އިޒްރޭލުގެ އިންޒާރާ އެކު ޣައްޒާގެ އާއިލާއެއް ރައްކާތެރި ހިސާބަކަށް ދާން ދަތުރުކުރާއިރު، ދެ ކުއްޖަކު ކާމިޔާބީގެ ނިޝާން އަތުން ދައްކާލަނީ: އިޒްރޭލުން ވަނީ އަލުން ޣައްޒާއަށް ހަމަލާދޭން ފަށައި އާންމުންނަށް އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ
19 މާޗް 2025 - 23:32
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަނެއްކާވެސް އެއްގަމު މަގުން އަރައި، އިޒްރޭލުގެ ރަހީނުން މިނިވަންކުރުމަށާއި ހަމާސްގެ ބާރު ޣައްޒާއިން ނައްތާލުމަށް އެ ތަނުގެ އާންމުންނަށް "ފަހުގެ އިންޒާރު" ދީފި އެވެ.
އިޒްރޭލުން މި ހަފްތާގައި ވަނީ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި ފަހުން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ވައިގެ ހަމަލާތައް ޣައްޒާގެ ހުރިހާ ހިސާބަކަށް އަމާޒުކޮށްފަ އެވެ. ފަލަސްތީނުން ބުނެފައިވާ ގޮތުގައި އެ ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
"މިދިޔަ 24 ގަޑިއިރު ތެރޭ އިޒްރޭލުގެ [އަސްކަރީ] ފައުޖުތަކުން ވަނީ މެދުތެރޭ އަދި ދެކުނު ޣައްޒާއަށް އެއްގަމު މަގުން އަރައި އުތުރު ޣައްޒާ އާއި ދެކުނު ޣައްޒާއާ ދެމެދު ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ބަފަ ޒޯން ފުޅާކުރުމުގެ މަސައްކަތް ފަށާފައި،" އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ޣައްޒާގެ ރައްޔިތުން، މިއީ އެންމެ ފަހުގެ އިންޒާރު،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރާއިލް ކާޒް އިންޒާރު ދެމުން ބުނެފައިވެ އެވެ.
އިޒްރޭލުގެ އިންޒާރާ އެކު ޣައްޒާގެ އާންމުން ރައްކާތެރި ހިސާބަކަށް ދާން ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
"އެމެރިކާގެ ރައީސްގެ ނަސޭހަތް އަޑުއަހާ. ރަހީނުން ހަވާލުކުރުމަށް ފަހު ވެރިކަމުން ހަމާސް ދުރުކުރޭ. އޭރުން އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ - އޭގެ ތެރޭގައި ދުނިޔޭގެ އެހެން ހިސާބުތަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހިމެނޭ."
އޭނާ އިޝާރާތްކޮށްފައި އެ ވަނީ ޣައްޒާގެ އާންމުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހު ކުރީކޮޅު ދިން އިންޒާރަށެވެ. ޓްރަމްޕު ވަނީ ޣައްޒާގައި ރަހީނުން ހިފަހައްޓައިގެން އުޅޭ ނަމަ އާންމުންނަށް އޮތީ މަރު ކަމަށާއި އެހެން ނޫން ނަމަ އާންމުންނަށް "އުފާވެރި މުސްތަގުބަލެއް" އެބަ އޮތް ކަމަށް ބުނެފަ އެވެ.
އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާދޭން ފަށާފައި ވާއިރު އެ ތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން އެތައް ހާސް ބަޔަކު މަސައްކަތް ފަށާފައި ވާއިރު މިއަދު ވަނީ ޣައްޒާގެ ބައެއް މަގުތައް ފުރިފަ އެވެ.
ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލަން އެކި ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް އިޒްރޭލުން ކުރިއެކޭ އެއްގޮތަށް އެއިން އެއްވެސް ވާހަކައެއް އަޑެއް ނާހަ އެވެ. އަނެއްކޮޅުން ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން އަދިވެސް އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
20 March 2025
މުސްލިމް ގައުމުތަކަށް އިސްރާއިލްގެ އަނިޔާވެރި ގާތިލުން އެރުން މަނާކުރަންޖެހޭ.