އޫކްލާއިން ދިން އެވޯޑާ ދިރާގުން ހަވާލު ވަނީ.
05 މާޗް 2025 - 11:58
އޫކްލާ އިން ދޭ "ރާއްޖޭގެ އެންމެ ހަލުވި 5ޖީ މޯބައިލް ނެޓްވޯކް" އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.
އެ އެވޯޑު ދިރާގަށް ދީފައި ވަނީ މި ދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ހަތަރުވަނަ ކުއާޓަރުގެ ޕާފޯމަންސަށް ބެލުމަށް ފަހު އެވެ.
އޫކްލާއިން އެ އެވޯޑް ދިރާގާ ހަވާލުކުރީ ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށް ގެންދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދެވެ.
އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، ސީއީއޯ އިސްމާއިލް ވިދާޅުވީ އެއީ ދިރާގުން އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މުޅި ޓީމުން ކުރާ މަސައްކަތާއި ދޭ ހާއްސަ އަހައްމިއްޔަތުގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ. ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކުގެ ގޮތުގައި ދިރާގު ބަލައިގަނެ، ކުންފުންޏާ އެކު ދެމިތިބި ކަސްޓަމަރުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އެ ކުންފުނިން މަސައްކަތް ކުރާނީ މިހާރަށް ވުރެ ވެސް ހިދުމަތްތައް ފުރިހަމަކުރުމަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަލްޓްރާ-ފާސްޓް 5ޖީއާ އެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެގެން ގޮސް، ކުރިއެރުމަށް އެހީތެރިވެގެން ދާނެ. ދިރާގުން ދާނީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ދެމިތިބުމަށް މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓްކުރާ އެކި އެޕްލިކޭޝަނާއި ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް އަންނަނީ އެއްކުރަމުންނެވެ.
ދިރާގުން މިދިޔަ ތިން އަހަރު ވިދިވިދިގެން ވަނީ އޫކްލާއިން ދޭ ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކުގެ އެވޯޑު ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy