13 މާޗް 2025 - 08:26
10 ވަނަ ބައި
އެވަގުތު ޝިއުނާގެ ހަނދާނަށް އައީ އޭނާގެ ގޭތެރެއިން މިހާރަކަށް އައިސް ދޭތެރެއަކުން ފެންނަ ބުޅަލެވެ. އެޔާއިއެކު އޭނާގެ ހިތުތެރެއަށްވެސް ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް އިހުސާސް ވެގެން ހިގައްޖެއެވެ. އޭނާވެސް ބޭނުންވީ އަވަހަށް އެތަނުން ދުރަށްދާށެވެ.
ކޮންމެއަކަސް ދުރުމަގުން ލާފައި ފިހާރައަށް ގޮސް އައިސްކޯނު ގަނެގެން އެމީހުންނަށް ގެއަށް އާދެވުނީ ތަންކޮޅެއް ގިނައިރުންނެވެ. އޭރު ޒިލާލު ގޭގައި އުޅެއެވެ. ޝިއުނާ ފެނުމާއިއެކު ކޮންތާކުންތޯ ތިއައީ އޭނާ އަހާލިއެވެ. އެގަޑީގައި ބޭރަށް ނުކުތީމާ ޒިލާލު ކަންބޮޑުވިއެވެ. ރަށަށް ފުރަން އުޅުނުއިރު ޙަނީފުވަނީ ޒިލާލު ކައިރީ ދެނަމާދު ދޭތެރޭ ޝިއުނާ ބޭރަށް ނުކުތަ ނުދޭށޭ ބުނެފައެވެ. އެހަނދާން ޒިލާލު ވީ ދެންމެއެވެ. އެކަމަކު ސީދާ ކަނޑައެޅިގެން އެހެންބުނާކަށް ޒިލާލު ބޭނުމެއްނޫނެވެ. އަދި މީގެފަހުން އެގަޑީގައި ޝިއުނާ ނުކުތަ ނުދީ ހިފަހައްޓާނީއޭ އޭނާ ނިންމިއެވެ.
ޝިއުނާ ވުޟޫ ކުރާށޭ ކިޔާފައި ޒުހުދާކޮޓަރި ފާޙާނާއަށް ވަނީއެވެ. ޒިލާލު އޭނާގެ ކޮއްކޮ ކައިރީ މިގަޑީގައި އޭނާ ގޮވައިގެން ބޭރަށް ދެން ނުނިކުންނައްޗޭ ބުނެލިއެވެ. އެޔާއިކު އެމީހުންނަށް ބުޅަލެއް ފެނިގެން ބިރުން ދުރުމަގުން ދިޔަ ވާހަކަ ޒުހުދާ ކިޔައިދިނެވެ.
ޝިއުނާއަށް ދިމާވި މުސްކުޅި މީހާގެ ވާހަކަ އޭނާ ޒިލާލުއަށް ކިޔައިދިނީ އޭރޭ ނިދަންވަދެފައެވެ. އެމީހާއާއި ޒިލާލުއާއިވެސް ދިމާވިކަމަށާއި އެއީ ޝިއުނާގެ މަންމަ އެންމެ ކުރިން ރައްޓެހިވި ފަޙީމުގެ ބައްޕަ ކަމުގައި ޒިލާލު ބުނެދިނެވެ. އެ ބޭ ޒިލާލު ކައިރީ ވަރަށް ވާހަކަ ދެއްކި ކަމަށްވެސް ޒިލާލު ބުންޏެވެ.
"އެ ޖިންނި، ޝިއު މަންމަ ކައިރީ ފަޙީމުއަކަށް އޭނާ އެއްވެސްކަމެއް ނުކުރަމޭ ކިޔާފައި ހަދާފައި އޮތީ ހުސް ދޮގު" ޒިލާލު ބުނެލިއެވެ.
ޒިލާލު ނިދާ އެތަށް އިރެއްވީއިރުވެސް ޝިއުނާއަށް ނުނިދިފައި އޮވެވުނެވެ. އޭރު އޭނާ ވިސްނަމުން ދިޔައީ ޒިލާލު ބުނިއެއްޗަކާއި މެދުގައެވެ. އޭނާގެ މަންމަގެ ޑައިރީއިން އޭނާ ޒިލާލުއަށް ކިޔައިދެވުނީ އަދި ކިޔައިނުދެވެނީ ކޮންކޮން ވާހަކަ ތަކެއްތޯ ހިތަށް އަރަމުންދިޔައެވެ. އެބުނާ ފަޙީމުގެ ވާހަކަ އޭނާ ޒިލާލު ކައިރީ ދެއްކި ހަނދާނެއް އެއްގޮތަކަށްވެސް ނެތެވެ. އެކަމަކު ޒިލާލުއަށް އެއޮތީ ޑައިރީގައި އޮތް ވާހަކައެއް އެނގިފައެވެ.
ފަތިހު ޝިއުނާއަށް ހޭލެވުނީ ޒިލާލު މިސްކިތައް ދަމުން ގޮވީމައެވެ. އޭނާ ނަމާދުކޮށް ނިންމާލައިގެން ތައްޔާރުވީ އޭނާއާއި އެކީގައި ފަތިހު ހިނގާލަން ދާނަމޭ ޒިލާލު ބުނެފައި ވާތީއެވެ. އެހެންނަމަވެސް ޒިލާލު އެނބުރިއައިގޮތަށް ބޭނުންވީ އަދި ނިދާލާށެވެ. ފަތިހު ހިނގަންދާނީ އެހެން ދުވަހަކުން ކަމަށް ބުނެފައި އޭނާ އޮށޯތީއެވެ.
ޝިއުނާ ނިދާހިތެއްނުވިއެވެ. ޒިލާލު ނިދަންއޮށޯތީތީ އޭނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އެންމެފަހުން އޭނާ އެކަނި ހިނގާލަން ދާން ނުކުތީއެވެ. އޭރު އިރުއަރާ އަލިވެއްޖެއެވެ.
އޭނާ ކުރީ ފަހަރު މިރަށަށް އައިސް ހުރިއިރު ހިނގާލަން ނުކުންނަ ދިމާލަށް މިސްރާބު ޖެހިއެވެ. އެއިން އެއްވެސް ހިސާބަކުން މީހަކު ފެންނާކަށް ނެތެވެ. ކުރީފަހަރު އެހިސާބުން މޫދުގެ ދިޔަވަރު ހިކިގެން ގޮސް ވަރަށް ދުރަށް ނުތެމި ހިނގުނަކަސް މިފަހަރު އެހިސާބު އޮތީ ދިޔަވަރު ބޮޑު ކޮށެވެ. ގޮނޑުދޮށުން ލާފައި އޭނާ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައެވެ.
އެތައް ހިސާބަކަށް ގޮސްފައި ޝިއުނާ ގޮނޑުދޮށުގައި އިށީނދެލިއެވެ. އޭރު އޭނާގެ ހިތަށް ވެރިވާން ފަށާފައިވާ ނުތަނަވަސްކަން އެތަށް ގުނައަކަށް އިތުރުވެގެން ގޮސްފިއެވެ. ކުއްލިއަކަށް ޝިއުނާއަށް އެކަނިވެރިކަން އިޙުސާސް ކުރެވެންފެށިއެވެ. އޭނާ ހުރީ އޭނާގެ ފިރިމީހާގެ ރަށުގައެއްކަމަކު މުޅިން ބީރައްޓެހިކަމެއް އިޙުސާސް ވާން ފެށިއެވެ. އެރަށަށް އައިފަހުން ޒިލާލުއަށް ކުޑަ ބަދަލެއް އައިސްފައޭ އޭނާގެ ހިތް ބުނާތީ އެކަމާ ވިސްނުނެވެ. ހަނީމޫން އަށޭ ކިޔާފައި ރަށަށް އައިސް ކަންތައް ކުރަނީ އެހެންހެއްޔޭ އޭނާގެ ހިތަށްއެރިއެވެ. ޝިއުނާ އެތައް އިރަކު އޭނާ އެގޮނޑުދޮށުގައި އިށީނދެގެން އިން އިރުވެސް އެހިސާބުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ޝިއުނާ އޭނާގެ ފުރަގަހުގައިވާ ގަސްތަކާއި ދިމާލަށް ބަލައިލިއެވެ. އޭނާ ޒިލާލުއާއި އެކީގައި އެގަސްތަކުގެ ތެރޭގައިވާ ހަނިމަގުންލާފައި އަނެއްކޮޅަށް ނުކުތް ދުވަސް މަތިން ހަނދާންވިއެވެ. ކުއްލިއަކަށް ރޭގައި ފެނުނު ކަޅުބުޅާ އެތާނގައި އޮވެދާނެއޭ އޭނާގެ ހިތަށް ވަނެއެވެ. އެޔާއިއެކު އޭނާ ޖެހިލުންވިއެވެ. އެއީ ކީއްވެގެން ކަމެއް ނޭނގުނެވެ.
އެ ހިސާބުން ޝިއުނާ އަވަސް އަވަހަށް ގެއާއި ދިމާލަށް ދާން ހިނގައިގަތީއެވެ. އެއްގަމަށް އަރަން އައިއިރު އެއްކަލަ ކުނިކަހާ އަންހެނުންތައް ހަމަ އެދިމާލުގައި ތިއްބާ ފެނުނެވެ.
"އެކޮއެ ދައްތަމެނަށް ސައިކޮޅެއްވެސް ނުދޭނަންތަ؟" ކުނިކަހަން ގުދަށް އޮތް އަންހެންމީހާ ތެދުވެފައި ޝިއުނާއާއި ދިމާލަށް ބުނެލިއެވެ. ޝިއުނާއަށް ނުތަނަވަސްކަމާއިއެކު ހިނިތުންވެލެވުނެވެ. އެވަގުތު ދެން އެތަނުގައި ތިބި ދެމީހުންވެސް އެއީ ތެދެކޭ ޒިލާލު ކައިރީ ބުނާށޭ ދައްތަމެނަށްވެސް ސައިދޭން ވާނެއޭ ކިޔަން ފެށިއެވެ.
ޝިއުނާ ގެއަށް އައިއިރު ޒިލާލު އޮތީ ހޭލައެވެ. އެކަނިމާއެކަނި ހިނގާލަން ދިޔައީތޯ އޭނާ އަހާލިއެވެ. ޝިއުނާ ބޯޖަހާލި ވަގުތު ކުޑަކޮށް ފެންކަޅިވާގޮތް ވިއެވެ. ޒިލާލު ވަރަށް ލޯބިން ޝިއުނާގެ އަތުގައި ހިފާލިއެވެ. އޭނާއަށް ޝިއުނާއާއިއެކީ ނުދެވުނީތީ މަޢާފަށް އެދުނެވެ. އަދި އޭނާގެ ހިތުގައި ޝިއުނާއަށްޓަކައިވާ ލޯބި ހާމަކުރުމަށް އަވަސްވެގަތެވެ. އެހިސާބުން ޝިއުނާގެ ނުތަނަވަސްކަން މުޅިން ފިލައިގެންގޮސް އޭގެ ބަދަލުގައި އޭނާގެ ހިތާއި ނަފްސަށް އުފާވެރިކަން އިޙުސާސްވާން ފެށިއެވެ.
އެދުވަހު ހެނދުނު ސައިބޮއެ ހަދައިގެން މުބީންމެންނާއި އެކީގައި އެމީހުން ފަޅުރަށަށް ނައްޓާލިއެވެ. އެރަށަށް ދިޔައީ މުބީންއާއި ސަލްވާއާއި ޝިއުނާ އަދި ޒިލާލުއާއި ހަތަރުމީހުންނެވެ.
"އެއޮތީ ދޯ ކާފަ އުޅުނުރަށް!" ކުރިމަތިން ފެންނަން އޮތްރަށަކާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޝިއުނާ އަހާލިއެވެ. ޒިލާލު ބޯޖަހާލިއެވެ. ކޮންމެވެސް ކޮންމެވެސް އެއިން ރަށަކަށް ޝިއުނާ ގޮވައިގެން ނުދައްޗޭވެސް ޝިއުނާގެ ބައްޕަ ވަނީ އޭނާ ގާތު ބުނެފައެވެ.
"ޝިއުއަކަށް ދެން ނުކެރޭނެ ކަންނޭގެ އެދެރަށުން ކުރެ އެއް ރަށަކަށްވެސް ދާކަށް!" އޭނާ ބުނެލިއެވެ.
"ދާނެ ކަމެއްނެތޭ... މިހާރު ޝިއު ގެ ރަށަކީ އެއޮތީއޭ" ޒިލާލު އެނާގެ ރަށާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ.
"ހަނދާންވޭތަ ކުރީ ދަތުރުގައި އަހަރުމެން ދެމީހުން އެކަނި ވާހަކަ ދައްކަން ތިބީމެއްނު.. އެދުވަހު ޒިލާގެ ހިތަށް އެރި އަހަންނަށް ޝިއު ލިބިއްޖިއްޔާ ގޮވައިގެން އަންނާނަމޭ..." ފަޅުރަށަށް ފައިބަމުން ޒިލާލު ބުނެލިއެވެ.
އެދުވަހު ޒިލާލު ދެއްކިވާހަކަ ޝިއުނާ ހަނދާން ހުއްޓެވެ. ގުރޭޝާއަށް އެ ފުރުޞަތު ނުލިބިގެން ޝަކުވާކުރާ ވާހަކައެވެ. އޭނާއާއި ޒިލާލުއާއި ޖެހުނު އެންމެ ބޮޑު މައްސަލައަކަށް އެކަން ވީ ވާހަކައެވެ. އޭނާ ގުރޭޝާއާއި އިންނަމަވެސް އޭނާ ގޮވައިގެން އެރަށަށް އައީމުސް ހެއްޔޭ އަހާލަން ޝިއުނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ގުރޭޝާގެ ނަން ގެނެސް އެ އުފާވެރި ވަގުތުކޮޅު ޚަރާބުކުރުމަށް ވުރެ ނުކުރުން މާ ބުއްދިވެރިކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ.
ކޮންމެއަކަސް، ވަރަށް މިނިވަންކަމާއިއެކު އެރަށުގައި ވަޤުތު ހޭދަކޮށްފައި އެނބުރި އައިއިރު ޝިއުނާ ހުރީ ވަރަށް އުފާވެފައެވެ. އެރަށުގައި ކުރެވުނު ތަޖުރިބާއަށްޓަކައި ޒިލާލުއަށް ފަށްފަށުން ޝުކުރު އަދާ ކުރިއެވެ.
އަނެއްދުވަހު ފަޅުރަށަށް ދަތުރު ދިޔައީ ބޮޑު ގުރޫޕު ހަދާފައެވެ. ޙަމީދު އާއި ޒުހުދާއާއި ދެމީހުންވެސް ބައިވެރިވިއެވެ. ހަވީރު ވާން އުޅެނިކޮށް އެރަށުން ފުރައިގެން ދެން އެމީހުން ނުކުތީ ފީނާށެވެ. ޝިއުނާއަކަށް ކަނޑުމެދުގައިވާ ތިލަ ހިސާބަކަށް އެރޭކަށް ނުކެރުނެވެ. އެހެންކަމުން އޭނާއާއި ޒުހުދާ އާއި އާމިރާ ދޯނީގައި މަޑުކުރީއެވެ. އެތިންމީހުން ވެގެން އޭތާގައި ތިބެގެން ދެއްކީ ގުރޭޝާގެ ވާހަކައެވެ. ދެރެއަކު އެގޭތެރެއިން ޝާހިދު ފެނުނު ވާހަކަ މީހަކު ބުންޏޭ ކިޔާފައި އާމިރާ ފެށިއެވެ. އެޔާއެކު އޭނާވެސް ދެން ކޮންމެވެސް މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ފެށީމާ އެނިމުނީ ނޫންހޭ ޒުހުދާ އިނދެލާފައި ބުންޏެވެ.
ޒިލާލުމެން އެތައް އިރަކު އުޅުނުއިރުވެސް މާ ގިނަ މަހެއް އަތަކު ނުޖެހުނެވެ. އޭނާގެ އަތުގައި އޮތީ ބޯވަދިލަ މަހެކެވެ. އޭތީގެ ގުއިން އޭނާ ލައިގެން ހުރި ޓީޝާރޓު އޮތީ މުޅިން ޚަރާބުވެފައެވެ.
"ހިނގާ ދެން ރަށާއި ދިމާލަށް ދަމާ.. ވާވަރަށް ފީނިއްޖެ މިއަދު" ޒިލާލު ޑިންގީއަށް އަރާ އޭނާ ލައިގެން ހުރީ ޓީޝާރޓު ބޭލިއެވެ.
އޭރު ޒުހުދާ އާއި އާމިރާއާއި ޝިއުނާއާއި އެންމެންވެސް ތިބީ ފޯނު އަތައްލައިގެންނެވެ. ފެނުޖެހެން ދިޔައިރުގެ ފޮޓޯ ނަގާށެވެ.
އިރުއޮއްސެން ދެން މަޑުކޮށްލާށޭ ޒުހުދާ ގޮވާލިއެވެ.
އެރޭ މަސްހެދީ ޒިލާލު މެންގޭގައެވެ. މުބީންމެން އެންމެން އެގެއަށް ކާންއައެވެ. ޝާހިދުއަށް ގުޅާގުޅާ އެރޭވެސް ފޯނަކަށް ޖަވާބެއް ނުދިނެވެ. އޭނާ އައީ އެންމެން ގޮސް، ޒިލާލުމެން ނިދަން ވަންނަން އުޅެނިކޮންނެވެ. އޭނާއަށް ނިދުނީ ކަމުގައި ބުނެލިއެވެ.
ޝާހިދު ފެނުމާއިއެކު އާމިރާ ދެއްކި ވާހަކަ ޝިއުނާގެ ހަނދާނަށް އައެވެ. އޭނާ އެއައީ ގުރޭޝާ ކައިރީގައި ވަގުތު ހޭދަކޮށްފައި ބާވައޭ ޝިއުނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ގުރޭޝާ ރަށުގައި ނެތްވާހަކަ ޝިއުނާއަށް ވެސް އޮތީ އަޑުއިވިފައެވެ.
ޒިލާލު އައިސް އުނދޯލީގައި އިށީނުމުން ޒިލާލު ކައިރީގައި އޭނާ މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނުމާއިއެކު ޒިލާލު ތެދުވިއެވެ. އަދި ޝިއުނާ ކައިރީ އެބަ އަންނަމޭ ކިޔާފައި ދެމީހުން އެކީގައި ބޭރަށް ނުކުތީއެވެ.
ޝާހިދު ޒިލާލު ގޮވައިގެން ގޮސް އަތިރިމަތީގައި ހުރި ހުސް ޖޯލި ފައްޗެއްގައި ޖައްސާލިއެވެ.
"ކޮން ވާހަކައެއްތަ ދައްކަން ތިއުޅެނީ؟" ޒިލާލު އަހާލިއެވެ. އޭނާ ހީކުރީ ފައިސާގެ އެހީއެއް ބޭނުންވެގެން އުޅޭނީ ކަމަށެވެ. ކުރިންވެސް ދޭތެރެއަކުން އޭނާ ބުނީމާ ޒިލާލު އޭނާއަށް އެހީތެރިވެދެއެވެ. ޝާހިދުއަކީ އޭނާގެ ޅިޔަނު ޙަމީދުގެ ބޮޑު ދައިތަގެ ދަރިއެއްކަމުން ޒިލާލު ދެކެނީ އޭނާއަކީވެސް އާއިލާ ކުއްޖެއްގެ ގޮތުގައެވެ.
"ކޮބާ ކިހިނެތް މެރީޑް ލައިފު؟" ޝާހިދު ވަރަށް ހަމަޖެހިލާފައި ސުވާލުކޮށްލިއެވެ."ވަރަށް ރަނގަޅު ހަމަ" ޒިލާލުވެސް ހަމަ އެރާގުގައި ޖަވާބު ދިނެވެ.
ޝާހިދު ބޯޖަހާލިއެވެ. އަދި ކޮންމެވެސް ވަރަކަށް ސީރިއަސް ވެލާފައި އޭނާ ސުވާލެއް ކުރިއަސް އެންމެ ރަނގަޅުތޯ އަހާލިއެވެ.
ޒިލާލު ހިނިގަނޑެއް ޖަހާލަމުން މިއޮއްހާއިރު ތިކުރީ ސުވާލެއް ނޫންތޯ އަހާލިއެވެ.
"ތަންކޮޅެއް އެހެންކަހަލަ ސުވާލެއް ކުރަންވެގެން.... ކައޭ އަދިވެސް ގުރޭޝާ ދެކެ ލޯބިވޭތަ؟" ސުވާލު ކޮށްލުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
އެއީ ޒިލާލު ހީނުކުރާކަހަލަ ސުވާލެކެވެ. އޭނާ އެއައީ ގުރޭޝާ ފޮނުވައިގެންކަން އެވަގުތު ޒިލާލުއަށް ޔަޤީންވިއެވެ.
"އަހަރެން ލޯބިވާ މީހާއާއި އިނދެގެން މިއުޅެނީ"
ދެން ދިޔައީ ހަނުހިމޭން ވަގުތުކޮޅެކެވެ.
"އަހަރެން ގުރޭޝާ ކަންތައް ކުރަން މިވިސްނަނީ" އެންމެފަހުން ވަރަށް ޖެހިލުންވެ އިނދެ ޝާހިދު ބުނެލިއެވެ. އެއީ ޒިލާލު ހިތަށްވެސް ނާރާ އެއްޗެކެވެ. އޭނާއަށް ސިހުމެއް ލިބުނެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ. އޭނާ ބުނާނެ އެއްޗަކާއި މެދު ވިސްނަން އިންދާ އަނެއްކާވެސް ޝާހިދު ވާހަކަ ފެށިއެވެ.
"މަ ބޭނުމެއްނޫން ޒިލާއާއި މިއޮތް ގުޅުން ކެނޑޭކަށް ..."
"ކީއްވެ މަށާ ޝާޑުއާއި އޮތް ގުޅުން ކެނޑެންވީ؟" ވާހަކަ މެދުކަނޑާލަމުން ޒިލާލު ބުނެލިއެވެ. އަދި އޭނާ ގުރޭޝާއާއި ރައްޓެހިވާން ޒިލާލުގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ދޯއޭ ބުނެލާފައި ކުރު ހިނިގަނޑެއް ޖަހާލިއެވެ. އަދި އޭނާ މިހާރު ގުރޭޝާއާއި މެދު އެއްގޮތަކަށްވެސް ނުވިސްނަން ކަމަށާއި އޭނާއާއި ޝިއުނާއާއި ދެމީހުން މިއުޅެނީ ވަރަށް ލޯބިން ވަރަށް އުފަލުގައި ކަމަށް ބުނެލިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޡެންދަޔާ
13 March 2025
ޢައި ލަވް ހޮރޯ ޖޮންރާ އެހެންވެ ވަރަށް ޝައުޤުވެރިކަމާއެކު ކިޔާ ލެވޭ، ސިފަކުރުން ވަރަށް ރީތ. ކޮއްމެ ދުވަހަކު ގެނެސްދޭތީ ތޭންކްސް