03 މާޗް 2025 - 20:46
ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން އެކަން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް ރާއްޖެއިން ބުންޏެވެ.
އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި ގާޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށް ރާއްޖެއިން ދެކެ އެވެ.
އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަސް މި މަހުގެ ފުރަތަމަ ދުވަހު ހަމަވުމުން އެ މުއްދަތު ރޯދަ މަސް ނިމެންދެން ދިގުދަންމާލަން ނިންމާފައިވާ ކަމަށާއި އެއީ އެމެރިކާއިން ހުށަހެޅި ގޮތް ކަމަށެވެ.
ނަމަވެސް ހަމާސް އިން ބުނަނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމާ ބެހޭ ދެ ވަނަ މަރުހަލާގެ މަޝްވަރާތައް ކުރިން އެއްބަސްވެފައިވާ ގޮތަށް މިހާރު ފަށަންޖެހޭނެ ކަމަށެވެ. މިއީ ހަމާސް އިން މިނިވަން ނުކޮށް ތިބި އިޒްރޭލު ހުރިހާ ރަހީނުން ވެސް މިނިވަންކުރަން ނިންމާފައިވާ މަރުހަލާ އެވެ.
އިޒްރޭލުން މިހާރު ބުނަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމައިގެން ދެން ކުރިއަށް ދާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުނން
04 March 2025
އަދިވެސް ޕާސްޕޯޓް ބޭންކުރަން ހިތްވަރެއް އެބަހުރިތަ ؟؟؟؟؟؟؟؟
ތެފައާސާ.
04 March 2025
ކޮރޮކޮޑައިލް ޓިއާރޒް. 1 ދުވަސް ތެރޭގައި ގާނޫނު އަސާސީ އިސްލާހުކޮށްލި ބަޔަކަށް ދޮޅު އަހަރު ވެގެން ދާއިރު އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށްލަން ނުކެރިގެން ބަހަނާއަކަށްފަހު ބަހަނާއެއް ހަދަހަދައި މި ތިބޭ ތިބުމުން ދައްކައިދެނީ ތިމާމެންގެ މުނާފިގުކަން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟
ޖީހާންް
04 March 2025
ރާއްޖޭގެ ރައީސުލްޖުމޫހުރިއްޔާ އަދި މިއަދުގެ ސަރުކާރަކީ ފަލަސްތީނުގެ ހައްޤުގައި ފާޅުގައި ވަކާލާތުކުރަން ކެރޭ ސަރުކާރެއް.
މޫމިން ފުއާދު
04 March 2025
މިހެންވެ ބުނަނީ ރައީސް މުއިޒްގެ ސަރުކާރު ހަމަ ބަރާބަރޭ. މިދިޔަ ސަރުކާރު އޮތީ މިކަހަލަ ސްޓޭޓްމެންޓްތައް ނެރެން ހަމަ ފަހަތު ފަޔަށް ބުރަވެފަ.
ޢަލްޓިކޯ
03 March 2025
ދިގުމޭޒު ކޮޅުގަ އިދެގެން ގޮވީމަވޭތަ؟
ސިޔާމާާ
04 March 2025
ނުގޮވާ ހަނުހުރުމަށްވުރެ ގޮވުން މާ އައުލާކަންބޮޑު. މިކުޑަކުޑަ ގައުމުންވެސް އެމީހުންނަށް ވީވަރަކުން މަސައްކަތްކުރަންވާނެ.
ޖޯޖު
03 March 2025
ފިލްމު ނުކުޅެބަލަ ކުއްވެރިކޮއް ނެރުނު ބަޔާންވެސް ނުކެރުނޭ އިގިރޭސި ބަހުން އާއްމު ކޮއްލާކަށް ރަށުބަހުން ލިޔެގެން އޭގަ ކުރާނެ މަންފާއެއް އެބައޮތްތަ
އަފާފް ސައީދު
04 March 2025
ރަނގަޅަށް ބަލާފަ ތިކަހަލަ ވާހަކަ ދައްކަބަލަ. އިގިރޭސި ބަހުން އެބައިން ނެރެފަ. ފޮރިން މިނިސްޓްރީގެ ހޭންޑްލްތައް ބަލާބަލަ
ބަބްސް
03 March 2025
އެކަމަކު އަދިވެސް ޕާސްޕޯޓް ބޭންކުރަން ހިތަށްވެސް ނާރާ ...
ގެދާނޯމޮސް
03 March 2025
އާރެއް ބާރެއް ނެތްބަޔެއް ކޮން ހަރުކަށްޓެއް ލާކަށް ! ކުށްވެރި ކުރުން ލާޒިމްވެގެން ވެއެވެެ.