މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ ގެއެއްގެ ތެރޭގައި، ރޯދަ ވީއްލަން ކާތަކެތި ހަދަނީ: ޣައްޒާއަށް ކާބޯތަކެތި ވެއްދުން އިޒްރޭލުން މަނާކުރުމަށް ފަހު މިހާރު ވަނީ ކަރަންޓު ވެސް ކަނޑާލާފައި. -- ފޮޓޯ: އޭއެފްޕީ
11 މާޗް 2025 - 09:24
އިޒްރޭލުން ސުންނާފަތިކޮށްފައިވާ، ފަލަސްތީނުގެ ޣައްޒާއިން ކަރަންޓު ކަނޑާލާފައި ވާތީ ވަރަށް ކަންބޮޑުވާ ކަމަށާއި މިހާރުވެސް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުންގެ ހާލަތު އެކަމުގެ ސަބަބުން ވަރަށް ނުރައްކާވެދާނެ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.
އިޒްރޭލުން ޣައްޒާއިން ކަރަންޓު ކަނޑާލާފައި ވަނީ އެ ސަރަހައްދަށް އެހީގެ ސާމާނު ވެއްދުން ވެސް ހުއްޓުވުމަށް ފަހުގަ އެވެ.
ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ޕްރެޝަރު ކުރުމަށް ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ކަރަންޓު ކަނޑާލުމުން މިހާރު ވަނީ ޣައްޒާގެ ފެން ޕްލާންޓަށް ކަރަންޓު ލިބެން އޮތް ހަމައެކަނި މަގު ބަންދުވެފަ އެވެ.
"އިންސާނީ އެހީ އާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ތަކެތީގެ އިތުރުން، ޖަނަރޭޓަރުތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ތެޔޮ އެތެރެވުން މިދިޔަ ހަފުތާގައި އިޒްރޭލުން މަނާކުރުމަށް ފަހު ޣައްޒާއިން ކަރަންޓު ކަނޑާލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ސެއިފް މަގަންގޯ އޭއެފްޕީއަށް ފޮނުއްވި އީމެއިލްގައި ވިދާޅުވި އެވެ.
"ކަރަންޓު ނެތުމުން އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކުރުމުން، ޣައްޒާގެ ބާކީ ހުރި ފެން ޕްލާންޓްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ބޭކަރީތައް ބަންދުވުމުގެ ބިރު އެބައޮތް. އެކަމުގެ ސަބަބުން އާންމުންނަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ."
މަގަންގޯ ވިދާޅުވީ އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައި ޣައްޒާ އޮންނައިރު އެތަނުގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަކީ އިޒްރޭލަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހަތިޔާރުއެޅި ޖަމާއަތަކަށް ޕްރެޝަރު ކުރުމަތިކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އާންމު ރައްޔިތުންގެ ދިރިއުޅުމާއި އަސާސީ ކަންކަމަށް ދަތިކޮށް ޖުމްލަކޮށް އެންމެންނަށް އަދަބު ދިނުމަކީ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް މެދުކަނޑާލަން ހަމާސްއާ އެކު ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މި މަހުގެ 1 ގައި ނިމި ދެ ވަނަ މަރުހަލާ ފެށުން ފަސްކުރަމުން ދާއިރު އެއްބަސްވުމާ ހިލާފަށް އެތައް ކަމެއް ދަނީ ކުރަމުންނެވެ. އެކަމަކު އަލުން މަޝްވާތައް ފެށުމަށް އދ.ގެ ޓީމެއް މިހާރު ވަނީ މިސްރަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮނަގޮތް
11 March 2025
ހިއުމަން ރައިޓްސް އޮންނާނީ ބާރުގަދަ ފަޅީގަ ގައުމެއްވިއްޔާ މެޖޯރިޓީ މީހުންގެ ފަޅީގަ އެއީ އެމެރިކާވިޔަސް ޔޫރަޕްވިއަސް މެދުއިރުމަތީގަވިޔަސް އިންޑިއާގަ ވިޔަސް އަދި މިދިވެހި ރާއްޖޭގަ ވިޔަސް ކަން އޮތްގޮތް
ދރުތި
11 March 2025
އދ ވެސް އޮންނަނީ އިޒުރޭލު ކުރިމަތީ ކުޑަކަކޫ ޖަހާގެން. އެއި ކޮންބައެއްތަ ބައެއްގެ ޒަރޫރީ ހައްގަށް އަރާގަންނަން.
ޔޫކޭ
11 March 2025
ކޮބާ ހުޅަނގުގެ ހިއުމެން ރައިޓްސް
ބުނަން
11 March 2025
ހިއުމަން ރައިޓްސް އަށް ފައިން އެރުނަސް ނޭނގޭ ބައެއް އުޅޭގައުމެއް މަހަލްދީބަކީ