30 މާޗް 2025 - 13:32
ކިލިއަން އެމްބާޕޭގެ ކެރިއަރުގައި ވެސް ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ފުރަތަމަ ގޯލާ އެކު ފަހަތުން އަރައި 3-2 އިން ލެގަނީޒް ބަލިކޮށް ރެއާލް މެޑްރިޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. އެމްބާޕޭ 32 ވަނަ މިނިޓުގައި ކާމިޔާބު ކުރި ޕެނަލްކާ ޕެނަލްޓީއަކުން ލީޑު ނެގި ނަމަވެސް މިނިޓެއް ތެރޭ ޑިއޭގޯ ގާސިއާ ވަނީ ލެގަނީޒް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެނީ ރާބާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފު ފެށުނުތާ މާ ގިނައިރެއް ނުވެ ރެއާލަށް ނަތީޖާ އެއްވަރު ކޮށްދިނީ ޖޫޑެ ބެލިންހަމް އެވެ. އެމްބާޕޭ، ރެއާލް މޮޅު ކޮށްދިން ހިލޭޖެހުން ފޮނުވާލީ މެޗުގެ 76 ވަނަ މިނިޓުގަ އެވެ.
މިއީ އެމްބާޕޭ ރެއާލަށް ކުޅެދޭ ފުރަތަމަ ސީޒަނެވެ. ރޭގެ ދެ ގޯލާ އެކު އޭނާ ވަނީ މިހާތަނަށް 33 ގޯލު ހަމަކޮށްފަ އެވެ. މިއީ ކްލަބްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުރަތަމަ ސީޒަންގައި އެ ޓީމަށް ކާމިޔާބު ކޮށްދިން ގޯލުގެ އަދަދާ އެއްވަރުގެ އަދަދެކެވެ.
"ވަރަށް ހާއްސަ. ރޮނާލްޑޯއާ އެއްވަރަށް ގޯލު ޖަހާފައި އޮނތުން ވަރަށް ރަނގަޅު. އަހަރެންނަށް އެނގޭ އޭނާއަކީ ރެއާލަށް ކިހާ މުހިއްމު މީހެއްކަން. އަހަރެންނާ [ރޮނާލްޑޯ] އަބަދުވެސް ވާހަކަ ދައްކަން، އޭނާ ވަރަށް ރަނގަޅު ނަސޭހަތް ދޭނެ. އޭނާ ވަނީ ވަރަށް ބައިވަރު ގޯލު ޖަހާފައި. އެކަމު އަހަރެމެންނަށް އެބަ މަޖުބޫރުވޭ ތަށި ހޯދުން،" އެމްބާޕޭ ބުންޏެވެ.
ރޮނާލްޑޯ 33 ގޯލު ޖެހީ 35 މެޗު ކުޅެގެންނެވެ. ނަމަވެސް އެމްބާޕޭ ވަނީ މި ސީޒަންގައި މިހާތަނަށް 45 މެޗު ކުޅެފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް ވަނީ 29 މެޗުން 63 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ބާސާ އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.
ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އެސްޕަންޔޯލާ ވާދަކޮށް 1-1 އިން އެއްވަރު ވެފަ އެވެ. މިއާ އެކު 29 މެޗުން އެޓީމަށް ލިބިފައި ވަނީ 57 ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޮން
01 April 2025
އެ ގޯލް ނުގުނާ ފްރީކިކް ގޯލް އަކަށް.