ލައިފްސްޓައިލް / ނޫރު

މަރުހަބާ ޔާ ރަމަޟާން

އިސްލާމީ މަރުކަޒުގައި އިއްޔެ ކުރި މެންދުރު ނަމާދަށް ފަހު، ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔާ ގުރުއާން ކިޔަވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަދު އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ، މުޅި އިސްލާމީ އުންމަތް އެ މައްސަރަކަށްޓަކައި އުފަލާއެކު އިންތިޒާރުކުރާ މަތިވެރި ރަމަޟާން މަހެވެ. މިއީ، ބަނޑުހައިވުމާއި ކަރު ހިއްކުމާއި ވަރުބަލިކަމާއި ކަންނެތްކަން އިންތިހާ އަށް ކުރިމަތި ކުރުވާ މައްސަރަކަށް ވާއިރުވެސް، މި މައްސަރަށްޓަކައި އެހާ އުންމީދީ އިންތިޒާރެއްގައި މުޅި އަހަރު ދުވަހު ތިބެވެނީ ކީއްވެ ހެއްޔެވެ؟

ސަބަބަކީ، މިއީ އަހަރުގެ މައްސަރަކަށް ވުމުގެ އިތުރުން، ނިޢުމަތްތަކާއި ދަރުމަ އާއި ސަވާބުން ފުރިގެންވާ ބަރަކާތްތެރި މޫސުމަކަށް ވާތީ އެވެ. އަހަރުގެ އެހެން މައްސަރުތަކުގައި ނުކުރެވޭ އެތައް އަޅުކަމެއް މި މޫސުމުގައި ކުރެވޭތީއެވެ. މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން އިތުރުވެ، އެކަލާނގެ ނަހީ ކުރެއްވި ކަންތައް ކުރުން މަދުކުރެވޭތީ އެވެ. ކުށް ފާފަތައް ފުހެވި، ދަރުމަ އާއި ސަވާބު ގުނަވެ، ރަޙްމަތާއި ބަރަކާތް ބާވައިލައްވާތީއެވެ.

ރަމަޟާން މަހަކީ، އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރެވެ. ކީރިތި ޤުރްއާން ބާވައިލެއްވީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން އެ މައްސަރާ ބައްދަލުވެއްޖެ މީހާއަށް އޮތީ، އެ މަހުގެ ދުވަސްތަކުގައި ރޯދަ ހިފައި ރޭތަކުގައި ރޭއަޅުކަން ކުރުމެވެ.

ނަބަވީ ޒަމާނުގައި ރޯދަ މަސް ކައިރިވަމުން އަންނައިރު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އެކަލޭގެފާނުގެ ޞަޙާބީންނަށް، އެ މައްސަރު އަންނަ ކަމުގެ އުފާވެރި ޚަބަރު ދެއްވައި، ރޯދަ މަހަށް ތައްޔާރުވުމަށް ބާރު އަޅުއްވައެވެ. ޞާލިޙު ޢަމަލުތައް ކުރުމަށް ހިތްވަރާ އެކު ގަދައަޅައި މަސައްކަތް ކުރުމަށާއި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރުމަށް ބާރު އަޅުއްވައި، ޞަދަޤާތް ދިނުން އިތުރުކޮށް، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ނަޞޭޙަތްތެރިވެވަޑައިގެން ހަނދާން އައުކޮށްދެއްވަ އެވެ.

އަނަސް ބްނު މާލިކްގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ هَذَا رَمَضَانُ قَدْ جَاءَكُمْ تُفَتَّحُ فِيهِ أَبْوَابُ الْجَنَّةِ وَتُغَلَّقُ فِيهِ أَبْوَابُ النَّارِ وَتُسَلْسَلُ فِيهِ الشَّيَاطِينُ މާނައީ: ރަމަޟާން މަސް އައިސް ތިޔަބައިމީހުންނާ ބައްދަލުކުރުމަށް ދާދި ގާތް ވެއްޖެ އެވެ. އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެ އެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ލައްޕައި ބަންދުކުރެވޭނެ އެވެ. އަދި ޝައިޠާނުންގައި ހިލިހިލާ ޖަހައި ހައްޔަރުކުރެވޭނެ އެވެ.

ޤަދަރު އުފުލިގެންވާ އެ ރެޔަކީ، އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެޔެކެވެ. އެ ރޭގައި މަލާއިކަތް ބޭކަލުންނާއި ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު، އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާ އެކު، ހުރިހާ އަމުރުފުޅަކާއިގެން މި ބިމަށް ފައިބައިވަޑައިގަންނަވާނެތެވެ. އެއީ، އެ ރެޔަށް އިރު އޮއްސުނީއްސުރެ ފަޖުރުގެ އަލިކަން ފައުޅު ވެއްޖައުމަށް ދާނދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.

މި ނަބަވީ ބަސްފުޅުގައި އެ ވަނީ، އެއްވެސް ސުމާރެއް ނެތި އެންމެން އެކުގައި ރޯދަ މަހު ސުވަރުގެ ވައްދަވާ ވާހަކައެއް ނޫނެވެ. އަދި ޝައިޠާނުން ހިލިހިލާ ޖަހައި ކަސްތޮޅު އެޅުވުމުގެ މާނައަކީ، އެ މައްސަރުގައި މާތް ﷲ އަށް އުރެދި، ފާފަތަކާއި ބަދުއަޚުލާޤީ ޢަމަލުތަކަށް އަރައިގަތުމުގެ ފުރުސަތު ނެތުމެއް ވެސް ނޫނެވެ. އެއާ ޚިލާފަށް ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލުމުގެ މާނައަކީ، ސުވަރުގެ އަށް ވަދެވޭނެ ގިނަގުނަ ފުރުޞަތުތަކެއް ތަނަވަސްވެގެން ވުމެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރުމުގެ މުރާދަކީ، ނަރަކައިގެ އަޒާބުން ސަލާމަތްވުމުގެ ގިނަގުނަ ފުރުސަތުތަކެއް ތަނަވަސްވެގެން ވުމެވެ. ނަމަވެސް އެކަންކަން އެ ގޮތުގައި ލިބިގަނެވޭނީ އެކަމަށް ގަދައަޅައި މަސައްކަތް ކުރި މީހަކަށެވެ.

އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަމަޟާން މަސް އައުމުން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘްކުރައްވައެވެ؛ أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ الْجَنَّةِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ މާނައީ؛ ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ، ބަރަކާތްތެރި މައްސަރެކެވެ. އެ މަހުގެ ދުވަސްތަކުގައި ރޯދަ ހިފުން ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރެއްވި އެވެ. އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭނެ އެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވޭނެ އެވެ. އަދި މާތް ﷲ އަށް އުރެދިފައިވާ އެންމެހައި ޝައިޠާނުން ކަސްތޮޅު އެޅުވޭނެ އެވެ. އެ މައްސަރުގައި، އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެޔެއް ވެ އެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެއްޖެ އެވެ.

އިސްވެ ދެންނެވި ނަބަވީ ބަސްފުޅުގައި، އިތުރު އެކަލޭގެފާނު ރަމަޟާން މަސް ސިފަކުރައްވާފައި އެ ވަނީ، ބަރަކާތްތެރި މައްސަރެއްގެ ގޮތުގަ އެވެ. ހަގީގަތުގައި ވެސް އެއީ ވަރަށް ބަރަކާތްތެރި މައްސަރެކެވެ. އެ މައްސަރުގެ ކޮންމެ ހިނދުކޮޅެއްގައި ވަނީ ބަރަކާތެވެ. ވަގުތުތަކުގައި ވެސް ވަނީ ބަރަކާތް ލެއްވިގެންނެވެ. އެ މައްސަރުގައި ކުރާ އަމަލުތަކުގައި ވެސް ބަރަކާތެވެ. އެ އަމަލުތަކަށް ދަރުމައާއި ސަވާބު ދެއްވުމުގައި ވެސް ބަރަކާތެވެ.

މި މައްސަރާ އެކުގައިވާ އެންމެ މަތިވެރި ބަރަކާތަކީ ކީރިތި ޤުރްއާނެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ... - އަލްބަޤަރާ 185) ރަމަޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މަހެވެ. (إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ... - ސޫރަތުއް ދުޚާން 3) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ކީރިތި ޤުރްއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގަ އެވެ.

އެ ބަރަކާތްތެރި ރެޔަކީ، އަހަރުގެ އެހެން ރޭތަކުގެ މައްޗަށް މާތް ކުރައްވައި ދަރަޖަ މަތިވެރި ކުރައްވާފައިވާ ރެޔެކެވެ. އެހެންކަމުން އެ ރެޔަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ލައިލަތުލް ޤަދްރިގެ ނަން ދެއްވި އެވެ. (إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ - ސޫރަތުލް ޤަދްރި 1) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގަ އެވެ.

ޤަދަރު އުފުލިގެންވާ އެ ރެޔަކީ، އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެޔެކެވެ. އެ ރޭގައި މަލާއިކަތް ބޭކަލުންނާއި ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު، އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާ އެކު، ހުރިހާ އަމުރުފުޅަކާއިގެން މި ބިމަށް ފައިބައިވަޑައިގަންނަވާނެތެވެ. އެއީ، އެ ރެޔަށް އިރު އޮއްސުނީއްސުރެ ފަޖުރުގެ އަލިކަން ފައުޅު ވެއްޖައުމަށް ދާނދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.

ރަމަޟާން މަހާ ބައްދަލުވުމުން އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރަންވީ، މި މައްސަރުގައި މާތް ﷲ ލައްވަވާފައިވާ މިފަދަ މަތިވެރި ނިޢުމަތްތައް ލިބިގަތުމަށެވެ. ލައިލަތުލް ޤަދްރި ވިލޭރޭ މަލާއިކަތް ބޭކަލުންނާއި ޖިބްރީލްގެފާނު މި ބިމަށް ފާބައިވަޑައިގެން، މާތް ﷲ އަށް ކުއްތަންވުމުގައި ދެމިތިބޭ އަޅުންނަށް ހެޔޮ ދުޢާ ކުރައްވާއިރު، އެ ދުޢާގައި ޝާމިލުވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެ އެވެ.

މި އަހަރުގެ މުލަ ރޯދަ ދުވަހު އިސްލާމީ މަރުކަޒުގައި މެންދުރު ނަމާދު ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަށް އޮތް އެންމެ ފަހި ފުރުސަތަކީ، ތަރާވީޙް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމާއި ދަމު ނަމާދުގައި ވީހާ ގިނަ ވަގުތު ހޭދަކުރުމެވެ. މީސްތަކުން ނިދީގައި ޣާފިލުވެފައި ތިބޭ ހިނދު، މާތް ﷲ އަށް ޒިކްރުކޮށް ތަސްބީޙަ ކިޔުމުގައި ހޭލާ ހުންނަ ލޮލުގެ ވެރިއަކަށް ވޭތޯ މަސައްކަތް ކުރައްވާށެވެ! ބޭކާރު ވާހަކަ ދެއްކުމާއި ދުނިޔަވީ މަޖަލުގައި ވަގުތު ބޭކާރުކުރާ މީސްތަކުންގެ ތެރެއިން ނުވެ، ކީރިތި ޤުރްއާން ކިޔަވައި މުޠާލިޢާކުރާ ދުލުގެ ވެރިއަކަށް ވޭތޯ މަސައްކަތް ކުރައްވާށެވެ!\

މަލާއިކަތް ބޭކަލުންގެ ދުޢާތައް ވަނީ، މާތް ﷲގެ އާޔަތްތައް ހަނދާންކޮށްދެވޭ ހިނދު، ސަޖިދައަށް ތިރިވެ އެބައިމީހުންގެ ވެރިރަސްކަލާނގެ އަށް ޙަމްދާ އެކު ތަސްބީޙަ ކިޔާ މީހުންނާ އެކުގަ އެވެ. މަލާއިކަތް ބޭކަލުންގެ ދުޢާތައް ވަނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލު، އެއުރެންގެ ތަންމަތިތައް ދޫކޮށް، ރޭއަޅުކަމަށް ތެދުވެ ތިބޭ މީހުންނާ އެކުގަ އެވެ.

ޞަޙީޙް ބުޚާރީ އާއި މުސްލިމްގައި އަބީ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَمَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ މާނައީ؛ ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ރަމަޟާން މަހުގައި ރޯދަ ހިފައިފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ. އަދި ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ރަމަޟާން މަހުގެ ރޭތަކުގައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ. އަދި ފުރިހަމަ ގޮތުގައި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ. (ނުނިމޭ)

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454