މިސްކިތެއްގެ ޓްރެފިކް ބަލަހައްޓަން، ނަމާދު ވަގުތުގެ 10 މިނިޓު ކުރިން އަދި ނަމާދުކޮށް ނިމި އެ ސަރަހައްދެއް ހަމައަކަށް އެޅެންދެން ހަތަރު ފުރޮޅުލީ އުޅަނދަށް މަނާވާނެ އެވެ.
ފުލުހުން ވަނީ އެ މީހެއްގެ ގެ ކައިރީގެ މިސްކިތަކަށް ދާ ނަމަ ހިނގާފައި ދިއުމަށް އަދި ސައިކަލުގައި ދާއިރު ވެސް ރަނގަޅު ޒޯނެއްގައި ޕާކުކުރުމަށް އެދިފަ އެވެ. ލަހުން ނަމާދަށް ދާ މީހުން ވެސް އެހެން މީހުން ވަދެ ނުކުތުމަށް ދަތިނުވާނެ ގޮތަށް ޕާކްކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.
ތޮލްހަތު ވިދާޅުވީ މީގެ ކުރީ ރޯދަމަހު ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ހަތަރު ތަނެއްގައި ކަމަށެވެ. އެއީ މާފަންނު ވެސްޓްޕާކާއި ގާދޫ ބިލްޑިން ހިސާބާއި ޓަސްކަލޫސާ ޕޮއިންޓް ނުވަތަ ބްރިޖު ވިއު ޕޮއިންޓް އަދި އިއްޒުއްދީން މަގު ހިސާބެވެ. އެހެންވެ، އެ ތަންތަނުން ގޯޅި އެޅުމުގައި ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.
ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ވާހަކަ ދެއްކެވި އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް ހަލީލް ވިދާޅުވީ 2022، 2023 އަދި 2024 ގެ ނަމްބަރުތަކަށް ބަލައި، ކުށްކުރާނެ ކަމަށް ބެލެވޭ ތަންތަން އިތުރަށް ފާސްކުރާނެ ކަމަށެވެ. މި ދުވަސްވަރު ސައިކަލު ވަގަށް ނެގުމާއި ސައިކަލު މަޑި ދަށުން އެއްޗެހި ވަގަށް ނެގުން އަދި ފިހާރަ ބޭރުގައި ބަހައްޓާފައި ހުންނަ މުދަލާއި ނަމާދަށް ދާ ވަގުތު އިލެކްޓްރޯނިކްސް ސާމާނު ނެގުން އިތުރު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 1 ގައި ކުށްކުރުން އިތުރު ހަތަރު ސަރަހައްދެއް ވެސް މިއަދުގެ ނިއުސް ކޮންފަރެންސްގައި ހިއްސާކުރި އެވެ. އެއީ ލަކުޑި ޖެޓީ އާއި ކަންނެލި ޖެޓީ އާއި ޓްރެކް ސަރަހައްދާއި ފްލެޓު 1-5 ހިމެނޭ ހިސާބެވެ.
ވައްކަމާއި ފޭރުން ފަދަ ކަންކަން، މީހުން މަދު ވަގުތުތައް ކަމަށް ފެންނަ މަޣުރިބު ނަމާދު ވަގުތުން ފެށިގެން ތަރާވީހު ނަމާދު ވަގުތާ ހަމައަށް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ރަފީއު ވިދާޅުވި ގޮތުގައި ނިރޮޅުމަގުގައި ޕާކުކޮށްފައި އުޅަނދުތައް ނަގައި އެ ސަރަހައްދުގެ ބޮޑު ބައެއް ހުސްކޮށްފައިވާ ކަމަށެވެ. އެޗްޑީސީއާ ގުޅިގެން ޕާކިން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުން
01 March 2025
ރަނގަޅު މައުލޫމާތު ކޮޅެއް. އިތުރަށް ސަމާލުވެވޭނެ.