ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ވަޑައިގެން، ރައީސް އެތަން ބައްލަވާލައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
02 އެޕްރީލް 2025 - 20:31
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރާތް ކުރައްވައި އެތަނުގެ ތަމްރީނުތައް ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ފުޓުބޯޅައިގެ ކޯޗިން އާއި ތަމްރީނުތައް ރައީސް ވަނީ ބައްލަވާލައްވައިފަ އެވެ.
މިއީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޓްރެއިނިން ސެންޓަރެކެވެ.
އެ ޒިޔާރާތުގައި ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުން އަންނަ އުއްމީދީ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ގޮތްތައް ވެސް އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސިވިލާތަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް މަންޒިލަކަށް ރާއްޖެ ހެދުމުގެ ހަރަކާތް އިފްތިތާހު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
އެ އެއްބަސްވުމާ އެކު، މި އަހަރުގެ ތެރޭގައި އިތުރު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
04 April 2025
މިބުރު ވާނެ ބާވެފަ އޮތް ގަލޮޅުދަނޑުވެސް އެންފީލްޑާ އެއް ފެންވަރަށް ތަރައްގީކުރަން. ދެން މީހުންވެސް ވަންނަންފަށާނެ ރީތި ވީމަ. ޓިކްޓޮކްކުޅެން