19 މާޗް 2025 - 21:01
ރިޓަޔާ ކޮށްގެން ހުރި އިންޑިއާގެ ލެޖެންޑް ސުނިލް ޗެތުރީ ގައުމީ ޓީމާ އަލުން ގުޅުނު މެޗުގައި އޭނާގެ ލަނޑަކާ އެކު 3-0 އިން ދިވެހިރާއްޖެ ބަލިކޮށްފި އެވެ.
އިންޑިއާގައި މިރޭ ކުޅުނު މެޗުގައި ޖެހި ގޯލާ އެކު އުމުރުން 40 އަހަރުގެ ޗެތުރީ ވަނީ 152 މެޗުން ގައުމީ ޓީމަށް 95 ގޯލު ޖަހައިދީފަ އެވެ.
އިންޑިއާގެ ތިން ގޯލު ވެސް ކާމިޔާބު ކޮށްފައި ވަނީ ބޮލުންނެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނިޓުގައި ބްރެންޑަން ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ޖަހައދިނީ ރާހުލް ބެހެކޭ އެވެ. ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ނަގައިދިން ކޯނަރަކުން ކާމިޔާބު ކޮށްދިނީ ލިސްޓަން ކޮލާސޯ އެވެ. ތިންވަނަ ލަނޑު ޗެތުރީ ޖަހައިދިނީ އޭގެ 10 މިނިޓު ފަހުން ލިސްޓަން ނަގައިދިން ހުރަހަކުންނެވެ.
އިންޑިއާ ލީޑު ނެގި ގޯލު ޖެހިތާ ތިން މިނިޓުތެރޭ ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) ބްރެންޑަން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބްރެންޑަން އަށް އަނިޔާވެގެން އޭނާ ވަނީ ސްޓްރެޗަރުގައި ދަނޑުން ބާލައިފަ އެވެ.
ރާއްޖެ އަށް މި މެޗުގައި ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ހަސަން ނަޒީމް (ޗޯޓު) އަށެވެ. ނަމަވެސް އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ހުރަސް އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.
ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް ވަނީ މި މެޗުގައި ރަނގަޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން ލިސްޓަން އިންޑިއާގެ ދެވަނަ ގޯލު ޖެހުމުގެ ކުރިން ފޮނުވާލި ހަމަލާއަކާއި، އޭގެ ފަހުން ނޯރެމް މަހޭޝް ފޮނުވާި ދެ ހަމަލާއެއް އޭނާ ހުށިޔާރުކަމާ އެކު މަތަކުރި އެވެ.
މިއީ އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން އިންޑިއާ ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން އޭނާއާ އެކު މިދިޔަ އަހަރު އިންޑިއާ ވަނީ އެއް މެޗުން ބަލިވެ ތިން މެޗުން އެއްވަރު ވެފަ އެވެ. މިދިޔަ އަހަރު އިންޑިއާ ކުޅުނު ޖުމްލަ އަށް މެޗުގެ ތެރެއިން އެޓީމު ވަނީ ތިން މެޗުން ބަލިވެ، ފަސް މެޗު އެއްވަރުވެފަ އެވެ.
އިންޑިއާ އަށް ދެން އޮތީ އަންނަ ހަފްތާ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެދުވަހު ކޮލިފައިންގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެޓެރީ
20 March 2025
އިންޑީޔާގެ ކޮމެންޓޭޓަރު ބުނަނީ ރާއްޖޭޓީމަށް މެޗްޕްރެކްޓިސް އެއްނޯންނާނެޔޭ ލީގްނުކުޅޭތާ ދެއަހަރުވެއްޖެޔޭ. ބުންވަރު ހުންނާނެކަމާމެދު ޝައްކޭ. ލަދުންބޯހަލާކު. ކީއްކުރާނަމޭހިތާބާ މިދިޔައީ. އަދި ރޯދަމަސް ނޫން މަހެއްގައި ދާކަށް ނޭގުނު
ތިންކަނެސް
20 March 2025
ފެނުނީ ފިރިހެނުންުނާ ކުަޑަކުދިން ބޯޅަކުޅުނު މެޗެއް. ރާއްޖޭގެ ކުޅުން އިންޑިޔާ އާ އަޅާބަލާއިރު އެތަށްހަރުފަތެއް ފަހަތުގައި. ޑިފެންސްލައިން ފެނުނީ ތިމަރަކިލޯއެއް ދިރުވާލައިގެން ފުލަށްބަރުވެފާ ތިބިތަން. އިންޑީޔާއިން ހުރަސްކުރީމާ ޑިފެންސުންތިބެނީ ބަލަހައްޓައިގެން ފުންމައިނުގަނެވިފައި. ޓީމުގެ އެކަަކަށްވެސް ރަގަޅުޕާހެއް ނުދެވޭ. އަތުގައޮތްބޯޅަ ގެއްލި ނުވަތަ އިދިކޮޅަށް ހަދިޔާ ކުރަނީ. ޓީމުގައި ލީޑްކުރާނެ މީހެއް ރޫހެއްނެތް. ވަރަށް މަސައްކަތްކުރަން ޖެހޭ
ސޮދުރީބެ
20 March 2025
އެފްއޭއެމްގެ ހަގީގަތަކީ ފީފާއިންދޭ ފައިސާ އެކި ނަންނަމުގަބަޔަކު ކަމުން އައީ އަދުވެސް އެގޮތައް އެކަންކުރެވޭތޯ ބަޔަކުގަފައަޅައިގެން އުޅެނީ،
ވާނުވާ،،،
20 March 2025
ލަދުން މަރޭ،،، މި މީހުން ދަނޑަށް އަރުވަންވީ އަތަށް ހައެއްކަ އަންގިއާ ބޮލުކޮައްޕި ލައްވައިގެން. ދާހިއްލާ ފޯވެފައޭ ތިބީ... އަޅެފަހެ މި މެޗް ކުޅުނީ އެންޓާޓިކާގަތަ،،، ދެއްކުންތެރިކަން ނޫން ދެން ކޮންކަމެއް.
ބުލޫ ލޮކެއް ނުހެދޭނެ
20 March 2025
އެފް އޭ އެމް ގައި ތިބި މީހުން ކުޅުނު ކުޅިވަރުން އުފެދުނު ފޫ ތައް ބައްދާ ރާއްޖޭގެ ފުޓުބޯޅަ ކުރި އަރުވަން ކުރަންޖެހޭ މަސައްކަތަކީ 2 3 އަހަރުން ކުރެވޭނެ ކަމެއް ނޫން. ހުވަފެން ނުދައްކާ އަމަލު ދައްކާލަދީ.
މިއައު
20 March 2025
ގޭންގުތައް އެއްކޮށްގެން ކުލަބޭ ކިޔައިން ތިޔަ ކުޅޭ އެއްޗަކުން ނުކުންނަށް ނަތީޖާ މިއީ. އެކަމު ގޮތުގަ ހިފައްޓާތި. ސާބަހޭ
ސިކްބެ
20 March 2025
ހާސް ކަނޑާލާ.... ހުސްކިންގުން އުޅޭނީ
ޗުއްޓީ ދަތުރު..
20 March 2025
ހާތް.. އަދިވެސް މަށަށް ވާނޭކިޔާފަ ދާތި؟ ޕަކާސް..
ކޯކުމީ
20 March 2025
ދެން އުޅޭ ކެރެމް ކުޅެވޭތޯބަލަމާ
ދިވެހި ފުޓުބޯޅަ
20 March 2025
2008 ގައި މިގައުމުގެ ފުޓުބޯޅަ އޮތް ހިސާބާއި އޭރު މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ފެންވަރާއި އޭގެ 17 އަހަރު ފަހުން މިހާރު މި ގައުމުގެ ފުޓުބޯޅަ އޮތް ހިސާބާއި ސަރަހައްދީ އެހެން ޓީމުތަކުގެ ފެންވަރު ބަލާލީމަ ދިވެހި ފުޓުބޯޅަ ފަހަތައް ސޮއްސާލާފަ އޮތް ހިސާބު ވަޒަންކުރެވޭނެ. 2008 ގައި ރާއްޖެއަށް ބަލިނުކުރެވޭ ގައުމެއް މިސަރަގައްދުގަ ނެތް، މިހާރު ރާއްޖެއަށް ބަލިކުރެވޭނެ އެއްވެސް ގައުމެއް މިސަރަގައްދުގަ ނެތް. މިހާރު ބޫޓާނާ ކުޅުނަސް މެޅޭނެ