13 މާޗް 2025 - 10:05
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް 150،000ރ. ހަދިޔާކުރަން ނިންމައި ދިރާގުން ކަސްޓަމަރުންނަށް ވެސް އެ ކުދިންނަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ ރޯދަ މަހަށް ހާއްސަކޮށް ހުޅުވާލި މި ފުރުސަތުގައި އެ ކުދިންނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ކަސްޓަމަރުންނަށް މިހާރު ދިރާގުއެޕް މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ ކަމަށެވެ. ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައި ޕްރީސެޓް އަދަދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް ކަމަށްވާ 10ރ.، 50ރ.، 100ރ.، އަދި 500ރ. ގެ ތެރެއިން އަދަދެއް ހިޔާރުކޮށް އެ އަދަދެއް ހަދިޔާ ކުރެވޭނެ އެވެ. އަދި، ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ހަދިޔާކުރެވޭނެ އެވެ.
ދިރާގުން ބުނީ މި ޑޮނޭޝަންތަކުން ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުތަކުގައި ކުދިން ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެން ވަސީލަތްތައް ހޯދައިދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފައިސާއިން، ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އެޅުމާއި ކު ދިންގެ ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި 16 އަހަރުން މަތީގެ ކުދިން ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގުރާމަށް ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
ދިރާގުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ އަމާން ވެށި، އަމާން ހިޔާ އަދި ފިޔަވަތި އަށެވެ.
ދިރާގުން ބުނީ މި މަހަކީ އެކަކު އަނެކަކަށް އެހީވުމުގެ މައްސަރަކަށް ވާއިރު، ދިރާގުން ފަހިކޮށްދީފައި ފުރުސަތާ އެކު ކުޑަކުދިންތަކެއްގެ މުސްތަގުބަލު އުޖާލާކުރުމުގައި ބައިވެރިވުމުވެ ފުރުސަތު ލިބޭނެ ކަމަށެވެ.
ދިރާގަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން ބޮޑެތި އެހީތައް ކުޑަކުދިން ބަލާ ސެންޓަރުތަކަށާއި ޖައްމިއްޔާތަކަށް ވެސް ފޯރުކޮށްދޭ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy