ޖަބަލިޔާގައި ހުންނަ އދ.ގެ އިމާރާތަކަށް އިޒްރޭލުން މިއަދު ދިން ހަމަލާގައި ޝަހީދުވި ކުޑަކުދިންގެ ހަށިތަކުގެ ކައިރީގައި އެ ކުދިންގެ އާއިލާތަކުގެ މީހުން ހިތާމަކޮށް ރޮނީ: ހަމަލާގައި 19 މީހަކު ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ. -- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2025 - 22:13
ފަލަސްތީނުގެ ރެފިއުޖީން އުޅޭ ޖަބަލިޔާގައި ހުންނަ އދ.ގެ އިމާރާތަކަށް އިޒްރޭލުން މިއަދު ހަމަލާދީ 19 މީހަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އެކަމަކު އިޒްރޭލުން އާންމުކޮށް ބުނާ ގޮތަށް މިފަހަރު ވެސް ބުނީ ހަމަލާދިން އިމާރާތަކީ ހަމާސް އިން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށާއި ހަމަލާދިނީ ހަމާސްގެ މެންބަރުންނަށް އަމާޒުކޮށްގެން ކަމަށެވެ.
ހަމަލާ ދިން އިމާރާތަކީ އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށްގެން ހިންގާ ޖަމިއްޔާ ކަމަށްވާ އަންރުވާގެ ތަނެކެވެ. ހަމަލާ ދިނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް ކަމަށާއި އެއީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ކްލިނިކެއް ހިންގާ ތަނެއް ކަމަށް ވެސް އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ މި ހަމަލާގައި އެ ތަނުގެ ފުރަތަމަ ފަންގިފިލާގެ ދެ ކޮޓަރި ހަލާކުވެފައިވާ ކަމަށާއި އެއީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ 160 އާއިލާއެއްގެ ހިޔާވަހިކަމަށް ބޭނުންކުރި ތަނެއް ކަމަށެވެ.
އިޒްރޭލުން އދ.ގެ އިމާރާތަކަށް ދިން ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް. -- ފޮޓޯ: އޭއެފްޕީ
"ގެދޮރު ގެއްލުނު އެތައް އާއިލާއެއް އެތަނުން އެއްގޮތަކަށް ވެސް ނުނިކުމޭ. އެއީ އެ މީހުން ދާނެ އެހެން އެއްވެސް ތަނެއް ނެތީމާ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެއީ ކޮން ބޭނުމެއް ކުރާ އިމާރާތެއްކަން އިޒްރޭލު ސިފައިންނަށް ކުރިން އަންގާފައިވާ ކަމަށާއި އިމާރާތުގެ ލޮކޭޝަން ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
އެކަމަކު އިޒްރޭލު ސިފައިން ބުނީ "އެއީ ހަމާސްގެ ޖަބާލިއާ ފައުޖުން ޓެރަރިސްޓް ހަމަލާތައް ރޭވުމަށް ބޭނުންކުރި ތަނެއް" ކަމަށެވެ. އަދި ހަމާސްއިން "އިންސާނީ އައްޑަނައެއްގެ ގޮތުގައި އާންމުން ބޭނުންކުރަނީ" ކަމަށް ބުންޏެވެ.
އިޒްރޭލުން ހަމަލާދިން އދ.ގެ އިމާރާތް ހަލާކުވެފައި ވާއިރު އެތަނުގެ ތެރޭގައި ބަޔަކު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި. -- ފޮޓޯ: އޭއެފްޕީ
ހަމާސް އާއި އިސްލާމިކް ޖިހާދުން ވަނީ މިއީ އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ފަލަސްތީނު ސަރުކާރު ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް، ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުކުރުމަށް ގޮވާލައިފަ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށުމަށް ފަހު ގާތްގަނޑަކަށް 18 މަސް ދުވަސް ފަހުން ޖެނުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު މިހާރު ދަނީ ހަމަލާތައް އަލުން ދެމުންނެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭ ޣައްޒާއިން ހާހަކަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ޣައްޒާއިން ޝަހީދުކޮށްލި އަދަދު މިހާރު ވަނީ ބައި ލައްކަށްވުރެ މައްޗަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަނދުލި
04 April 2025
އިޒުރޭލު އެމެރިކާ މުދަލާ ހެދި ހޭބަލި ވެފައި
އީމަން
03 April 2025
ނާޓްޒީ ޖާމަނީ ސިފައިން ހޭލާ ގޮތަށް ނުހުރެވޭ ޔަހޫދީ މީހަކު މަރާނުލާ ވަކި އުމުރެއް ނޯވޭ (1939) . ޒިޔޮނިސްޓް އިޒްރާއީލް ސިފަންގެ މީހަކަށް ހޭލާ ގޮތަށް ހަމަ ނުހުރެވޭ ފަލަސްތީން މީހިކު ނުމަރާ ވަކި އުމުރެއް ނޯވޭ (2025) .