05 މާޗް 2025 - 07:51
ބ. ތުޅާދޫގެ އިިރުއުތުރު ފަރާތު އަތިރިމަތީ ހޭޅިފަށުގައި ވަރަށް ރީއްޗަށް ހެދިފައި ހުއްޓާ އެ ފެންނަނީ އަހަރެމެންގެ މި ދިވެހި ލޯ ތަކަށް އާންމު މަންޒަރެއް ނޫނެވެ. ހީވަނީ އަރަބި ގައުމަކަށް ދެވިގެން އުޅޭހެންނެވެ. ވަށައިގެން ހުރީ ހެދެމުން އަންނަ 200 ވަރަކަށް ކަދުރު ރުއްތަކެވެ. ކަދުރު ރުއްތައް އެއް ސަރަހައްދެއްގައި މިހާ ގިނަ އަދަދަކަށް ހެދިފައިވާ އެހެން ރަށެއް ރާއްޖޭގައި އޮންނާނެހެން ހީއެއް ނުވެ އެވެ. އެހާ ގިނަ އެވެ.
ކަދުރު ރުކަކީ ރާއްޖޭގެ ވެއްޔާއި ފަހާއި ވެއްޓާ ވެސް ރަށްޓެހި ރުކެއް ނޫނެވެ. އަހަރެމެން މި ތިބި ސަރަހައްދުގައި މީހަކު އިންދި ނުވަތަ މީހަކު ހައްދާ ބަލަހައްޓާ ހަމަ އެންމެ ރުކެއް ވެސް ނެތެވެ. އެއީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ހެދެމުން އަންނަ ރުއްތަކެކެވެ.
ތުޅާދޫ ކަދުރު ރުއްތަކުގެ ވާހަކަ މި ފަހުން އެންމެ ބޮޑަށް މަގުބޫލުވީ 2021 ގަ އެވެ. އެ ވާހަކަ އިވި މި ކަދުރު ރުއްތަކުގެ މެދުގައި ފޮޓޯ ނަގައި، ހިތް އުފާކުރި އެތައް ބަޔަކު އެބަތިއްބެވެ. އެ މީހުންގެ ކެމެރާތަކުގައި އެ މަންޒަރުތައް ރައްކާކުރީ ފަހުރުވެރިކަމާ އެކުގަ އެވެ. ހިތްގައިމު މަންޒަރުތަކަކަށް ވާތީ އެވެ. ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެ މަންޒަރުތައް ރައްޓެހިންނަށް ދައްކައިދިނީ ހެދިފައިވާލެއް ޗާލު ކަމުންނެވެ.
ތުޅާދޫގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް
ތުޅާދޫގެ މި ކަދުރު ރުއްތައް ހެދެމުންދާ ސަރަހައްދަށް އެތައް ނަމެއް ދީފައި އެބަހުއްޓެވެ.
"ބައެއް މީހުން މިތަނަށް ކަދުރު ޕާކޭ ކިޔައި އުޅެ އެވެ. ބައެއް މީހުން ކިޔަނީ ކަދުރުފަލެވެ. އެއީ ދިވެހި ގޮތެވެ. ދިވެހިން ކިއިދާނެ އަނެއް ގޮތަކީ ކަދުރު ބާލެވެ. ނުވަތަ ކަދުރު ރުއްގަނޑެވެ. އަޅުގަނޑަށް ބޮޑަށް ހިތްގައިމީ ކަދުރުފަލެވެ." ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު 2022 ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެ އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އާދިލް "މިހާރު" އަށް ވިދާޅުވީ އެ ރުއްތައް ހެދެމުންދާތާ މިހާރު 11 އަހަރު ވެދާނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި، މިއީ ކުރިން ވަގުތީ ގޮތުން ކުނި ޖަމާކުރި ސަރަހައްދެއް. އޭރު ކުނި އުކާލުމުގެ ތެރެއިން އުކާލެވިފައި ހުރި ކަދުރު އޮށްތަކަކުން ހެދިފައި ހުރި ކަމަށް ލަފާކުރެވެނީ،" އާދިލް ވިދާޅުވި އެވެ.
ތުޅާދޫގެ ކަދުރު ދަނޑު ހެދިފައ ހުންނަތާ 11 އަހަރު ވެދާނެ ކަމަށް އެ ރަށު ކައުންސިލުން ބުނޭ. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް
އާދައިގެ ފުޓުބޯޅަ ދަނޑަކަށް ވުރެ ކުޑަ މި ސަރަހައްދުގައި ރުއްތައް ހެދިފައި ހުރީ ވަކި ތަރުތީބަކުންނެއް ނޫނެވެ. ބައެއް ރުއްތަކުގެ މޫތަށް ހިންދެމިލާ ހެދިބޮޑުވާން ބޭނުންވާނެ ވަރުގެ ޖާގައެއް ވެސް ނެތެވެ. އެއީ ފަހަރުގައި މި ރުއްތައް ނުފޯދޭ އެއް ސަބަބަށް ވުން ވެސް އެކަށީގެންވެ އެވެ.
އެކަމަކު މީގެ މީގެ ދެތިން އަހަރު ކުރީގެ ފޮޓޯތަކާއި މިހާރާ އަޅާ ބަލާއިރު ގިނަ ރުއްތައް އަދިވެސް އަންނަނީ ބޮޑުވަމުންނެވެ. ފެންނަން ހުރީ އާރޯކަމެވެ. ދެރައީ އަދި މިހާތަނަށް ވެސް މި ރުއްތަކުން ކަދުރު ކޮޅެއް ރަހަ ބަލާލެވޭ ވަރެއް ނުވާތީ އެވެ. މިދިޔަ 11 އަހަރު ވެސް ކަދުރު ރުއްތައް ބޭނުންކުރީ ފޮޓޯ ނަގައި ރައްކާ ކުރާށެވެ.
ތުޅާދޫގެ ޗާލު ކަދުރު ދަނޑު. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް
ތުޅާދޫގައި މަގުބޫލު ގޮތަށް ނަމަ 'ކަދުރު ޕާކު' ސަރަހައްދު ހިމާޔަތްކޮށް، މި ސަރަހައްދު ރީތިކޮށް ބެލެހެއްޓުމަށްޓަކައި ރަށު ފެންވަރުން ކުރެވޭނެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކައުންސިލުން އެބަ ކުރެ އެވެ. މާ ބޮޑު ތަރައްގީއެއް ނުލިބުނަސް މި ސަރަހައްދުގައި ހެދޭ ވިނަތައް ކޮށައި ސާފުކޮށް، ފަސޭހައިން ހިނގޭނެހެން މަގު ހުރީ ހަދައިފަ އެވެ.
"އަޅުގަނޑުމެންނަކީ ފަންނީ މީހުންނެއް ނޫން. އަހަރަކު ދެތިން ފަހަރު އެބަ އެދެން ކަމާ ގުޅޭ މިނިސްޓްރީތަކަށް މިކަމުގައި ލަފާ ދޭނެ މީހަކު ގެެނެސްދިނުމަށް،" ކައުންސިލްގެ ރައީސް އާދިލް ވިދާޅުވި އެވެ.
ތުޅާދޫ ގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް
ތުޅާދޫ ގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް
އާދިލް ވިދާޅުވިގޮތުގައި، މިހާތަނަށް ދެ ރުކެއް ވަރު ފޯދުނެވެ. ނަމަވެސް އިހާ އައުމަށް ފަހު ކަދުރު ލިބުމުގެ ކުރިން މަރުވަނީ އެވެ. އެއީ ކީއްވެގެން ކަމެއް ކައުންސިލަކަށް ވެސް އަދި ރަށުގެ ރައްޔިތަކަށް ވެސް ނޭނގެ އެވެ. އެކަމަކު މި ރޯދަމަސް ފެށުނު އިރު އެއް ރުކުގައި ކަދުރު ކުޑަކޮށް ދޮންވެފައި އެބައްހުޓެވެ.
ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި މިހާ ގިނައަދަދެއްގެ ކަދުރު ރުއްތަކެއް އަމިއްލަ އަށް ހެދިފައި ހުރި ކަމެއް އެނގޭކަށް ނެތެވެ. އެހެން ވެއްޖެ ނަމަ މިއީ ރާއްޖޭގައި ތާރީހީ މުހިންމު ސަރަހައްދަކަށް ވާނެ އެވެ. ތުޅާދޫ ރައްޔިތުންގެ އުންމީދަކީ މި ކަދުރު ރުއްތައް ހެއްދުމާ ގުޅޭ ފަންނީ ލަފާ ލިބި، މި ދަނޑުތަކުން ނަފާ ލިބޭނެ ގޮތެެއް ވުމެވެ. ޔަގީނުން ވެސް މިއީ މި ރަށުގެ ރީތި ކަމާ މިހާރު ގުޅިފައިވާ ދަނޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޅި ބުރޯ
07 March 2025
އާސްކު ޑރ.ޔޫޓޫބް ފޯ މޯ އިންފޯމޭޝަން. އީޒީ
ބޭދަނާބެ
07 March 2025
ކަދުރުނާޅާތަ ތިޔައިން ރުކެއްގަ ؟
ޕެލޭ
05 March 2025
އާދިލު ނިކަން ލޯބިވާ ތަނެއްމީ. ރަށް ސާފުނުކޮށްވެސް މީހުން ނެރެގެން ތިޔަ ކަދުރުފާ ސާފުކުރާނެ އޭނަ
ދިވެހިބަސް
05 March 2025
ބާލް، މިއީ ފުވައްމުލަކު މީހުން ކިޔައިގޮތެއް؛ ރުއް ބާލް، ގެހެ ބާލް، މިރިސް ބާލް ، ކަދުރު ބާލް... ނުލައިހިކު ހިތްގައިމު މިހެން ކިޔާލަން. ކޮންމެހެން ފަލޭ ފަޅޮލޭ ހިތްގައިމީ ބުނެ މާލެ ބަސް މަތިކުރަން އުޅޭނެކަމެއް ނެތް.
މުލަކުބޯލް
06 March 2025
އިޤްބާލް، އަލީބޯލް
ހާސަރު
05 March 2025
ތިޔަ ކަދުރު ރުއްތަކުން ކަދުރުހޯދަން އުޅެގެން ތިޔަ ތަކުގެ ރީތިކަން ނަގާލުމަށްވުރެ ތިޔަތަން ހަމަ ރަގަޅުވާނީ ކަދުރުރުއް ޕާރކްގެ ގޮތުގައި ބޭއްވީއްޔާ.
ކިލާ
05 March 2025
ދޮންވެލީގެ ގޮނޑުދޮށްތައް އަރަބި ހިލަވެޔަށް ބަދަލުކުރާތަންވެސް އަދި ފެންނާނެ މިވަރުން ދާނަމަ. ވަކި ބައިގަނގެއްގެ ނުފޫޒުން ގައުމާއި މީހުންގެ އައިޑެންޓިޓީ ގެއްލިދަނީ.
ޢަލިކޮއެ/ހުޅުމާލެ
05 March 2025
މިކަހަލަ ނޮނއ ނޭޓިވް ރުއް ގެނެސްގެން މިތާ ހައްދަން އުޅުމެކޭ މީހަކު މާރސް އަށް ފޮނުވައިގެން ދިރުވަން އުޅުމެކޭ ތަފާތެއް ނެތް. ލައްކަ ކަންކަން ކުރަން ޖެހޭނެ. ޢެކަމަކު ބަޔަކު މޮޅު ކަމަކަށް ހަދައިގެން މުޅި މާލޭގައިވެސް އެ އިންދައިފި. ފަސްގަނޑަށް ކުރާނެ އަސަރަކަށްވެސް ބެލުމެއްނެތް. މީހަކު ޓުވިޓަރުގަ މިވާހަކަ ނުދައްކާތީ، މިނިސްޓްރީ އަކަށް ނޭނގޭ. ދިވެހި ރުކަށް ނެތް ލޯތްބެއް ގައުމަކަށް ނޯންނާނެ.
އޮނަރަބްލް އަފީފު ދީދީ
05 March 2025
ތުޅާދޫ ކައުންސިލުން 200 ކަދުރު ރުއް ބޭނުންކޮށްގެން އާމްދަނީ ލިބޭނެ ރަނގަޅު އިންވެސްޓްމަންޓަކަށް ދިއުމަށް ވިސްނުން ވަރަށް މުހިންމު. ޕާކެއްގެ ގޮތުގައި ތިޔަ ރުއްތައް ބޭނުން ކުރެވިދާނެ. އެހެން ނަމަވެސް ރަށުގެ އާބާދީއާއި، ތަރައްޤީއެއް ނުވަތަ އިންސާނަކު ދިރިއުޅެން ބޭނުންވާ ވަސީލަތް ތަކަށް ބަލާއިރު ޕާކަކަށްވުރެން މިވަގުތަށް ރަށަށް ބޭނުން އެތައް ކަންކަމެއް އެބަހުރި. އެހެންކަމުން ރަނގަޅު އަގަކަށް ތިޔަ ރުއްތައް ވިއްކާލުން ބުއްދިވެރި ކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
05 March 2025
ދިވެހިން ބުނެއުޅޭ ބޭނުން ނުކުރާނަމަ، "ރަން ގަނޑެކޭ ހިލަ ގަނޑެކޭ ވާނީ އެއްވަރު" ކަމަށް. ކަދުރުރުކެއްގެ އުމުރު 100 އަހަރަށްވުރެން ދިގުކަމަށްވިޔަސް އޭގެޒާތުގައި ރަނގަޅަށް ހެދިބޮޑުވާ ރޫފަ ރަނގަޅު ރުކެއްގައި ކަދުރު އަޅަނީ 10 ވަރަކަށް އަހަރު ފަހުން. ތިޔަ ރުއްގަނޑުގައި މިހާރު ފެންނާން ހުރި ރުއްތަކަށް ބަލާއިރު އެއްވެސް ތަރުތީބެއް ނެތި އުކާލެވުފައިވާ ރުއްތަކެއް ތިހެން ބަހައްޓައިގެން އެތައް ޒަމާނަކަށް ތިބުމަކީ ވުމަށްވުރެން ނުވުން ގާތް ކަމެއްކަން ޔަޤީން.
އޮނަރަބްލް އަފީފު ދީދީ
05 March 2025
ރާއްޖޭގައި ރިސޯޓް ހަދާނެ "ފަޅުރަށެއް ނެތި ރަށް ތައް ހުސްވެގެން" މާލެ ފެންނަ ފަށަލުގެ ފަޅުތައް ހިއްކައިގެން ހަދާ ރިސޯޓެއް ނުވަތަ މާލޭމީހުންނަށް ފުލެޓް އަޅާފައި ފުލެޓް ބަހަން މާލެ ސަރަޙައްދުގެ ކަނޑު ފަޅު ހިއްކަން ޙަވާލު ކޮށްފައިވާ HDC ވާހަކަ ދައްކައިގެން ރަނގަޅު އަގެއްގައި (އެމީހުން އަމިއްލައަށް ރުއްތައް ނަގާގޮތަށް) ރުއްތައް ވިއްކާލާ. ނުވަތަ ރުކެއް 1800ރ ގެ މަގުން ގަންނާން ބޭނުން ބަޔަކަށް ރުއްތައް ގަނެވޭގޮތަށް (އެންމެ މަދުވެގެން 50 ރުއް) ހުޅުވާލާ.