ފަލަސްތީނުގެ ޣައްޒާގައި މި ރޯދަ މަހުގެ ދުވަހެއްގައި ރޯދަ ވީއްލުމެއް ބާއްވަނީ: އިޒްރޭލުން މިހާރު ވަނީ ޣައްޒާއިން ކަރަންޓު ކަނޑާލަން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
09 މާޗް 2025 - 22:09
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާއިން ކަރަންޓު ކަނޑާލަން އިޒްރޭލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން އަންގައިފި އެވެ.
ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ހަމަލާތައް ދޭން ފެށިތާ ކުރީކޮޅު ވެސް ޣައްޒާ ހިސާރުކޮށް ކަރަންޓު ކަނޑާލި އެވެ.
"ޣައްޒާއިން ވަގުތުން ކަރަންޓު ކަނޑާލުމުގެ އަމުރުގައި ސޮއިކޮށްފިން،" ވީޑިއޯ ބަޔާނެއްގައި ކޯހެން ބުންޏެވެ.
"ހަމާސްއިން ރަހީނުކޮށްފައިވާ އެންމެން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އަދި އޭގެ ފަހުން ޣައްޒާގައި ހަމާސްގެ ބާރެއް ނެތްކަން ކަށަވަރުކުރާނަން."
ޣައްޒާއިން ކަރަންޓު ކަނޑާލަން ނިންމާފައި މި ވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން ވެސް އިޒްރޭލުން ހުއްޓުވިތާ ހަފްތާއެއް ފަހުންނެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މި މަހުގެ ފުރަތަމަ ދުވަހު ހަމަވެފައި ވާއިރު އެ މުއްދަތުގައި ކާނާ އާއި ބޯހިޔާވަހިކަމާއި ބޭސް ފޯރުކޮށްދޭންޖެހެ އެވެ. މިކަން ކުރަމުން އައި އިރު ހަމާސް އިން ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރި ނަމަވެސް އިޒްރޭލުން ދަނީ އެއްބަސްވުމުގެ ބޭރުން އެތައް ކަމެއް ޝަރުތުކޮށް ހުރިހާ ރަހީނުން މިނިވަންކުރަން ބުނަމުންނެވެ.
ހަމާސް އިން އިއްޔެ ބުނެފައިވަނީ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެކަމުގެ ސަބަބުން އިޒްރޭލުގެ ރަހީނުންނަށް ވެސް ނުރައްކާވާނެ ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގައި 251 މީހަކު ރަހީނުކުރި އެވެ. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ބައެއް މީހުން މިނިވަންކޮށްފައި ވާއިރު ޣައްޒާގައި އަދިވެސް 58 މީހަކު ހަމާސްގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު 122
10 March 2025
ރަހީނުކުރީއެއް ނޫން. އަސީރުކުރީ. ހަމާސުން އިސްރާއީލާ ދެކޮޅަށް ކުރަނީ ހަނގުރާމަ. ހަނގުރާމައިގައި ހައްޔަރުކުރެވޭ މީހުންނަކީ އަސީރުން
އާދަނު33
10 March 2025
ގާޒާ އަށް ކަރަންޓު ދެނީ އިޒްރޭލުންތަ؟ މިލިޔުން ކިޔާނިމުނުއިރު ނޭގުނު!!
ސަސި
09 March 2025
ކޮބާ ކޮންމެވެސް ކުއްޖަކު އަރަބި ލީގުގެ ހަބަރެއް ބަލާލަބަލަ