ސަލްޓަން ޕާކު: ސަލްޓަންޕާކު އަލުން ރީތިކޮށް ހަދާނީ އެންމެންނަށް ހިތްހަމަޖެހުން ލިބޭ ގޮތަށް.
02 އެޕްރީލް 2025 - 16:01
ބިޔަ ގަސްތަކުން ފެހި, ސަލްޓަންޕާކު އަލުން ތަރައްގީކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް, ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ބަލިތަކުން ދުރުކުރުވަން ކުރަން ޖެހޭ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހަރަކާތްތެރިވެ އުޅެވޭނެ ގޮތްތަކާއި ހިތްހަމަޖެހޭނެ މާހައުލެއް ގާއިމްކޮށްދިނުން ހިމެނޭ ކަމަށެވެ. ކުޑަ ކުދިން ގޭތެރޭގައި ބަންދުވެފައި ތިބުމުގެ ބަދަލުގައި އާއިލާ އެކު ނުކުމެ މާލޭގައި ވެސް ހިތްހަމަޖެހިލެވޭނެ މާހައުލެއް ފަހިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ, ރައީސް ވިދާޅުވި ގޮތުގައި, މާލޭގައި ވެސް ހަލާކުވެފައި ހުރި ޕާކުތައް ވެސް އަލުން ހަދައި އެފަދަ މާހައުލުތައް ހޯދައިދިނުމަށެވެ. އޭގެތެރޭގައި ސަލްޓަންޕާކު އިތުރަށް ރީތިކޮށް، ފުރިހަމަކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަލްޓަން ޕާކް ވެސް އަޅުގަނޑުމެން މިއުޅެނީ އަލުން ރީތިކޮށް ހަދާލަން. ކުރިއަށްވުރެ ގިނަ ކަންކަން ހިމަނާފައި އިނގޭތޯ. އަޅުގަނޑުމެން ހަދާއިރުގައި ސަލްޓަން ޕާކުގައި މިހާރު ގަސް ހުންނަ ތަނެއްވީމާ، އެއް ގަހުން އަނެއް ގަހަށް މަތީގައި އެކިކަހަލަ އެކްޓިވިޓީޒްތައް ހިމަނާފައި އެކަހަލަ ބައިބައި ހިމަނާފައި ކުރަން ނިންމާފައި މިއޮތީ އިނގޭތޯ. ތަންކޮޅެއް ޝައުގުވެރިވާ ކަހަލަ ގޮތަކަށް." ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
ސަލްޓަންޕާކު މިހާރު އޮތް ގޮތަށް ތަރައްގީކުރީ އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރެވެ. އެތަން އޭރު ތަރައްގީކުރީ ސްނޯ ޕާކަކާ ވެސް އެކުގަ އެވެ.
ރައީސް ވިދާޅުވީ ސަލްޓަންޕާކު އަލުން މަރާމާތުކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.
"އެއްގަހުން އަނެއް ގަހަށް ގޮސްލައި ހަދައިލެވޭކަހަލަ، ތަންކޮޅެއް އެޑްވެންޗަރަސްއޭ މި ކިޔާކަހަލަ ތަންތަން. ބިންމަތީ ލެވެލްގެ އިތުރަށް، މަތީގައި ކުޑަ ޕާކެއް އަންނާނެ ކަމަށް ބައްލަވަންވީ އިނގޭތޯ. ދެން އޭގެއިތުރަށް ވެސް ކަންތައްތައް ހިމެނޭގޮތަށް ޕާކުތައް ހެދޭނެ. މިއީ ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވި އެވެ.
ގިނަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުގުޅަ
04 April 2025
މިޤައުމުގެ ކޮންމެ އާ ރައީސަކު ކުރަން އެންމެ މުހިއްމު ތިންކަމެއް އޮވޭ، ސަލްޓަން ޕާކު އާކުރުން، ރަސްމީ ފާލަން އާކުރުން، މަލޭގެ މަގުތައް މުޅިން އަލަށް ފެންހިންދާ ނިޒާމާއި އެކު ހެދުން. މިއުޅެވެނީ 21 ވަނަ ޤަރުނުގަ ބާއޭ ހިތައް އަރާ.
ހަސަނު
03 April 2025
ހުރިހާ ދިވެހިން ގަހުގަ
އެންމެން ސޭޑް
03 April 2025
އެންމެންނަށް ހިތްހަމަ ޖެހުން ނުލިބޭގޮތަށް ޔާމީނު ދައުރު އޭރުގެ ހައުސިން މިނިސްޓަރު ތިތަން ހެދީ ކީއްވެބާ!؟
ޖަގޭ
03 April 2025
ދިވެހީން މިއުޅެނީ ގަހައްނޭރިގެން ؟؟؟؟
އީމާން ސޯލިހް
03 April 2025
ރައީސް މުއިއްޒްއަކީ ވަކި މީހެއް ހެދި ތަނެއް ވީމާ ވީރާނާވާން ދޫކޮށްލާނެ މީހެއް ނޫން. ރައްޔިތުންނާ ގުޅޭ ކަންކަމުގައި ރަނގަޅު ޑިޒިޝަން ނަގާ ވެރިޔެއް
ހިއްސާން
03 April 2025
ތިހެންނަމަ ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު ނިންމީސް. އަމިއްލަ ސިއްކަ ޖަހަންވެގެން ރަސްމާލެ ފެއްޓީ. ރައްޔިތުންގެ ކެކުޅުންތައް އެގޭނަމަ ފުރަތަމަ ފައްޓާފައި ހުރި ތަންތަން ނިންމާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްފަހު އައު ތަނެއް ފެއްޓީސް. ތި ޕާކް ހަދަން ފައްޓާ ނުނިންމާއޮތީ މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުގައި.
ހަމަދު ސަލީމް
03 April 2025
ވަރަށް ރަނގަޅު. ދަރިން ގޮވައިގެން ކުޅެލަން ދެވޭނީ އޭރަށް
މުސްތަފާ ކަރީމް
03 April 2025
ވަރަށް އުފާވެރި ހަބަރެއް. ވީރާނާވެފަ ހުރީ މިދިޔަ ސަރުކާރުތަކުން އަޅާނުލީމަ
އާދިލް ހަލީމް
03 April 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރައްޔިތުންނަށް ހިތްހަމެޖެހުން ގެނުވަން އަދި އުފާވެރިކަން ގެނުވަން ސަރުކާރުން ކުރާ މަސައްކަތް. ރަސްފަންނުވެސް މަރާމާތްކޮށްފި
އަސްލަމް ވަހީދު
03 April 2025
މިދިޔަ ސަރުކާރުން މިތަންތަން ހުރީ ވީރާނާވާން ދޫކޮށްފަ. ވަރަށް ރުޅިއައި އެކަމަށް.މިސަރުކާރުން މިކަންކަން ބަލާތީ ނިކަން އުފާވޭ
ދަގަތްފާނު
03 April 2025
ރާއްޖޭ މަސްވެރިން މަހަށް ގެންދާނެ އައިސްކޮޅެއް ނުލިބި ތިއްބާނޫންތަ ކުރީފަހަރު ތިރަށުގަ ސުނޯ ހަދައިގެން އުޅުނީ.