ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ދުންފަތާ ދުރުކުރަން ސަރުކާރުން ކުރާ މަސައްކަތް ވެސް ސިޔާސީކޮށްގެން ފައިދާ ނަގަމުންދާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
02 އެޕްރީލް 2025 - 14:33
ރައްޔިތުންގެ ސިއްހަތަށް އިސްކަންދީގެން، ދުންފަތުގެ ނުރައްކާތެރި ވަބާއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ސިޔާސީނުކުރުމަށާއި ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން ވެސް ރައްޔިތުންގެ ހައްގުގައި އެކަން ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ސިޔާސީ ކުރަމުންދާ ކަމަށެވެ. ދުންފަތުގެ ވިޔަފާރިއަށް ބަލާ ނަމަ، ސިނގިރޭޓް ވިއްކުމުގައި ވެސް އުޅެނީ ސަރުކާރާ އިދިކޮޅު ފިކުރުގެ މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު އެމްޑީޕީން ބާއްވާ މުޒާހަރާތަކަށް ވެސް އެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން އެހީތެރިވެ އެވެ. އޭގެ ބޭނުމަކީ ވޭޕް މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލައިލާއިރުގައި ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުން އިނގޭތޯ. އެމީހުން މުޒާހަރާތަކަށް ވެސް އެހީއެބަ ދޭ. އަަޅުގަނޑަށް މައުލޫމާތު ލިބޭނެ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.
"[އެ މީހުންގެ ބޭނުމަކީ] މިކަން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން. އެހެންވީމަ ސީޔާސީ ނުކުރާށޭ، ދެން ރައްޔިތުންގެ ސިއްހަތު."
ރައީސް ވިދާޅުވީ ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ދެމިހުންނަވާނެ ކަމަށާއި މިކަމަކީ ރައްޔިތުންނަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއް ކަމަށެވެ.
އަޅުގަނޑު ނުވެސް ދަންނަ މީހެއް ހަމަ އިނގޭތޯ. މެސެޖްކޮށްފައި އެބައޮތް، ތިމަންނައަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް މި ރޯދަމަހު ލިބުނީ، ތިމަންނަ މިސްކިތަށް އަރާއިރުގައި، ކައިރީގައި ހުންނަ ކޮންމެވެސް މީހެއްގެ އަނގައިން އެ ދުވާ ދުންފަތުގެ، ސިނގިރޭޓުގެ ވަހުން ސަލާމަތްވީމައޭ. -- ރައީސް
ރައީސް ވަނީ އެ ވިޔަފާރީގައި އުޅޭ ފަރާތްތައް ވެސް އެކަން ހުއްޓާލާފައި ކޮންމެވެސް އެހެން ކަމެއް ކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިއްކާ މީހުން އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާ އުޅެން. މިއީކީ ކުރާވަރު ކަމެއް ނޫނޭ. ދެން މިއީކީ ކުޑަކުޑަ ގައުމެއް. މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީ،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
ދުންފަތާ ދުރުވާން ސަރުކާރުން މިހާތަނަށް ކުރަމުން އަންނަ މަސައްކަތް ގިނަ ބަޔަކު ބަލައިގަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ރޯދަ މަހު މިސްކިތްތަކުން ވެސް މި މަސައްކަތުގެ ކުރިއެރުން ފެނުނު ކަމުގެ މެސެޖްތައް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.
"އެންމެފަހުން މިއަދު ވެސް، އަޅުގަނޑު ނުވެސް ދަންނަ މީހެއް ހަމަ އިނގޭތޯ. މެސެޖްކޮށްފައި އެބައޮތް، ތިމަންނައަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް މި ރޯދަމަހު ލިބުނީ، ތިމަންނަ މިސްކިތަށް އަރާއިރުގައި، ކައިރީގައި ހުންނަ ކޮންމެވެސް މީހެއްގެ އަނގައިން އެ ދުވާ ދުންފަތުގެ، ސިނގިރޭޓުގެ ވަހުން ސަލާމަތްވީމައޭ. اَلْحَمْدُ للَّهِ.،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށް "ޖެނަރޭޝަން ބޭން" އަކަށް ދިއުމުގައި ސަރުކާރުން ގެންގުޅޭ ހިޔާލުތައް ވެސް ހިއްސާކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ 2000 ވަނަ އަހަރާއި 2004 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރުން ފެށިގެން ދުންފަތް ބޭނުންކުރާ މީހުންނާއި އޭގެ ފަހުން އުފަންވާ ކުދިންނަށް އެކަން މަނާކުރާށެވެ. އެކަމަކު އެ އަހަރު ކަނޑައަޅާނީ ކަމާބެހޭ ފަރާތްތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕްކޮށްފިނަމަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ވެސް ބޮޑުކޮށް، ދުންފަތް ގަނެވޭނެ ދަށް އުމުރަކީ 21 އަހަރު ކަމަށް މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނާލު
03 April 2025
ދުންފަތް ވިއްކާ މީހުން މުއްސަނދިވީ ރައްޔިތުންގެ ފުއްޕާމޭ ހަލާކުކުރަން އެހީތެރިވެގެން
ޑރ ވާންޗޯ
03 April 2025
ހަމަ ތިޔަ ލެވެލްގަ ޑްރަގް ނުހުއްޓުވެނީ ކީއްވެތޯ؟. އެއީ ސިނގިރޭޓްއަށްވުރެ ގެއްލުން ކުޑައެއްޗަކީތޯ؟. ބަނގުރަލާ ޑްރަގް ކެފޭތަކާ ވިއްކާމީހުނާ އެނގޭއިރުވެސް ހަމަތިޔަ ފޯރީގަ ގާނޫނާގަވާއިދު ހަދައިގެންވެސް ހުއްޓުވުނީސް ގައުމަށް އިޚުލާސްތެރިކަމެއްހުރިނަމަ.
އަތްލޮބް މުހައްމަދު
03 April 2025
މީ ހަގީގީ ގަޓް ވެރިންނަކީ. ރައްޔިތުންނަށް ފައިދާ ވާކަންކަން ކޮށް ގެއްލުންވާ ކަންކަން ހުއްޓުވަމުން މިދަނީ
ކަޓް
03 April 2025
ވޭޕް މަނާކުރިގޮތަށް ގަޓުވެގެން ސިގިރެޓްވެސް މަނާ ކުރަންވީނުން..
ޝަމްނާޒް ހަސަން
03 April 2025
އަސްލުވެސް. މީ އެއްވެސް ވަރަކަށް ކުރަން ހެޔޮވަރުގެ ކަމެއް ނޫން. އިސްރާފެއް. އަދި ސިއްހަތައް ހުރި ނުރައްކަލެއް. ސަރުކާރުން މިކަން ހުއްޓުވާތީ އަހަރެން ފުލް ތާއިދު
ނުސްރާ މުހައްމަދު
03 April 2025
އެތައް ޖީލްތައް ހަލާކުވެގެން ދިޔައިރު މިސަރުކާރުން މިކަމަށް ފިޔަވަޅު އަޅާތީ ވަރަށް އުފާކުރަން.
އަޒުމް މުހައްމަދު
03 April 2025
މިދިޔަ އެއްވެސް ވެރިޔަކު މިކަން ކޮށްފައެއް ނެތް ހެޔޮ ނިޔަތުގައެއް. ސީދާ ލާރި ހޯދަން ކުރީ. މިސަރުކާރުން ހާއްސަކޮށް ރައީސް މުއިއްޒް ތަފާތު. ހައްގަށް މަސައްކަތް ކުރާތަން ފެނިގެން ދަނީ
ހުސެން ވަހީދު
03 April 2025
ވަރަށް ރަނގަޅު ވާހަކައެއް. މިކަން މީ ހަމަ ކުރަން ޖެހޭ ކަމެއް.
ކިސްބީ
03 April 2025
ވެރިކަން ލިބުނީ 55 ޕަސެންޓު ވޯޓުންކަން ހަނދާން ކޮށްބަލަ. ބާކަި 45 ޕަސެންޓް ފާޅުގައި އެބުނަނީ މިވެރިކަން ބޭނުމެއްނޫނޭ އޭރުގައިވެސް. ދެން އެ އެންމެންގެ ވިޔަފާރި ހަލާކުކޮށްލާ އިދިކޮޅަށް ފަނޑުކުރަނިއްޔޭ ކިޔާފަ.
ނިލިސް
02 April 2025
ސިޔާސީކުރަނީ ކާކުތަ؟
ފުއްޕިހަކުރު
02 April 2025
ހުސްބޭކާރުވާހަކަ. ރައްޔިތުން ގުނބޯހެއްދުންނޫންކަމެއް ކުރުއްވާތަނެއް ނުފެނޭ. ތުކި!! ދެފުށް ފެންނަގޮތަށް ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރު އެބަކުރެއްވެވޭ!