މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޣައްޒާގެ އުތުރުގެ ޖަބަލިޔާ ފެންނަން އޮތް ގޮތް. އިޒްރޭލުން ވަނީ ހަމަލާތަކުގެ ސަބަބުން މިހާރުވެސް ހާލުގައި ޖެހިފައިވާ ޣައްޒާއަށް އަލުން ހަމަލާ ދޭން ފަށައި 220 މީހަކު ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
18 މާޗް 2025 - 09:44
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދިނުން މިދިޔަ ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު އަލުން ހަމަލާތައް ފަށައި 220 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
މި ހަމަލާތައް ދިނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެ ވަނަ މަރުހަލާ ކުރިއަށް ގެންދިއުމާ ބެހޭ މަޝްވަރާތަކުގައި އެމެރިކާއިން ހުށަހެޅި ގޮތަށް ކުރިއަށްދާން ހަމާސް ޖަމާއަތުން އިންކާރުކުރި ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި އަމުރާ އެކުގަ އެވެ.
އިޒްރޭލުގެ އޮފިޝަލަކު އޭއެފްޕީއަށް ބުނީ މި ހަމަލާތައް "އިޒްރޭލުން ބޭނުންވާ މުއްދަތަކަށް، ބޭނުން މިންވަރަކަށް ފުޅާކުރާނެ" ކަމަށެވެ. އަދި ހަމައެކަނި ވައިގެ މަގުން ހަމަލާ ދިނުމުގެ ބަދަލުގައި އެއްގަމު މަގުން ހަމަލާދޭން ޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބުންޏެވެ.
ހަމަލާތައް ފެށުމާ އެކު ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ނަތަންޔާހޫ އާއި އޭނާގެ ހައްދުފަހަނައެޅި ސަރުކާރުން، ހަމަލާތައް މެދުކަނޑާލުމުން އެއްބަސްވުން އެކޮޅުކޮޅުން ޖަހައި، އިޒްރޭލުގެ ރަހީނުންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ބަލައިގެން ފެށި ހަމަލާތަކެއް ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާތައް އަމާޒުކުރީ "ޣައްޒާގައި ހުރި ހަމާސްގެ ޓެރަރިސްޓު ހަރަކާތްތައް ހިންގާ ތަންތަނަށް" ކަމަށެވެ.
އެކަމަކު ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ހަމަލާތަކުގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އަދި މި ހަމަލާތަކުގައި 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެން، ހަމަލާތައް މެދުކަނޑާލުމުގެ ފުރަތަމަ މަރުހަލާއަށް އަމަލުކުރަން ފެށީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެއާ އެކު 15 މަސް ދުވަހަށް ފަހު ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް އަ އެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މާޗް މަހުގެ ކުރީކޮޅު ނިމުމަކަށް އައިސްފައިވާއިރު، އޭގެ ފަހުން ދެ ފަރާތުން ވެސް ވަނީ ހަނގުރާމައަކަށް ވެދާނެ ފަދަ ކަންކަމުން އެއްކިބާވެ މަޝްވަރާތަކާ އެކު ދެން ކުރިއަށްދާނެ ގޮތަކާ މެދު އެއްބަސްވެވޭތޯ މަސައްކަތްކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 1،800 މީހުން މިނިވަންކުރި އެވެ. ހަމާސް އިން ވަނީ މަރުވި އަށް މީހުންނާ އެކު އިޒްރޭލުގެ 33 މީހަކު ދޫކޮށްލައިފަ އެވެ. ދެ ވަނަ މަރުހަލާގައި އޮތީ ދާއިމީކޮށް ހަމަލާތައް ހުއްޓާލުމާ ބެހޭ މަޝްވަރާތަކާއި ހަމާސްގެ އަތްދަށުގައި ބާކީ ތިބި އިޒްރޭލު ރަހީނުންގެ މިނިވަންކުރުމުގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
18 March 2025
އަޅުގަނޑުމެން މުސްލިމުން ބޭނުންވަނީ މަސްޖިދުލްއަޤްޞާ.މުސްލިމުންގެ ފުރަތަމަ ގިބުލަ. ލޮބުވެތި ރަސޫލާ އިސްރާ މިޢުރާޖުގެ ދަތުރުފުޅުގެ މުހިއްމު މަގާމެއް. މާތްވެގެންވާ މަސްޖިދުލް އަޤްޞާ. މުސްލިމުންގެ ފުރަތަމަ ޤިބްލަ.
އަލީ ހަމީދު
18 March 2025
ގައްޒާގެ މީހުންނައް އެހާގިނަ ދުވަހު އަރަބިން ވާހަކަ ދައްކާ ތާރީހު އެގޭއިރުވެސް ހިޖުރަ އަކީ ކޮބައިކަން ދަސް ނުވާތީވެ ވަރައް ދެރަވޭ. ހިޖުރަ އަކީ އަހަރުމެންގެ ތާރީހު ގުނަން ފެށުން! އެހެން ތަނަކައް ހިޖުރަ ކޮއްފަ އިޒްރާއިލް އައް ތި ބިން ދީބަލަ!
ރޮކް231
18 March 2025
2 މިލިއަން މީހުން ހިޖުރަކުރަންވީ ރާއްޖެއަށްތޯ! ކޮންގައުމަކަށްތޯ އެހާ ގިނަ މީހުން އަރުވަން އެއްބަސްވާނީ؟ ޢެއްވެސް އަރަބު ގައުމަކުން އެމީހުން ނުނަގާ. އަދި ހިޖުރަކޮށްފިނަމަ ދެން ދުވަހަކުވެސް އެތަން އަނބުރާ ނުލިބޭނެ.
ކިއްލި
18 March 2025
ކެތްނުކުރެވޭވަރުގެ ގަދަފަދަ ބާރެއް އިޒްރޭލަށާ އެމެރިކާއަށް މަތިކުރައްވާންދޭވެ. އިޒްރޭލުގެ ނުބައިވެގެންވާ ވެރީންނަށް ނުބައިކަމުގެ ރަހަ ހިތިކުރައްވާންދޭވެ. އެމެރިކާއާ އިޒްރޭލަށް ނުހުއްޓުވޭފަދަ އަލިފާނުގެ ގަދަފަދަކަމެއް އެމެރިކާއަށާ އިޒްރޭލުގެބިމަށް އޮއްސަވާންދޭވެ. ޔަހޫދީންގެ އަނިޔާވެރިކަމުން މުސްލިމުން ސަލާމަތްކޮށްދެއްވާފާންދޭވެ. އާމީން.
އަހްދު
18 March 2025
އާއމީން
ހއވަ
18 March 2025
300 އިން މައްޗަށް އަރައިފި. ޑެމޮކުރަސީތަކަށް ހަނުތިބީ. މާދަން އަންނާނެ ކިޔަވައިދޭން.
ރައްފުށު ޝޭހް
18 March 2025
އަރަބި ގައުމުތަކުގައި އޮތީ ރަސްކަން.. އެވެރިން ބަލަނީ އެމޫހުންގެ ވެރިކަން ދެމެހެއްޓުން. މިހާރުވެސް ފަލަސްތީން މީހުން ބަނޑަށް ތިބި އިރު އެމެރިކާގެ ވެރިން އަރަބި ގައުމުތަކަށް ގެނެސް ބައްދަ ބައްދާފަ ބޮސް ދީ ކާން ދީ އެ ކުރަނީ. ތީ އަރަބި ވެރިން އިސްރާއީލް ލައްވާ ކުރުވާ ކަމެއް.