ސްޓެލްކޯއިން ގެނައި އިލެކްޓްރިކް ސައިކަލާއި އޭގެ ބެޓްރި ސްޓޭޝަނެއް.--- ފޮޓޯ: ސްޓެލްކޯ
18 މާޗް 2025 - 20:46
އިލެކްޓްރިކް އުޅަނދުގެ ބެޓެރި ޗާޖު ކުރެވޭ ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ ސާމާނާ އެކު އިލެކްޓްރިކް ސައިކަލުތަކެއް ސްޓެލްކޯއިން ގެނެސްފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް، ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެނާޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތުގެ ބައެއް ކަމަށެވެ.
އޭގެ ދަށުން އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމްކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމަކީ ޓައިވާނުގެ މަޝްހޫރު ގޯގޮރޯ ބްރޭންޑްގެ ނިޒާމެއް ކަމަށެވެ.
ސްޓެލްކޯއިން ގެނައި އިލެކްޓްރިކް ސައިކަލު. -- ފޮޓޯ: ސްޓެލްކޯ
އެ ނިޒާމު ފަސޭހައިން ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބެޓެރި އާއި ސައިކަލު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. ވަރަށް އަވަހަށް ބެޓެރި ސްޓޭޝަންތައް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، ބެޓެރިތަކާ ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލާނެ އެވެ.
ސްޓެލްކޯއިން ގެނައި އިލެކްޓްރިކް ސައިކަލާއި އޭގެ ބެޓެރި ސްޓޭޝަނެއް.--- ފޮޓޯ: ސްޓެލްކޯ
"މި ބެޓެރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ގާއިމްކުރެވިފައިވާ އީވީ ޗާޖިންގް ސްޓޭޝަނާ އެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުން އައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.
އޭގެ އިތުރުން ފަހުމީ ވިދާޅުވީ އެ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިންގް ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށްވާތީ، ސަރުކާރުން އިޔާދަކުރުވަނިވި ހަކަތައިގެ 33 ޕަސެންޓުގެ އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން ގެނައި އިލެކްޓްރިކް ސައިކަލާއި އޭގެ ބެޓްރި ސްޓޭޝަނެއް. --- ފޮޓޯ: ސްޓެލްކޯ
ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް ކަމަށާއި އޭގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާ ކުރާނެކަމަށް ފަހުމީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
19 March 2025
އަނެއްކާ މަގުތައް ހަލާކުކުރަން ސައިކަލުތަކެއް ގެނައީދޯ ! މިހާރުވެސް ނުތަކާވަރަށް ދުއްވާތަކެތި އެބަހުރި. މިހުންނަނީ ކުރަންޖެހުނަސް އަމިއްލަ ފަރާތްތައް ލައްވާ ކުރުވަންޖެހޭކަންކަން. ރައީސްގެ ވައުދު ފުއްދާދޭށޭ ކިޔާފަ ހުރިހާ ކުންފުނިތައް އެފުށް މިފުށަށް ޖަހާ މައްސަލަ އަޒާނު ބަލާދީބަލަ!!!
ކަޅު ބޭބެގެ އިބުރާ1
19 March 2025
ކަރަންޓު ނުދެވޭ ނުދެވި އުޅޭ ހާލުގައި އުނގު ވިޔާފާރި ކުރަން ފެށީ ބާ؟ ކަލޯ ގަދަ އިނގޭ
ފުންއަސަރު
19 March 2025
ތިޔަބުނާ ސައިކަލެއް އަތްފޯރާވަރުގަ ލިބެންޏާ ދެން ވަރަށް ސަޅިވާނެ. ބޭނުންވަނީ ކުޑަހޭދައެއްކޮށް ދިރިއުޅުމުގާ ބޮޑުމަންފާ.
ޥިސްނާ ބަކުންބެ
19 March 2025
އަޅެ ކިހިނެތްތަވާނީ ތި ހުރިހާ އާޓެށް ނުދައްކާ ދުބާއީގައި ހަދާހެން ހުރިހައި ރައްޔިތުންނަށް ކަރަންޓު ފުރީ ކޮއްދިނިއްޔާ. ޢެކަމާ ވިސްނޭތަ؟ ނޫނީ ވިސްނެނީ ތިމާވެއްޓާ ރައްޓެހި ކިޔާ ރައްޔިތުން މެދުވެރިކޮށް ވިޔަފާރިއެށް ފެއްޓުންތަ؟
raajje
19 March 2025
މީކީވަކިތިވާވެއްޓަކާ ރައްޓެހިއެއްޗެއްނޫން، ނަމަވެސް ބިޒުނަސްއެއް ގަންނަމީހާއަށް ތެލަށްވުރެން ހަރަދުކުޑަވެދާނެ، ތިމާވެއްޓާރައްޓެއްސޭކިޔާއިރު މިބޭނުންކުރާ ބެޓަރިތައް ހަލާކުވީމާ ރިސައިކަލްކުރޭތޯ؟ ނުކުރޭ، ދެން ތިމާވެއްޓާރައްޓެހިވާއިރު ބެޓަރިތައް ޗާޖުކުރާ ސުޓޭޝަންތަކަށް ޕަވަރފޯރުކޮށްދެނީ ތެޔޮއަންދައިގެން އުފައްދާކަރަންޓުން، ތިމާވެއްޓާކޮންރައްޓެއްސެއްވީދެން؟
raajje
20 March 2025
އިލެކުޓުރިކު ސައިކަލް ގަންނަމީހުނަށް ތެލަށްވުރެން ހަރަދުކުޑަވާނެކަމަށް ފާހަގަކުރެވިފައިއެވެނީ އެއީ ގޯސް މައުލޫމާތެއް، އަޅުގަނޑު ބެލިބެލުމުން ހަރަދުވަނީބޮދު، ހަރަދުބޮޑުވާން ދިމާވާމައިގަނޑު ސަބަބަކީ މިތަކެތީގައި ބޭނުންކުރާބެޓަރިއަކީ ގިނަވެގެން 2-3 އަހަރުން ނުވަތަ އެޔަށްވުރެންވެސް ކުރިން ބައެއްފަހަރު ބަދަލުކުރަންޖެހޭ އެއްޗެއް، ލިތިޔަމްއަޔަން ބެޓެރި ނުވަތަ މިކެޓަގަރީގެ ބެޓަރިތަކަކީ މިހާރަށްބަލާއިރު އަގުވަރަށް ބޮޑުއެއްޗެއް
އޮނަރަބްލް އަފީފު ދީދީ
19 March 2025
ކުންފުންޏަށް އަދި ޤައުމާއި ރައްޔިތުންނަށްވެސް އޭގެ މަންފާލިބޭ ވިޔަފާރީގެ އުސޫލުން ކުރާކަންކަން ކުރެވޭތޯ ބަލާބަލަ. ތިރަށުގައި އުޅޭމީހުންނަކީ ތިކަހަލަ ސައިކަލަށް އަރާވަރަށްވުރެން ފޮނިބޮޑު ބައެއް. ތިއީ ބޭކާރުޙަރަދެއް. މާލޭގެ ދެތިންތަނަކާއި ހުޅުލެ އަދި ހުޅުމާލޭގައި ޗާޖިންގ ޕޮއިންޓްތަކެއް ހެދުން އެންމެރަނގަޅު. އެކަމަކު ތިޔަ ވެހިކަލްގެނައުމަށް ކުންފުނިން އިންވެސްޓް ކުރުމަކީ ކުރާން ހެޔޮވާވަރު ކަމެއްނޫން. ތިކަން ނުކުރޭ. ތިއީ ފަހުމީގެ ވެއްޓުމަކަށް ވެދާނެ.
އޮނަރަބްލް އަފީފު ދީދީ
19 March 2025
ސްޓެލްކޯއަށް ދިމާވެގެންއުޅޭ މައްސަލައަކީ ކުންފުނީގެ އެމްޑީ ފަހުމީ އާއި ކުންފުނި ކުރިއަރުވާ ހީވާގިކަމާއިއެކު އިތުރު މަސައްކަތްކޮށްގެން ކުންފުނީގެ އާމްދަނީއިތުރުކޮށް މުވައްޒިފުންގެ ބޭނުން ރަނގަޅުގޮތުގައި ބޭނުންކުރާން އެދޭ ރަނގަޅު މެނޭޖްމަންޓް ޓީމެއް ތިތަނުގައި އޮތުންކަމަށް ޤަބޫލުކުރަން. ބެޓެރީ ކާރާއި ސައިކަލް ތަކުގެވާހަކަ ފަހުމީ މެން ދައްކަނީ މިހާރު ތިތަނުގައި އިތުރަށްކުރާނެ މަސައްްކަތެއްނެތި މުވައްޒިފުން ފޫހިވެފައި ތިބެންޖެހޭތީކަމަށް ވެދާނެ.
މޯޑް
18 March 2025
ބިލަށް ތަ އެބައި އިތުރުވަނި?
ތިމަންނަ
18 March 2025
ކަރާ ދަޑުތަކެއް ހައްދައިގެން ކަރައިން ކަރަންޓް އުފައްދާ ; ރީތި ފަރިއްސެއް ނުވަތަ ޅެމެއް ކިޔާލަދީގެން ހަކުރު ބައްޔަށް ފަރުވާ ލިބޭނެގޮތެއް ހެދޭތޯ ޢެޑިއުކޭޝަން މިނިސްޓީން ބައްލަވާ ދެއްވާ
ބަބުރު.
18 March 2025
ބެޓެރި ސައިކަލް ތިމާވެއްޓާ ރަށްޓެހިވީ ކިހިނެތްތޯ؟ ބެޓެރިއަކީ ނުރައްކާތެރި ވިހަ އެކުލެވޭ އެއްޗަކަށްވާއިރު ބާރުގޮސް ބާވެފަ ހުންނަ ބެޓެރިން ތިމާވެއްޓަށް ގެއްލުން ނުވޭތޯ؟.