އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްވާން ޣައްޒާގެ ރައްޔިތުން ގެދޮރު ދޫކޮށް ދަނީ: ހަމާސް އިން ވަނީ ހަމަލާތައް މެދުކަނޑާލުމުގެ އާ ހުށަހެޅުމަކަށް އެއްބަސްވެފައި. -- ފޮޓޯ: އޭއެފްޕީ
30 މާޗް 2025 - 05:49
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް މެދުވެރިންގެ ފަރާތުން ލިބުނު އާ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށާއި އެ ހުށަހެޅުން އިޒްރޭލުން ވެސް ގަބޫލުކުރުމަށް އެ ޖަމާއަތުން ގޮވާލައިފި އެވެ.
މި ގޮވާލުމާ އެކު ހަމާސް އިން ވަނީ އެ ޖަމާއަތުން ހަތިޔާރު ނަގާނީ އެ ނޫން ގޮތެއް ނެތް ހިނދެއްގައި ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވެސް ވަނީ ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުގެ ފަރާތުން ހުށަހެޅުމެއް ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ. އެކަމަކު ރައްދުގައި އެހެން ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
"މީގެ ދެ ދުވަސް ކުރިން މިސްރާއި ގަތަރުގެ މެދުވެރި އަޚުންގެ ފަރާތުން އަޅުގަނޑުމެންނަށް ހުށަހެޅުމެއް ވަނީ ލިބިފައި. އަޅުގަނޑުމެން އެކަމާ މެދު ވަރަށް ޕޮޒިޓިވްކޮށް އަމަލުކޮށް ބަލައިގެންފިން. އަޅުގަނޑުމެން އުއްމީދު ކުރަނީ [އިޒްރޭލުން] އެކަމަށް ހުރަސް ނާޅާނެ ކަމަށް،" ފިތުރު އީދާ ދިމާކޮށް ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ހަމާސްގެ އިސް އޮފިޝަލް ޚަލީލް އަލް ހަޔާ ވިދާޅުވި އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ ހުށަހެޅުން ލިބުނީ އިއްޔެ ކަމަށެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން އިޒްރޭލުން ވަނީ އެމެރިކާއާ ގުޅިގެން ކައުންޓާ ޕްރޮޕޯޒަލެއް ފޮނުވާފައި،" ތަފްސީލެއް ނުދީ، އެކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުންޏެވެ.
މީގެ އެއް ދުވަސް ކުރިން ހަމާސްގެ އިސް އޮފިޝަލް ބާސިމް ނާއިމް ވިދާޅުވެފައި ވަނީ އިޒްރޭލުން ޣައްޒާގައި ވަރުގަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ހަލުވިވަމުން އަންނަ ކަމަށެވެ. ހަމާސް ޖަމާއަތާއި ފަލަސްތީނުގެ މަސްދަރުތަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަމާސް ޖަމާއަތާއި މިސްރާއި ގަތަރުގެ މެދުވެރިންނާ ދެމެދު ބުރާސްފަތި ދުވަހުގެ ރޭ މަޝްވަރާތައް ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމާއި އިޒްރޭލުގެ ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން އަލުން އިއާދަކުރަން ކަމަށެވެ.
ހަމަލާތައް މެދުކަނޑާލަން ހެދި އެއްބަސްވުން މި މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ރޫޅާލައި ޣައްޒާއަށް އަލުން ވަނީ ހަމަލާތައް ފަށައިފަ އެވެ. އޮކްޓޫބަރު 7، 2023 ގައި ދޭން ފެށި ހަމަލާތައް 17 މަސް ދުވަސް ފަހުން މެދުކަނޑާލަން ޖެނުއަރީ މަހު ވީ އެއްބަސްވުމަށް އަމަލުކުރަމުން ގޮސް އިޒްރޭލުން ހަމަލާތައް ފެށީ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ތަންފީޒުކުރުމަށް އުޒުރުތައް ދެއްކުމަށް ފަހުގަ އެވެ.
އަލަށް ދޭން ފެށި ހަމަލާތަކުގައި ޣައްޒާއިން 921 މީހަކު މިހާތަނަށް ޝަހީދުވެފައި ވާއިރު އޮކްޓޫބަރު، 2023 އިން ފެށިގެން ޣައްޒާގައި ޝަހީދުވި އަދަދު ވަނީ ބައި ލައްކައިން މައްޗަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
30 March 2025
ހެޓިލަރު ބުނެފަވާހެން ދުނިޔޭގެ ބަޔަކު ދެކޭނެ މި ޔަހޫދީންގެ ކެހިވެރިކަމާއި މަކަރުވެރި ކަމުގައި ނެތިދާނެއެވެ. އޮކްޓޫބަރު 7 ގެ ހަމަލާ ރޭވީވެސް ނަތަން ޔާހޫގެ ސިއްރު ފުލުހުން ނެވެ، ނޫންނަމަ އެހާފަސޭހައިން އިޒްރޭތެރެއަށް ވަދެ އެހާ ގިނަރަހީނުން ނުފޭރެވޭނެއެވެ،