މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މަސްދަޅު ކޭސް ބަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 މާޗް 2025 - 16:34
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދެމުން އަންނަ މަސްދަޅު ކޭސް، އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުންކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ގިނަ ގޭބިސީތަކަށް ރޯދަ ހަދިޔާ ދޫކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އަންނަ އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މަސްދަޅު ކޭސް ބަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެ އާއި ހުޅުމާލޭގެ މިފްކޯގެ ހުރިހާ ފިހާރައެއް ހުޅުވާފައި ހުންނަ ގަޑިތަކުގައި އެތަންތަނުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށާއި މިފްކޯގެ ފިހާރަތަކުން ވެސް މަސްދަޅު ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހު 20 ވަނަ ދުވަހު އެވެ. ފުރަތަމަ ހަމަޖެއްސީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޖުމްލަ ފަސް ތަނަކުން މަސްދަޅު ކޭސް ދޫކުރާށެވެ. ނަމަވެސް، ދިގު ކިއުތައް ދަމާލުމާ އެކު މަރުކަޒުތައް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މަސްދަޅު ކޭސް ބަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ކޭސް ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy