ިއިޒްރޭލު ސިފައިން މިއަދު ހަމަލާދިން އދ.ގެ އިމާރާތުގެ ތެރެެއިން މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ: އިޒްރޭލުން ވަނީ ޣައްޒާ އެއްކޮށް ހިފައި ރަހީނުން ހޯދާނެ ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2025 - 22:14
އިޒްރޭލު ސިފައިން މިހާރު ފަށާފައިވަނީ ފަލަސްތީނުގެ ޣައްޒާ އެއްކޮށް ބަލައި ފާސްކުރުމުގެ މަސައްކަތް ކަމަށާއި އެހެންވެ އެ ސިޓީ ހިފައި ހުރިހާ ތަނެއް ބެލުމަށް ފަހު ރަހީނުން ހޯދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ އިންޒާރު ދީފި އެވެ.
"ޣައްޒާ އެއްކޮށް ވަކިކޮށްލުމަށް ފަހު، ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަންކުރަން ޕްރެޝަރު އިތުރުކުރުމަށް ފަހަރަކު ފިޔަވަޅެއް އަޅަމުން ގެންދާނަން،" އިޒްރޭލުން ޣައްޒާ ހިފާނެ ކަމަށާއި ހަމާސްގެ މެންބަރުންނަށާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ ނައްތާލަމުން ގެންދާނެ ކަމުގެ އިންޒާރާ އެކު ނަތަންޔާހޫގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށުމަށް ފަހު ގާތްގަނޑަކަށް 18 މަސް ދުވަސް ފަހުން ޖެނުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު ކުރިއެކޭ އެއްގޮތަށް މިހާރު ދަނީ ހަމަލާ ދެމުންނެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭ ޣައްޒާއިން ހާހަކަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ޣައްޒާއިން ޝަހީދުކޮށްލި އަދަދު މިހާރު ވަނީ ބައި ލައްކަށްވުރެ މައްޗަށް ގޮސްފަ އެވެ.
އިޒްރޭލުން މިއަދު ވަނީ ޖަބަލިޔާގައި އދ. އިން ހިންގާ ކްލިނިކަކަށް ވެސް ހަމަލާދީފަ އެވެ. އެ ހަމަލާގައި 19 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.
އެކަމަކު މި ހަމަލާއަށް ފަހު ވެސް އިޒްރޭލުން ބުނީ މިއީ ހަމާސް އިން ކޮންމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތެއް ކަމަށާއި ހަމަލާ ދިނީ އެ އިމާރާތުގައި ހަމާސްގެ ހަރަކާތްތައް ހިންގާތީ ކަމަށެވެ.
އދ.ގެ، ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ (އަންރުވާ) އިން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި އެ ތަނުގެ ފުރަތަމަ ފަންގިފިލާގެ ދެ ކޮޓަރި ހަލާކުވެފައިވާ ކަމަށާއި އެއީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ 160 އާއިލާއެއްގެ ހިޔާވަހިކަމަށް ބޭނުންކުރި ތަނެއް ކަމަށެވެ.
"ގެދޮރު ގެއްލުނު އެތައް އާއިލާއެއް އެތަނުން އެއްގޮތަކަށް ވެސް ނުނިކުމޭ. އެއީ އެ މީހުން ދާނެ އެހެން އެއްވެސް ތަނެއް ނެތީމާ،" އެ ބަޔާނުގައިވެ އެވެ.
އިޒްރޭލުން ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އދ.ގެ އިމާރާތްތަކާއި އެމްބިއުލާންސްތަކަށް ވެސް ހަމަލާ ދިނުން އާންމު ކަމަކަށް ހަދާފައި ވާއިރު ކޮންމެ ފަހަރަކު ވެސް ބުނަނީ އެއީ ހަމާސް އިން އެ ތަންތަނާއި ވަސީލަތްތައް ބޭނުންކުރާތީ ހަމާސް އަށް ދޭ ހަމަލާތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަމެއް
04 April 2025
ހަމާސްއަކީ މިލްޓަރީ އިމާރަޔްތަށް ވަކިތަނެއްގަ ގާއިމްކޮށްގެން ހަނގުރާމަކުރާ ބައެއްނޫން އެހެންކަމުން އާމުންތެރޭ ތިބެ ހަމާލާ ބަދަލުކުރާނަމަ ކުށެއްނެތް އާންމުން އިންތިހާއަށް މަރުވާނެ