20 މާޗް 2025 - 12:50
ކުރީގެ ކުޅުންތެރިޔަކު ދިރިހުއްޓައި މަރުވެފައިވާކަމަށް ބުނެ ބަލްގޭރިއާގެ ލީގުގައި ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ.
އެ ގައުމުގެ ލީގުގެ އަރްދާ ކާޑްޒާލީގެ ކުރީގެ ފޯވާޑް ޕެތްކޯ ގެންޗޭވް މަރުވެއްޖެކަން މިދިޔަ އާދިއްތަ ދުވަހު އެ ޓީމުން ކުޅުނު މެޗުގެ ކުރިން ސްޓޭޑިއަމްގައި އިއުލާން ކުރި އެވެ.
އަރްދާއިން އަމިއްލަ ދަނޑުގައި ލެވިސްކީ ސޯފިއާއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ދަނޑުގެ ސެންޓަ ސާކަލް ތެރޭގައި ކޮޅަށް ތިބެ ގަންޗޭވްގެ މަރުގެ ހިތާމަ ފާޅު ކުރި އެވެ.
އެ ސުކޫތުގައި ދެ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވެސް ބައިވެރިވި އެވެ.
އެކަމަކު ފަހުން އެ ކްލަބުން ނެރުނު ކުރު ބަޔާނުގައި ބުނީ ގަންޗޭވް މަރުވެފައިވާ ކަމަށް ބުނެ އެ ޓީމުން އެކަން އިއުލާން ކުރީ ނުބައި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އޭގެ ފަހުން ދިން އިންޓަވިއުއެއްގައި ގަންޗޭވް، 78، ބުނީ އެކަމެއް ހިނގިއިރު އޭނާ ދިޔައީ ކާރު ދުއްވަމުން ކަމަށެވެ.
ވަރަށް ގިނަ ކޯލްތައް އޭނާގެ ފޯނަށް އެގަޑީގައި އައި ކަމަށާއި ނަމަވެސް ކާރު ދުއްވަން ހުރުމުން ފޯނަށް ޖަވާބު ނުދިނީކަމަށް އޭނާ ބުންޏެވެ. އޭނާގެ އަންހެނުން ވެސް ތަކުރާރުކޮށް ގުޅަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.
"ފޯނުތައް އަންނަން ފެށިތާ އިރުކޮޅެއް ފަހުން ގެއާ ހަމައަށް އާދެވުނު. ގޭގެ މައި ދޮރުމަތީގައި ކާރު ބާއްވާފައި ގޯތީގެ އެ ތެރެއަށް އަހަރެން އަހަރެން ވަނުމުން އަހަރެންގެ އަންހެނުން އަހަންނަށް މަރުހަބާކީ ރޮމުން ހަޅޭއްލަވަމުން. އޭނާ ބުނި 'ޕެޓްކޯ، ޕެޓްކޯ، ކަލޭ މަރުވެއްޖެކަމަށް ޓީވީން އިއުލާންކޮށްފި އޭ،" ޑިޒިލްޓް ކިޔާ ނޫހަކަށް ދިން އިންޓަވިއުގައި ގެންޗޭވް ބުންޏެވެ.
"އަހަންނަކަށް އެންމެ ފުރަތަމަ ނޭނގުނު އޭނަ އެ ކިޔަނީ ކީކޭކަމެއް. ވެގެން އުޅޭ ގޮތެއް ވެސް ނޭނގެ. ދެން އަހަރެންގެ ދެ އެކުވެރިން ގުޅާފައި ކިޔައިދީފި ވެގެން އުޅޭ ގޮތް. ދިރިހުއްޓައި ވަޅުލުމަކީ ކޮންމެގޮތަކަށް ވިޔަސް ވަރަށް ހާސްވާނެ ކަމެއްތާ."
އޭނާ ބުނީ ފަހުން އަރްދާގެ ސްޕޯޓިން ޑައިރެކްޓަރު އޭނާ އަށް ސީދާ ގުޅައި އެކަމަށް މައާފަށް އެދިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚދކކދކ
20 March 2025
ކާރު ދުއްވަން ހުރުން؟
ގޗވބ
21 March 2025
ކާރުދުއްވަން އޮތީ