"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
02 އެޕްރީލް 2025 - 15:50
ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ބަލިވުމުގެ ކުރިން، ބަލިވިޔަނުދޭން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ހާއްސަ އިސްކަމެއް ދީގެން އިންވެސްޓްކުރަންޖެހޭ ކަމެކެވެ. މީގެ ކުރިން ރާއްޖޭގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވުނު ނަމަވެސް އެ އާދަތައް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެމަނިކުފާނު ބޭނުންފުޅު ވަނީ އަނެއްކާވެސް ޕްރިވެންޓިވް ހެލްތު ކެއާއަށް ހާއްސަ އިސްކަމެއް ދެއްވަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ އެކަމަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަންތައް ކަމަށެެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
"ސިނގިރޭޓް ބުއިމުން، ނޫނީ ވިއްޔާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖީލެއް ދުރުކުރުވުމަކީ، ކުރެވޭނެ ހަމަ އެންމެ ބޮޑު އެއް ކަންތައް ހަގީގަތުގައި ޕްރިވެންޓިވް ހެލްތް ކެއާގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކޮށްފައި ހުންނަ ގޮތުން ޖެހޭ ބަލިތަކާއި ކެންސަރާއި ގައިންގަޔަށް އަރާ ބަލިތަކާއި ވާރުތަ ބަލިތައް ވެސް ހުންނައިރު އެފަދަ އެތައް ބައްޔަކުން ދުރުވެވޭނެ ގޮތްތައް ވެސް ހުންނަ ކަމަށެވެ.
"ހަކުރުގެ ބާވަތްތައް މަދުކުރުމާއި، ތަރުކާރީ އާއި މޭވާ އާއި، ރަނގަޅު ކާނާ ކެއުމަށް ބާރުއެޅުމާއި، އެ ލިބޭނެގޮތް ހަދައިދިނުމާ، މިކަހަލަ ކަންތައްތައްވެސް މިއީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅުމުގެ ގޮތުން ރައީސް ވިދާޅުވީ ހިތްގައިމު މޫދަކާއި ގޮނޑުދޮށްތައް ހުންނަ ރަށްރަށުގައި އައުޓްޑޯ ޖިމްތައް ހެދުމަކީ ވެސް ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.
"ކަސްރަތު ކޮށްލެވޭނެ ގޮތަށް، ބަރު އެއްޗެހި ނުއުފުލާ ކަސްރަތު ކުރެވޭ އައުޓްޑޯ ޖިމްތައް ހެދުމަކީ ވެސް އަޅުގަނޑުމެން ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އައުޓްޑޯ ޖިމުގެ އިތުރުން މޫދަކީ ވެސް ކަސްރަތު ކުރެވޭނެ ތަނެއް ކަމަށާއި އެކަމަކު ބައެއް ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން، ގިރައިގެން ގޮސް މޫދު ހަލާކުވެފައިވާ ރަށްތައް ހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެފަދަ ރަށްތަކުގައި ވެސް މޫދަށް އެރޭނެ ތަނެއް ހަދައިދިނުމަށް ވަރަށް ގިނައިން އިސްރަށްވެހިން އެދޭތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
"މޫދަށް އެރިލާނެ ތަންކޮޅެއް ހަދައިދޭށޭ. ދެން ކުޑަކޮށް ބޭރު ވެސް ތޮށިލެވިފައި ތަންކޮޅެއް ރައްކާތެރިގޮތަކަށް. އަޅުގަނޑުމެން މިހާރު މަޝްރޫއޫތައް ކުރިއަށްގެންދާއިރުގައި ބަނދަރު ހަދާއިރުގައި ނޫނީވިއްޔާ ގިރާ ސަރަޙައްދު ހިމާޔަތް ކުރަން ތޮށިޖަހާއިރު އެގޮތަށް ތަންކޮޅެއްލާފައި މި ހަދައިދެނީ ރަށްރަށުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަށިގަނޑަށް ވަރަށް ފައިދާވާ ކަހަލަ ކަސްރަތުތައް މޫދުގައި ކުރެވޭތީ އެ މަގު ދައްކަވައިދެއްވަނީ ކަމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށް ހުޅުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖުމްލަކޮށް، އިރާދަކުރެއްވިއްޔާ ވަށާޖެހޭ ސިއްހީ ޕޮލިސީއެއް ތަންފީޒު ކުރެވޭތޯ، އަޅުގަނޑު މި ބަލާ ޕޮލިސީއަކީ އިނގޭތޯ. އޭރުން އިރާދަކުރެއްވިއްޔާ ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދުކުރެވި، ދައްކަންޖެހޭ ހާލަތުގައި، ރާއްޖޭގައި ތިބެގެން އެންމެ ރަނގަޅު ހިދުމަތް ހޯދޭނެ ގޮތް ހެދުން އިނގޭތޯ. މިހާރު މި ދާންޖެހެނީ އެކި ގައުމުތަކަށް. އެއީކީ ފަސޭހަކަމެއް ނޫން. އެކަމަކު ރާއްޖޭގައި ތިބެގެން، އެންމެ ފެންވަރު ރަނގަޅު ހިދުމަތް، ބަލިވީމަ ލިބޭނެ ގޮތް ވެސް ވާން ޖެހޭނެ. އެހެންވީމާ، އެ ވަށާޖެހޭގޮތަށް އެކަން ކުރެވޭތޯ މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މައިގަނޑު ބޭނުމަކީ ވެސް ގޭތެރޭގައި ބަންދުވެފައި ތިބުމުގެ ބަދަލުގައި ކުދިން ނެރެ، އާއިލާއާ އެކު ބޭރަށް ގޮސް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
03 April 2025
ވޭޕް މަނާކުރިގޮތަށް ސިގެރެޓްވެސް މަނާކުރަންވީނު. ކޮންމެހެން އެދެންޖެހޭތަ
ތަޖުރިބާ
02 April 2025
ރަންއިލޮށިން ކަދުރުވެސް ކާންދެއްވާނެ. އިންތިޒާރުކުރޭ. ހާދަހައި ވޯޓެއްގެވަސް އެބަދުވައޭ. ވެރިން މިވަރަށް ރައްޔިތުންގެމަތިން ހަނދުމަވެފައި މީގެކުރިންހުރީ ވޯޓަކާއި ކައިރިވީމަ.
އަފްރާސިޔާބު
02 April 2025
އެއީ ބިހާއި، ދޮންކޭލާއި، އާފަލާއި، އޮރެންޖާއި، އަންނާރާއި، ފަޅޮލާއި، އަލުއްވާއި، ކަރަޔާއި، ކެބެޖް، ކެރެޓް، މިހެންގޮސް ތަރުކާރީގެ ހުރިހާ ބާވަތަކާއި ކުކުޅާއި ބަކަރި، ގެރި މިފާޑުގެ ތަކެތީގެ ޕްރޮޖެކްޓް، ވަރަށް ސަޅިވާނެ. އެއްގޮތަކަށްވެސް ދުއްވާ އެއްޗެއް މި ގައުމަށް އެތެރެވިޔަ ނުދޭތި. އެއީ ގެއްލުން ހުރި އެއްޗެހި.