ސްރީ ލަންކާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން: އޭނާ ހައްޔަރުކުރަން އުޅުމުން ފިލައިގެން އުޅޭތީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.
02 މާޗް 2025 - 11:19
ސްރީ ލަންކާގައި ފުލުހުން ހިންގި އޮޕަރޭޝަނެއް ފެއިލްވެ އޮފިސަރަކު މަރުވި މައްސަލައިގެ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން ހައްޔަރުކުރަން ކޯޓުން އަމުރުކުރުމާ އެކު އޭނާ ފިއްލަވައިފި އެވެ.
ޓެންނަކޫން ހައްޔަރުކުރަން ކޯޓުން ހުކުރު ދުވަހު އަމުރު ނެރުނީ ޑިސެމްބަރު 31، 2023 ގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިގަމާގެ ހޮޓަލެއް ރެއިޑްކުރި އިރު ފުލުހަކު މަރުވި މައްސަލައިގަ އެވެ. އަންޑަކަވަކޮށް ހިންގި އެ އޮޕަރޭޝަނުގެ މައުލޫމާތު އެ ސަރަހައްދުގެ ފުލުހުންނަށް ލިބިފައި ނެތުމުން އެރި އޮޅުންތަކުގައި ފުލުހުންގެ ދެ ޔުނިޓުން ބަދަލުކުރި ހަމަލާތަކުގައި ފުލުހަކު މަރުވެ އެހެން ފުލުހަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗެއް ވެސް ނުފެނެ އެވެ.
މިއީ ޓެންނަކޫންގެ އަމުރަން ހިންގި އަންޑަކަވަ އޮޕަރޭޝަނެއް ކަމުގެ ތުހުމަތާ އެކު އޭނާ ހައްޔަރުކުރަން އަމުރު ނެރުމުން އެ އަމުރު ތަންފީޒުކުރަން ޓެންނަކޫންގެ ގެޔަށް ދިޔައިރު އޭނާ ފިއްލަވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އަމުރު ތަންފީޒުކުރަން ގެޔަށް ދިޔައިރު އޭނާ ވަނީ ބޮޑީގާޑުން ވެސް ދޫކޮށްލައި ފިއްލަވާފައި،" ފުުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމުރުން 53 އަހަރުގެ ޓެންނަކޫން ގައުމުން ބޭރަށް ވަޑައިގަތުން ހުއްޓުވުމަށް، ދަތުރުކުރަން މަނާކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވާ ކަމަށެވެ.
ފުލުހުންގެ ވެރިޔާގެ މަގާމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓެނަކޫން ހަމަޖެއްސި ނަމަވެސް އޭނާ އަކީ މަގާމަށް އެކަށީގެންވާ ބޭފުޅުން ނޫން ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުން ފެށިގެން ކޯޓުން ވަނީ މައްސަލަ ނިމެންދެން އޭނާ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުންގެ ވެރިޔާގެ މަގާމަށް ޓެނަކޫން ހަމަޖެއްސި އިރު ވެސް އޭނާ އަކީ ބަންދުގައި ހުރި ފިރިހެނެއްގެ ކުރިމަތީފަރާތުގައި އާވި ގަދަ ބާމެއް އުނގުޅައި ޖިންސީ އަނިޔާކުރިކަން ސުޕްރީމް ކޯޓުގެ އެހެން މައްސަލައެއްގައި އޮތީ ސާބިތުވެފަ އެވެ. އަނިޔާ ލިބުނު މީހާއަށް ބައި މިލިއަން ރުޕީސް (1،600 ޑޮލަރު) ދެއްކުމަށް ޓެނަކޫންގެ މައްޗަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އޭރުގެ ސަރުކާރުން ވަނީ ހުކުމަށް ތަބާ ނުވެ، ސުލޫކީ ފިޔަވަޅު އެޅުމަށް އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާފު
02 March 2025
ދިވެހިރާއްޖޭގާ ވެސް ގޭންގުތައް އުޅެނީ ކޯޓުލައިގެން.
ރާވެރިބެ
02 March 2025
ރަގަޅު! ފުލުނުންގެ އޮޕަރޭޝަނެއްގަ ފުލުހެއް މަރުވީމަ ކޯޓަކުން މިއަންގަނީ ފުލުހުންގެ ވެރިޔާ ހައްޔަރު ކުރަން! މޮޔަވީތަ؟ އަސްލު މިވީގޮތަކީ ލަންކާ ބޮޑެތި ގޭންގްތަކުގެ އެތަށް މިލއަން ޑޮލަރުގެ ފައިސާ ރެއިޑް ކޮށްގެން ނަގާފައިވާތީ ގޭންގުތަކު ބާރުގަ ފުލުހުންގެ ވެރިޔާއަށް ދޭން އުޅުނު ލަނޑެއް. އެހެންވީމަ ފިލަން ޖެހުނީ! ހައްޔަރު ކުރަންވީ ތިއަމުރު ނެރުނު ގާޒީ.