ހެންވޭރު ފެރީ ޓާމިނަލް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
12 މާޗް 2025 - 13:56
ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުންކުރަން ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން އިއްޔެ ބުނެފި އެވެ.
ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ނުވަތަ މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ އެންމެންނަށް ހުޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެއާއެކު، އެކަމަށް ބޭނުންވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލި އެވެ.
އިއްޔެ އެމްޓިސީސީން ނެރުނު ބަޔާނެއްގައި ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި އދ. އަތޮޅުގެ ތިން ރަށުން، ކ. އަތޮޅުންނާއި ބ. އަތޮޅުން ވެސް ފަސް ރަށުން ހުށަހަޅައިފައިވާ ކަމަށެވެ.
ހެންވޭރު ޓާމިނަލުން ޖާގަ ދޫކުރާ ތަންތަން.-- ފޮޓޯ: އެމްޓީސީސީ
- އދ. ފެންފުށި، މާމިގިލި، ދިއްދޫ
- ކ. މާފުށި، ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ
- ބ. ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ
އެ ކުންފުނިން ބުނީ ހިދުމަތްދޭން ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް އެ ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށެވެ.
އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ހިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ، އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ ތިން ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހާއްސަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
"ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެ. ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމުކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.
ހެންވޭރު ފެރީ ޓާމިނަލް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ދަތުރުވެރިންގެ ފަސޭހައަށް ޓަކައި ޓާމިނަލްގެ ފާހާނާ ހިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މާލެ އަށް ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން ފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމުގެ ޝަކުވާތައް ވެސް ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނިހާލް
12 March 2025
ދެން ހަމަ ގައިމުވެސް މާލެ އެމެއެމްއޭ ކައިރި ތޮއްޖެހިގެން އުޅޭކަށް ނުޖެހޭނެ. ވަރަށް ފަސޭހަވާނެ
ޟަޒްނާ
12 March 2025
ޜަގަޅު ކަމެއް. މިގައުމުގައި ޕަބްލިކް ފާހާނާ މަދު. ޖުުމްހޫރީ މައިދާނުގައި ވެސް ނުހުރޭ އަދި އެންމެ ކައިރިބް ފާހާނާ ހުންނަ ދިމާލުގެ ބޯޑްް ޖަހާފައި ނުހުރޭ . ހުޅުމާލޭ ސެންޓްރަލް ފާކްގައި ނެތް ފާހާނާ. މި ދެރަވަރު ކަމެއް. ހުޅުމާލޭގައި ބޯޅަ ކުޅޭ ދަަނޑުތަަކުގައި ވެސް ނެތް. ޕަބްލިކް ޓޮއިލެޓް އަކީ ތަރައްގީ ގައުމުތަކުގައި މަޖުބޫރު ކަމެއް. ސަރުކަރުން މިކަން ހައްލު ކޮށްދެއްވާ.