ޣައްޒާގެ ތުއްފާހްގައި ހުންނަ ސްކޫލަކަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ކުއްޖަކަށް ފަރުވާ ދޭން ގެންދަނީ: މި ހަމަލާގައި މިހާތަނަށް 31 މީހަކު ޝަހީދުވިކަން ވަނީ ކަށަވަރުވެފައި. -- ފޮޓޯ: އޭއެފްޕީ
03 އެޕްރީލް 2025 - 23:40
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ސްކޫލަކަށް އިޒްރޭލުން މިއަދު ހަމަލާދިނުމުން 31 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ޣައްޒާ ސިޓީގެ އިރު އުތުރުގައި އޮންނަ ތުއްފާހްގެ ދާރުލް އަރުޣާމް ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި އެތަނުން ހަ މީހަކު ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބައްސާލް ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޣައްޒާގެ ތުއްފާހްގައި ހުންނަ ސްކޫލަކަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ކުއްޖަކަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
"ހަމަލާއަށް ފަހު އަދި ނުފެންނަ މީހުންގެ ތެރޭގައި އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން މީހަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މިފަދަ ތަންތަނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލުން އާންމުކޮށް ބުނާ ގޮތަށް މިފަހަރު ވެސް ބުނީ ހަމަލާ ދިނީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ. އެކަމަކު މިއީ ސްކޫލަށް ދިން ހަމަލާ ކަމަކަށް އިޒްރޭލުން ސާފުކޮށެއް ނުބުނެ އެވެ.
"ޓެރަރިސްޓުން މި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ބޭނުންކުރީ އިޒްރޭލުގެ އާންމުންނާއި އައިޑީއެފްގެ ސިފައިންނާ ދެކޮޅަށް ހަމަލާތައް ރާވައި ހިންގަން،" އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.
ޣައްޒާގެ ތުއްފާހްގައި ހުންނަ ސްކޫލަކަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ބައެއްކުދިންނަށް އަވަސް ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލު ސިފައިން ބުނީ ސްކޫލަށް އަމާޒުވި ހަމަލާއަކީ "ކޮމާންޑު ސެންޓަރަށް" ދިން ހަމަލާކަން ކަށަވަރުނުކުރެވޭ ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ފަހު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ރައްކާތެރިކަން ހޯދަން ސްކޫލްތަކާއި އެފަދަ އެހެން ފެސިލިޓީތަކުގައި ހިމާޔަތް ހޯދައިފަ އެވެ.
ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ދުވަހު ބުނި ގޮތުގައި މިމަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ ބިމުގައި މިހާތަނަށް 1،163 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި އޮކްޓޫބަރު 7 ގެ ހަމަލާގެ ފަހުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 50،523 އަށް އަރާފައިވާ ކަމަށް ބުންޏެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒުމު
04 April 2025
މިވަރުންވެސް ފަލަސްތީނު އެންމެން އެކައްޗެއް ކިޔައި އިޒުރޭލާ ކުރިމަތިލާކަށް ހަމަ ނުކެރެނީތޯ... ބައިބަޔަށް މީހުން ޝަހީދުކުރަމުން އެ ގެންދަނީ... އެންމެން ނުކުމެ ހަމަ ފުރާނަޔަށް ނުބަލައި އެއްވާނަކަށް ހިފަންވީ...
ގެދާނޯމޮސް
04 April 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ދުވަހެއްގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެން ދާއިމީ ދިރިހުރުން މުސްލިމް އަޅާއަށް ޢާޚިރަތުގައި މާހެވެއެވެ.