02 މާޗް 2025 - 15:44
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުތަކަށް ޑިސްކައުންޓް ދިނުމަށްޓަކައި، އެމްޑަބްލިއުއެސްސީ އިން ޑިސްކައުންޓް ދިނުމުގެ އުސޫލު އާއްމުކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ، އަންނަ އޭޕްރީލް މަހު ގޭބިސީތަކަށް ފޮނުވާ ބިލުތައް އާއްމު މަހަކާ އަޅާބަލާއިރު ބޮޑު ނުވާނެ ގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގޮތުން އާއްމު މަހެއްގެ ފެނުގެ މިންވަރު ކަނޑައަޅާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާޗު އަދި އޭޕްރީލް މަސް ނުހިމަނައި، އެ އަހަރުގެ ބާކީ އޮންނަ 9 މަހުގެ އެވްރެޖަށް ބަލައިގެންނެވެ.
އޭޕްރީލް މަހަށް ތައްޔާރުކުރާ ބިލު، އާއްމު މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެއްކޮށް އުނިކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ނަމަ ޑިސްކައުންޓުގެ މިންވަރު 10 ޕަސެންޓާ އެއްވަރަށް މަތިކޮށްދޭން އެމްޑަބްލިއުއެސްސީން ވަނީ ނިންމައިފަ އެވެ.
އާއްމު މަހުގެ ބިލަށް ވުރެ އޭޕްރީލް މަހު ފޮނުވާ ބިލުގެ އަދަދު ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓު އުނިކޮށްދޭނެ ކަމަށް ވެސް ފެން ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ އޭޕްރީލް މަހު އަލަށް ބިލް ކުރާ މީޓަރުތަކަށާއި ކުރިން ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް މިހާތަނަށް ބިލް ނުކުރާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލުް ނަމަ އެ ކަސްޓަމަރުންގެ ބިލުން ވެސް 10 ޕަސެންޓު އުނިކޮށްދޭނެ ކަމަށެވެ.
މިކަމުގައި ސުވާލެއް އޮތް ނަމަ އެ ކުންފުނީގެ ހޮޓްލައިން 105 އަށް ނުވަތަ 1050 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން މައުލޫމާތު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފެން ބިލުގެ އިތުރުން ކަރަންޓު ބިލުން ވެސް، ރޯދަ ހަދިޔާގެ ގޮތުގައި ޑިސްކައުންޓް ދޭން ރައީސް މުއިއްޒު ވަނީ ނިންމައިފަ އެވެ. މިދިޔަ ރޯދަ މަހު ވެސް މި އުސޫލުން ޑިސްކައުންޓް ދީފައިވެ އެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިކްރާމް މުހައްމަދު
03 March 2025
އަހަރެން އަބަދުވެސް ރައީސް މުޢިއްޒްއަށް ސަޕޯޓް ކުރާނަން ދެން. ސަބަބަކީ އެމަނިކުފާނު ނޫނީ ނެތް މިހެން ދީލަތި ކަންކަން އަހަރުމެންނަށް ކޮށްދިން އެހެން ވެރިޔެއް. ހާދަ ރަނގަޅޭ އަސްލު. މިދިޔަ ވެރިކަމުގަ ކާޑު ބެހި. މިފަހަރު މަސް ދަޅު ކޭސް.
ދީމާ ސަވާދު
03 March 2025
ފެނޭތަ އިދިކޮޅަށް؟ މީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ވެރިން ކަން ކުރާ ގޮތަކީ. އެކި ގޮތްގޮތުން ރައްޔިތުންނަށް ލުއި މިދެނީ.
މަހާޒް ޒާހިރު
03 March 2025
ރައްޔިތުން ބޭނުންވަނީ ރޯދަމަސް ކަހަލަ ހަރަދުތައް ބޮޑު މަސްމަހު މިކަހަލަ އެހީ ސަރުކާރުގެ ފަރާތުން. ޑިސްކައުންޓް ލިބޭތީ ނިކަން ރަނގަޅު އަސްލު. އަދި ޕްލަސް ސަރުކާރުން މަސްދަޅު ކޭސް ދޭތީ ނިކަން ބޮޑު ލުޔެއް އެއީ ލިބިގެންދާ
މައްކޫ
03 March 2025
ޕޮލިސީ އެއްގެ ތެރެއިން ޑިސްކައުންޓް ދޭން ނިންމުން ވަރަށް ރަނގަޅު ކަމެއް، ކުންފުނީގެ ޑިސިޝަންސް ނަގަން ޖެހޭނީ ކުންފުނިން
މޫސާ ޔައިޝް
03 March 2025
މިހެންވެ ބުނަނީ އަހަރުމެންގެ ރައީސް ރައްޔިތުންނަށް ބަލާނެޔޭ. ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނަށް ހެޔޮ ގޮތް ހަދާނެޔޭ.
މުހައްމަދު ސަނީހް
03 March 2025
ރައީސް މުއިއްޒް ނޫނީ ނުދެކެން ބިލަކުން ހެޔޮ ގޮތުގައި ޑިސްކައުންޓް ދިން ވެރިޔެއް.
ޝިހާމް ހުސައިން
03 March 2025
ޑިސްކައުންޓް ލިބޭތީ އުފާވެއްޖެ. ޝުކުރިއްޔާ ސަރުކާރަށް މިކަމުގައި ވަރަށް ބޮޑަށް.
ނޫޅެން
03 March 2025
2024 ވަނަ އަހަރު އެޕާރޓްމަންޓްގަ އުޅުނުމީހުންގެ ފެންބިލް ބޮޑުވީމަ 2025 ވަނަ އަހަރު އެޕާރޓްމަންޓް ކުއްޔައްނެގި މީހާ މިޖެހެނީ އެކަމުގެ ތަކުލީފު އުފުލަން. ކިހާ އިންސާފުވެރިދޯ. ވަރަށް ސަލާން
ދަރި
03 March 2025
ސުރުޙީގެ ސުވާލު ގެ ޖަވާބު ވަރަށް ސާފު! ފެން ނުވަރާ, ޑިސްޕޯސަބަލް ތަށި ބޭނުން ކުރޭ މިރޯދަ މަހު!
ތަމީމު
02 March 2025
އެހެން މަސްމަހުގެ އެވެރެޖް ބިލެއް ހަދާކަށް ނުޖެހޭ. ކޮންމެ ބިލަލަށް ވެސް، ޑިސްކައުންޓް ދޭން ބޭނުންވާނަމަ، ކޮންމެ ބިލަކުން ވެސް %15 ދިނީމަ ނިމުނީ..، ކޮންމެ ކަމަކުން ވެސް އުޅެނީ، އޮޅުވާލަން..!