ދުނިޔެ / ހަމާސް

ހަމާސް އިން ބުނަނީ މިހާރު ބޯޅަ އޮތީ އިޒްރޭލު އަތުގައި ކަމަށް

އިޒްރޭލުން 15 މަސް ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެއްކޮށް ހަލާކުވެފައިވާ ފަލަސްތީނުގެ ޣައްޒާގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގިނަ ބަޔަކު ބައިވެރިވެގެން އިންތިޒާމުކުރި ރޯދަ ވީއްލުމެއްގައި މީހުން ބައިވެރިވަނީ: ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މަނާކޮށް އިޒްރޭލުން އެއްބަސްވުމާ ހިލާފް ވެފައިވާ ކަމަށް ހަމާސް އިން ބުނާއިރު އިޒްރޭކުން ބުނަނީ އެއްބަސްވުމާ ހިލާފްވަނީ ހަމާސް އިން ކަމަށް. -- ފޮޓޯ: އޭއެފްޕީ

17 މާޗް 2025 - 04:55

ރަހީނުކޮށްފައިވާ އިޒްރޭލު-އެމެރިކާ ނަސްލުގެ މީހަކު މިނިވަންކުރުމާއި އިތުރު ހަތަރު މީހެއްގެ ހަށިގަނޑު އިޒްރޭލާ ހަވާލުކުރުމަށް ހަމާސް ޖަމާއަތުން ހުށަހެޅުމަށް ފަހު، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުމުގައި މިހާރު ބޯޅަ އޮތީ އިޒްރޭލު އަތުގައި ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހުކުރު ދުވަހުގެ އެ ހުށަހެޅުމާ ގުޅިގެން އިޒްރޭލުން ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ހުށަހެޅުއްވި ކަންކަމާ ގުޅިގެން ފަލަސްތީނުގެ ހަނގުރާމަވެރިން "އެންމެ މިލިމީޓަރެއް ވެސް ފަހަތަށް ޖެހިފައި ނުވާ" ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ތަންފީޒުކުރަން ފެށި ހަމަލާ ބަދަލުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މިމަހުގެ އެއްވަނަ ދުވަހު ނިމުނު އިރު ދެން ކުރިއަށްދާނެ ގޮތަކާ މެދު އެއްބަސްވުމެއް ނެތެވެ. ހަމާސްގެ އޮފިޝަލަކު ވިދާޅުވީ ދެ ވަނަ ފިޔަވަހި ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި އަންގާރަ ދުވަހު ފަށާފައިވާ ކަމަށެވެ.

"ބޯޅަ މިހާރު އޮތީ އިޒްރޭލު އަތުގައި،" ހަމާސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހަރުދަނާކޮށް، އެ އެއްބަސްވުން ތަންފީޒު ކުރަން (އިޒްރޭލަށް) މަޖުބޫރު ކުރަން،" އިޒްރޭލުން އެ އެއްބަސްވުން ތަންފީޒުކުރުން ލަސްކުރާ ކަމަށް ތުހުމަތު ކުރައްވައި އަބްދުލްލަތީފް އަލް ކަނޫ އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުރަސް އަޅަމުން ދިއުމަށެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރަކު ނަން ސިއްރުކުރަން ޝަރުތުކޮށް އޭއެފްޕީއަށް ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން ދިން ހަމަލާގައި ރަހީނުކުރި އުމުރުން 21 އަހަރުގެ ސިފައިންގެ މީހެއް ކަމަށްވާ އެޑަން އެލެގްޒެންޑާ މިނިވަންކުރުމަށާއި، އިޒްރޭލަށް ނިސްބަތްވާ އިތުރު ހަތަރު މީހެއްގެ ހަށިގަނޑު ހަވާލުކުރުމަކީ ވަރަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށެވެ.

އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަން ކުރާނެ ކަމަށާއި މިނިވަންކުރާނެ އަދަދާ މެދު އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިއީ ހަނގުރާމައިގެ ދެވަނަ މަރުހަލާ އަށް އަމަލުކުރުމުގެ މަޝްވަރާތައް ފެށުމާ އެކު އެކީ ކުރަން ހުށަހަޅާފައިވާ ކަމެކެވެ. އަދި މި މަޝްވަރާތައް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 1،800 މީހުން މިނިވަންކުރި އެވެ. ހަމާސް އިން ވަނީ މަރުވި އަށް މީހުންނާ އެކު އިޒްރޭލުގެ 33 މީހަކު ދޫކޮށްލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454