މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ އާއިލާއަކުން ރޯދަ ވީއްލަން ކާތަކެތި ހަދަނީ. ރޯދަ މަހާ ދިމާކޮށް އިޒްރޭލުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި. -- ފޮޓޯ: އޭއެފްޕީ
02 މާޗް 2025 - 22:14
ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލުން ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެ ވަނަ މަރުހަލާ ފަށާނެ ގޮތަކާ މެދު ހިޔާލު ތަފާތުވެފައި ވަނިކޮށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވައިފި އެވެ.
އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަސް މި މަހުގެ ފުރަތަމަ ދުވަހު ހަމަވުމުން އެ މުއްދަތު ރޯދަ މަސް ނިމެންދެން ދިގުދަންމާލަން ނިންމާފައިވާ ކަމަށާއި އެއީ އެމެރިކާއިން ހުށަހެޅި ގޮތް ކަމަށެވެ. ނަމަވެސް ހަމާސް އިން ބުނަނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމާ ބެހޭ ދެ ވަނަ މަރުހަލާގެ މަޝްވަރާތައް ކުރިން އެއްބަސްވެފައިވާ ގޮތަށް މިހާރު ފަށަންޖެހޭނެ ކަމަށެވެ. މިއީ ހަމާސް އިން މިނިވަން ނުކޮށް ތިބި އިޒްރޭލު ހުރިހާ ރަހީނުން ވެސް މިނިވަންކުރަން ނިންމާފައިވާ މަރުހަލާ އެވެ.
އިޒްރޭލުން މިހާރު ބުނަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމައިގެން ދެން ކުރިއަށް ދާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށެވެ.
"ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ހެނދުނު ވަނީ ޣައްޒާއަށް މުދަލާއި އެހެނިހެން ސާމާނު ވެއްދުން ހުއްޓުވަން އަންގަވާފައި," ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
"ހަމާސް އިން ދެކޮޅުހެދުމުގައި ދެމިތިބޭ ނަމަ އިތުރު ކަންކަމާ ވެސް ކުރިމަތިލާންޖެހޭނެ."
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ އާއިލާއަކުން، އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ ގެޔަކުން ހުސްކޮށް ހުރި ތަންކޮޅެއްގައި ތިބެ ރޯދަ ވީއްލަނީ. -- ފޮޓޯ: އޭއެފްޕީ
ހަމާސް އިން ބުނީ ނަތަންޔާހޫގެ ނިންމުމަކީ ވަރަށް ދަށު ދަރަޖައިގެ ބްލެކްމެއިލެއް ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އަދި މިއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވުން ކަމަށް ބުންޏެވެ.
މަސްރަހު އަނެއްކާވެސް ނާމާން ވެފައި ވާއިރު ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ޚާން ޔޫނިސްގައި އިޒްރޭލުގެ ޓޭންކުތަކުން ހަމަލާތަކެއް ވެސް ދީފައިވާ ކަމަށެވެ. ފަހުން ބުނި ގޮތުގައި މި ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ ހަ މީހަކު ޒަހަމްވި އެވެ.
އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގެ އާންމުންނަށް ދަތިކުރަން ފެށުމާ އެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި އިންސާނީ އެހީގެ ޖަމިއްޔާގެ ވެރިޔާ ތޯމަސް ފްލެޗާ ވަނީ މިއީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެހީއަށް ހުރަސްއެޅުން ވަގުތުން ހުއްޓާލަން ގޮވާލައްވައިފަ އެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލައި ދެ ފަރާތުން ގައިދީން ބަދަލުކުރުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ރެޑް ކްރޮސް އިން ވަނީ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުން ވަރަށް މުހިންމުކަމަށް ބުނެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސުލްހައިގެ މަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ މިސްރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން އަމަލުކުރުމަށް ޔޫރަޕުން އިޒްރޭލަށް ޕްރެޝަރު ކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
03 March 2025
ދުނިޔޭގައިވާ އެންމެނުބައި މީހުން ޒަޔަނިސްޓުންނާއި ހިންދުތުވާ މީހުންނަކީ. އެމެރިކާ އަޑީގައި އޮވެ މިހާރު އެފެށީ ގާޒާ ރައްޔިތުން ބަޑަށްޖައްސާފައި މަރާ ތަންހުސްކުރަން. ޓްރަމްޕް އާއި ނަތަންޔާހޫގެ ބޭނުމަކީ މުޅި ފަލަސްތީން ގެ ރައްޔިތުން އެތަނުން ބޭރުކޮށްފަ އެތާގެ އިސްލާމީ ހުރިހާ ހަޝާރަތެއް ނެތިކޮށް ބިންތައް މިލްކުކުރުން. އެބިމުގެ މާތްކަމާއި މޮޅުކަން އެމީހުންނަށް ރަނގަޅަށް އެނގޭތީ ކުރާކަންކަން އެއީ.
ޖުހާބެ.
03 March 2025
މުސްލިމުންގެ ޢަދަދު މަދީތަ. ފައިސާނެތީތަ. މުސްލިމުން މިހާބިކަވީ.
ކަމާލ
03 March 2025
ފަލަސްތީން އަށް އެހާ ފިއްތުން ކުރިމަތިކޮށްފަ އޮންނައިރު ވެސް އެމީހުންގެ ބިމާ ހަމަވެފައިވާ ގެތައް ސާފުކުރުމުގަ އާއި އެތައްބަޔަކު ބައިވެރިވެގެން ރޯދަ ވިއްލާ މަންޒަރު ދައްކާ ވީޑިއޯ ތައް ސޯޝަލް މީޑިއާ އަށް ލުމުން އެ ވީޑިއޯތައް ޔަހޫދީންނަށް ހާދަ އަސަރެއް ކުރާނެއޭ. ޢެބަލާފަ ތި ކަހަލަ ހުރިހާ ޖެއްސުމެއް ކުރެވޭތޯ ބަލާނެ.