މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ މީހަކު ކުޑަކުއްޖަކު ކޮނޑަށް ލައިގެން: މިފަހަރު ކުޑަކުދިން ހައްޖަށް ގެންދިއުން ވަނީ މަނާކޮށްފައި. -- ފޮޓޯ: އޭއެފްޕީ
03 މާޗް 2025 - 05:34
ހައްޖުގެ އަޅުކަމުގައި މިފަހަރު އަމަލުކުރާ އުސޫލުތައް މިދިޔަ މަހު އިއުލާުނުކޮށްފައި ވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންނަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.
މިއީ މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.
ސައޫދީ ހައްޖު މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ނިންމީ މީހުން ގިނަވުމާއި ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްކުރުމަށާއި ހައްޖުގެ އަޅުކަން ރައްކާތެރިކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދަން މަގު ފަހިކުރުމަށް ކަމަށެވެ.
ކުޑަކުދިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭނެ ހާއްސަ ހާލަތެއް ވެސް ނޯންނާނެ ކަމަށް ސައޫދީން ވަނީ ބުނެފަ އެވެ. މިނިސްޓްރީން އެދިފައިވަނީ އަލަށް ހައްޖުވާ މީހުންނަށް މިފަހަރު އިސްކަން ދޭން ނިންމާފައި ވާއިރު ކުޑަކުދިން އުމުރު ހަމަވުމުން ހައްޖުގެ އަޅުކަމުން އަލުން ފުރުސަތު ހޯދަން މަޑުކުރުމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި މިފަހަރު ވަނީ ހުރުމަތްތެރިވެގެންވާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަތައް ދޫކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. މީހުން ގިނަވެ ތޮއްޖެހޭ ސަރަހައްދުތައް ދެނެގަތުމަށް ޒަމާނީ ކެމެރާތައް ހަރުކުރުމުގެ އިތުރުން ހައްޖު ވިސާ ނެތި ޓޫރިސްޓު ވިސާގައި ސައޫދީއަށް އެތެރެވެ ހުއްދަ ނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވުން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުގެ މީހުންނަށް "މަލްޓިޕްލް އެންޓްރީ ވިސާ" ދިނުން ވަނީ ހުއްޓާލައިފަ އެވެ.
މި ފަހަރު ހައްޖުގެ އަޅުކަމުގެ ދުވަސްތަކާ ދިމާވާނީ ޖޫން މަހުގެ 4-6 އާ ދެމެދެވެ. މިނިސްޓްރީން ލަފާކޮށްފައިވަނީ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަންކަމެއް ޖޫން 11 އަށް ނިމޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދންފަހެ
03 March 2025
ކުޑައޭ ކިޔަނީ ކިހާވަރެއް ވީމަބާ