ސްރީ ލަންކާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން
18 މާޗް 2025 - 05:16
ސްރީ ލަންކާގައި ފުލުހުން ހިންގި އޮޕަރޭޝަނެއް ފެއިލްވެ އޮފިސަރަކު މަރުވި މައްސަލައިގައި ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން ހައްޔަރުކުރަން ކޯޓުން އަމުރުކުރުމާ އެކު ފިލިތާ ދެ ހަފްތާ ވީއިރު ވެސް އޭނާ ފެނިފައި ނުވާއިރު އޭނާ ހައްޔަރުކުރުމުގެ އަމުރު ބާތިލްކުރަން ކޯޓުން ދެކޮޅު ހަދައިފި އެވެ.
ޓެންނަކޫން ހައްޔަރުކުރަން ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަމުރު ނެރުނީ ޑިސެމްބަރު 31، 2023 ގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިގަމާގެ ހޮޓަލެއް ރެއިޑްކުރި އިރު ފުލުހަކު މަރުވި މައްސަލައިގަ އެވެ. އަންޑަކަވަކޮށް ހިންގި އެ އޮޕަރޭޝަނުގެ މައުލޫމާތު އެ ސަރަހައްދުގެ ފުލުހުންނަށް ލިބިފައި ނެތުމުން އެރި އޮޅުންތަކުގައި ފުލުހުންގެ ދެ ޔުނިޓުން ބަދަލުކުރި ހަމަލާތަކުގައި ފުލުހަކު މަރުވެ އެހެން ފުލުހަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ.
މިއީ ޓެންނަކޫންގެ އަމުރަން ހިންގި އަންޑަކަވަ އޮޕަރޭޝަނެއް ކަމުގެ ތުހުމަތާ އެކު އޭނާ ހައްޔަރުކުރަން އަމުރު ނެރުމުން ފިލީ އެވެ.
ފިލައިގެން އުޅެމުން ވެސް އޭނާގެ ފަރާތުން ވަނީ ހައްޔަރުކުރުމުގެ އަމުރު ބާތިލްކުރުމަށް އެޕީލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު ކޯޓުން އިއްޔެ ވަނީ އަމުރު ބާތިލް ނުކުރަން ނިންމައިފަ އެވެ.
ފުލުހުން ބުނީ ޓެންނަކޫން ހޯދުމުގެ މަސައްކަތުގައި ހާއްސަ ހަ ޔުނިޓެއް ހަރަކާތްތެރިވި ނަމަވެސް އެ ޓީމްތަކުގެ މަސައްކަތުން ފެނުނީ އޭނާގެ އަންހެނުންނާއި ދަރިފުޅު ކަމަށެވެ.
ތަރުޖަމާނު ބުދިކާ މަނަތުންގާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ފުލުހުންގެ ވެރިޔާ ނުފެނި ލަސްވާތީ ފުލުހުންނާ މެދު އާންމުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ޓެނަކޫން ގައުމުން ބޭރަށް ދިއުން މަނާކުރުމުގެ އަމުރެއް ވެސް ވަނީ ނެރެފަ އެވެ.
ދައުލަތުގެ ވަކީލުން މިދިޔަ ހަފްތާގައި ވަނީ ޓެނަކޫން ޕެރަމިލިޓަރީ ހިޓް ސްކޮޑެއް ގެންގުޅޭ ކަމަށާއި އެ މީހުން ބޭނުންކޮށްގެން ކުށުގެ އަމަލުތައް ހިންގުމަށް މަސައްކަތްކުރާ ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ.
ފުލުހުންގެ ވެރިޔާގެ މަގާމަށް ޓެނަކޫން ހަމަޖެއްސި އިރު ވެސް އޭނާ އަކީ ބަންދުގައި ހުރި ފިރިހެނެއްގެ ކުރިމަތީފަރާތުގައި އާވި ގަދަ ބާމެއް އުނގުޅައި ޖިންސީ އަނިޔާކުރިކަން ސުޕްރީމް ކޯޓުގެ އެހެން މައްސަލައެއްގައި އޮތީ ސާބިތުވެފަ އެވެ. އަނިޔާ ލިބުނު މީހާއަށް ބައި މިލިއަން ރުޕީސް (1،600 ޑޮލަރު) ދެއްކުމަށް ޓެނަކޫންގެ މައްޗަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އޭރުގެ ސަރުކާރުން ވަނީ ހުކުމަށް ތަބާ ނުވެ، ސުލޫކީ ފިޔަވަޅު އެޅުމަށް އިންކާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
18 March 2025
އާޓިކަލްގައިވާ މައުލޫމާތަށްބަލާއިރު ވެރިޔަކަށްވުރެން ބޮޑަށްވައްތަރީ ގުންޑާއަކާ
ޢާބިދު
18 March 2025
ލަންކާމީހުން ފިލަންވަންނަ ހާއްޔަކީ ރާއްޖެ. މިތަނުގެ ހޮޓާތައް ބަލާބަލަ. އެތަނުންތަނެއްގެ ބޮޑުކައްކާއަކަށްވެސް އުޅެދާނެ.
ޖަނބުރޯލު
18 March 2025
ރާއްޖެއަށް މަންފާކުރާނެ މަސައްކަތެއް ކުރަންޏާ އޯކޭއެއްނު، ބަސް ނާހާ ނޫޅި.