މުނިފޫހިފިލުވުން / ދިގު ވާހަކަ

އަނދަވަޅު

ގަނބައިގަންނަ ކޮންމެ ވަޅުގަނޑަކީ، ހަމަ އެކަނި ވަޅުގަނޑެއް ނޫނެވެ. އެ ތަނުގައި އަޑި ނޭނގޭ ސިއްރެއް ވެސް ފޮރުވިފައި އޮވެދާނެއެވެ. ދުވަހަކީ، 2025 ވަނަ އަހަރުގެ ފެބުރުވަރީމަހުގެ ފަހުކޮޅުން ދުވަހެކެވެ. ރޯދަމަސް އަންނަނީއެވެ. ބާޒާރުކުރުމުގައި މާލޭގެ މަގުތައް އޮތީ ހޭލަމޭލަވެފައެވެ. މަޖީދީމަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މަގުގެ ދެކޮޅުން އައި އުޅަނދުތައް ތޮއްޖެހި، ތާށިވި ގޮތަށް އެއްވެސް ކޮޅަކަށް ގުޑައެއްނުލިއެވެ. އެއްބަޔަކު ބަރުގޮނުއަޅައި މަގުފުޅާކުރަނީއެވެ. އަނެއްބަޔަކު ކާރުގެ ކުޑަދޮރުން ބޯދީގެން ހަޅޭއްލަވަނީއެވެ. އަހަރެން ހިތަށް އެރިއެވެ. މާލޭގެ ބޮޑެތި އެތައް މަގެއް، އެއްކޮޅަށް ދުއްވާ މަގަށް ބަދަލުކުރި އިރު، މަޖީދީމަގު އެ ފަދަ މަގަކަށް ބަދަލުކޮށްލަން ނުކެރިގެންއުޅެނީ އަޅެ ކީއްވެގެންބާއެވެ؟ މައްސަލަ ހައްލުކުރަން ބޭނުންނުވަނީބާއެވެ؟ އަޅެ އަހަރެން ކަހަލަ، މެދު އުމުރުގެ އަންހެނަކަށް އެ ހިޔާލު އައި އިރު ދެން ތިބި މީހުންގެ ސިކުނޑީގައި އެ ވަރުގެ ތެތްކަމެއް ހަމަ ނެތީބާއެވެ؟

"ދެން އަހަރުމެން ދެ މީހުން އަނގަނަގައިގެން ތިބެންވީ؟" ގާތުގައި ހުރި އެކުވެރި ޒައިނާ، ނިކަން ފޫހިވެފައި އެހިއެވެ. "ހިނގާ ހުރަސްކޮށްލަމާ! ބަންގި ގޮވާފާނެ."

މަޖީދީމަގު ހުރަސްކޮށް، ކުރިމަތީގައި އޮތް މަގަށް ވަނީމެވެ. އެ މަގުގައި ހުރި ހުރިހައި ފިހާރައަކަށް ވަދެވޭތޯ ބެލީމެވެ. ވަކީން ހާއްސަކޮށް، ސޭލު އަޅުވާފައި ހުރި ފިހާރަތަކެވެ. އަހަރެންގެ އަމާޒަކީ، ގަންނަން ހުރި ސާމާނުތައް އަސުރުގެ ކުރިން ގަނެ ނިންމައިލާފައި ގެއަށް ވަނުމެވެ. ދުވާރު މަތީ މައިޒާން ހަދައިގެން ހުއްޓި ތިބި މީހުންގެ ގައިން ނެއްޓެއްމުން، ފިހާރަތަކަށް ބަލަމުން ދަނިކޮށް ކުއްލިއަކަށް އަހަރެންގެ ފައިފުރޮޅުނެވެ. ނުވެއްޓުނީ ޒައިނާގެ އަތުގައި ހިފުނުކަމުންނެވެ.

"ސާބަހޭ! ބަލައިގެން ހިނގާބަލަ!" ޒައިނާ ބުނެލިއެވެ.

އަހަރެން ބަލައިލި އިރު އެއީ ދުވާރުން ގަލެއް ނަގާފައިވާ ކުޑަ ވަޅުކޮޅެކެވެ. އެ ކަހަލަ ކަމެއް ކޮށްފައި ހުރެދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ އެ ވަޅުކޮޅުގައި އަހަރެންގެ ފައި، އިރުކޮޅަކަށް ތާށިވިއެވެ. އެ ވަގުތު ތަދު ވެސް ވިއެވެ. އެހެނަސް ފައިނޭޅޭ ވަރަކަށް ނޫނެވެ. ފައި ދަމައިގެންފައި، އަނެއްކާ ވެސް ހިނގައިގަތީމެވެ. ފަނަރަ ވަރަކަށް މިނެޓު ފަހުން، ހަމަ އެ ޒާތުގެ އެހެން ވަޅުކޮޅަކަށް ވެސް އަހަރެންގެ ފައިތިލަ ވަނެވެ. އެ ފަހަރު ވެސް މާ ބޮޑު ތަދެއް ނުވެއެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ފޯރީގައި ކުރިޔަށް ހިނގައިގަތީއެވެ. އެއީ ލައްކަ ފިހާރައަށް އަހަންނަށް ވަދެވުނު ދުވަހެކެވެ.

އަސުރަށް މެދުކަނޑައިލާފައި އަނެއްކާ ވެސް އެތައްމިތަނުގައި ހިނގާފައި، ގެއަށް ވަދެވުނު އިރު އިރުއޮއްސިއްޖެއެވެ. އަހަންނަކީ ފިހާރައެއްގެ ކައުންޓަރުގައި އިންނަ މީހެކެވެ. ރޭގަނޑު ޑިއުޓީއަށް ވެސް ދިޔައީމެވެ. އެ ރެއަކީ ފިހާރައިން މީހަކު ވައްކަން ކުރަން އުޅެނިކޮށް އަތުލައިގަތް ރެއެކެވެ. މީހަކަށް ނުބައިކޮށް ބާކީ ލާރި ދެވިގެން އޭނަ އަޑުގަދަކުރުމާއި އަހަރެންގެ ކޮންޕިއުޓަރު މައްސަލަ ޖެހުން ފަދަ އެތައް ކަމެއް އެ ރޭ ހިނގިއެވެ. މަގުމަތިން އަހަރެންގެ ފަޔަށް ދިމާވި ހާދިސާ، ކުޑަކޮށް ވެސް އަހަރެން ހަނދާނެއް ނެތެވެ.

ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށް، ކުއްލިއަކަށް އަހަރެންގެ ފައިތިލައިގައި ރިއްސައިލިއެވެ. އެ ތަދު އަހަރެންގެ ފައި ތޮރުފައިލި ކަހަލައެވެ. ވިހެއުން ތަޖުރިބާ ކޮށްފައިވާ އަންހެނަކަށް ނޫނީ އެ ތަދު އިހުސާސް ކުރާކަށް ނޭނގޭނެއެވެ. ވިހަން ވޭންވަރު ނަގާ އިރު، ބައެއް މީހުންގެ ނަގާނީ ފައިންނެވެ. އަހަރެން އެ ތަޖުރިބާ ކޮށްފީމެވެ. ހީވި ކަހަލައެވެ. އެއީ ހަމަ އެ ވަގުތެވެ. ރިހުން ދިޔައީ ގަދަވަމުން، ތޫނުވަމުންނެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ޑިއުޓީ މެދުކަނޑައިލާފައި، ކާރަކަށް އަރައިގެން ގެއަށް އައީމެވެ. ފިރިމީހާއަށް ނުގުޅީ ސައިކަލުގައި ވެސް އަހަންނަށް އިނދެވޭނެހެން ހީނުވާތީއެވެ. އެނދުގައި އޮށޯވެފައި، ފައި ބާއްވަންވީ ގޮތެއް ވެސް އަހަންނަކަށް ނޭނގުނެވެ. ލުއި ލިބޭނެ އެއްގޮތެއް ވެސް ނެތީއެވެ. އަވަހަށް އިޔާނަށް ގުޅީމެވެ. އޭނައަކީ ވެސް ފިހާރައެއްގައި އިންނަ މީހެކެވެ. އަހަރެން ކިހައި ހިތްވަރުގަދަކަން އަހަރެންގެ ފިރިމީހާއަށް އެނގޭނެއެވެ.

"މި އުޅެނީ ފަޔަށް ތަދުވާ ވަރުން،" ރޮއިގެންފައި އަހަރެން ބުނީމެވެ. "ހިނގާބަލަ ޑޮކްޓަރަށް ދައްކަން."

އިޔާން އައީ އުނގުޅާ ބޭސްފުޅިއަކާއި ތަދުކަނޑުވާ ބޭހެއް ހިފައިގެންނެވެ. އެ އެއްޗެއް އުނގުޅީމައި އަރައިގެން ދިލައަކުން ތަދުގެ އަސަރު، އިރުކޮޅަކަށް ކުޑަވިހެން ހީވިއެވެ. އަނެއްކާ ކުރިޔަށް ވުރެ ގަދަޔަށް ރިއްސަން ފެށިއެވެ. ބޭހަކުން ވީ ހަމަ އެއްވެސް ކަމެއް ނެތެވެ. އެނދުގައި އޮންނާނެ ގޮތެއް، އިންނާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ.

"އެކަމަކު ހަވީރު ފުރޮޅުނު ފަޔެއް،" ހައިރާންވެފައި އިޔާން ބުންޏެވެ. "މުޅި މާލެ ކުޑައަށްލައި ހިނގާފަ، އޭރު ނުރިއްސާފަ، މިހާރުތަ ރިއްސަންވީ؟"

އެއީ ތެދެކެވެ. އެ ކަން ވީ ވަރަށް ހައިރާންކުރަނިވި ގޮތަކަށެވެ. އަހަންނަކީ، އާންމު ގޮތެއްގައި ހިނގާފައި އުޅޭ މީހެކެވެ. ފައިތިލަ ގަނބައިގަތް ދުވަހު ގެއަށް އައިސް، ޑިއުޓީއަށް ދިޔުމުގެ ކުރިން އިޔާންއާ އެކުގައި ހިނގާފައި އެހެން ގެއަކަށް ވެސް ދިޔައީމެވެ. އޭރަކު ވެސް ނުރިއްސައެވެ.

"ކިހިނެއްބާ ފަޔަށް ވީ؟" ގޮތް ހުސްވެފައި އިން އިޔާން ބުންޏެވެ.

"ކީކޭ ދެން ބުނާނީ؟" ވޭނަށް ކެތްކުރަމުން އަހަރެން ބުނީމެވެ. "ފިހާރައިގަ އިންދާ ޓަސްލާފަ ރިއްސަން ފެށީ. ހާދަހާ ތަދެކޭ މި ވަނީ."

ވަގުތުގެ ގޮތުން އަހަރުމެން ޑަކުޓަރަކަށް ނުދައްކަމެވެ. ކެއި ބޭހުގެ އަސަރެއްކުރޭތޯ މަޑުކޮށްލީއެވެ. ފައި ދުޅަވާން ފެށިއެވެ. އެކަމަކު ފައިގައި އަތްލިޔަކަސް ތަދުވާ ތަނެއް ނޭނގެއެވެ. އެކި ފަހަރު ތަދުވަނީ އެކި ދިމާއަށެވެ. ކުޑަހުޅަށް ކަމެއްވި ނަމަ އެހެން ވެގެން ނުވާނެއެވެ. ރިއްސަން ޖެހޭނީ ހުޅުގައެވެ. އަހަރެންގެ ރިހުންގަނޑު އަރަނީ ކުއްލިކުއްލިއަށެވެ. ފައިތިލައިގެ އެތައްމިތަނުގައި ތަދު ދުވާ ކަހަލައެވެ.

ޑަކުޓަރަށް ދައްކާނީ ހެނދުނުއޭ ހިތައި ނިދޭތޯ ވަރަށް ހިތްވަރު ކުރީމެވެ. ތަދުކެނޑިފައި ހުންނަ ގަޑީގައި ނިދި އާދެއެވެ. ކުއްލިއަކަށް ތަދުއެރުމާ އެކު ހޭލެވެއެވެ. އެތައް އިރަކު އެ ހާލުގައި އުޅުމަށް ފަހު ހޮސްޕިޓަލަށް ދާން ނިންމީމެވެ. ފައި އެޅެއެވެ. އެ ކަމަކާ ހިނގުމަކާ ގުޅުމެއް ނެތެވެ. ތަދު އަރަންވީމައި އަރަނީއެވެ. އަރާ ވަގުތު ފައި ތުރުތުރުއަޅައި، ފައިން ވާގިދެއެވެ. ޖެހެނީ ނޭވާ ހިފާއްޓައިލާށެވެ. ޓެކުސީގައި އިށީނދެގެން ވެސް އިންނާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތިގެން އަހަރެން ހިތަށް އެރިއެވެ. ކޮންމެވެސް ހެޔޮއެއްޗެއް ކިޔަންވީއެވެ. ވަކި ސޫރަތެއް، އާޔަތެއް ކިޔާނެ ކަމެއް ނެތެވެ. ހޮސްޕިޓަލަށް ދެވެން ދެން އަހަރެން ހިތުން ކިޔެވީމެވެ. ފަޔަށް ލުއިވިއެވެ. އެއީ ހީއެއް ނޫނެވެ. އަހަންނަށް ނޭވާލެވޭ ވަރު ވީ ކިޔެވުނު ކޮންމެވެސް ހެޔޮ އެއްޗަކުންނެވެ.

ޑަކުޓަރު ބޭނުންވީ އެކްސްރޭ ނަގާށެވެ. އެގޮތް މިގޮތަށް ފައި ބާއްވައިގެން އެކްސްރޭ ނެގިއެވެ. އެއްވެސް މައްސަލައެއް ނުފެނުނެވެ. ކަށިގަނޑަށް ގެއްލުމެއް ވެފައެއް ނެތެވެ. އެއީ ނަސީބެކެވެ. އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އެހެނަސް ޑަކުޓަރު ފިކުރު ބޮޑުވެފައި، އެކްސްރޭއަށް ބަލަހައްޓައިގެން އިންކަން ފާހަގަކުރެވުނެވެ. އޭރު ވެސް، ދޭތެރެއަކުން އަހަރެންގެ ރިހުން ބޮޑުވެ، ކެތްނުވެގެން އުޅެމެވެ. ދޭނެ ބޭހެއް ނެތެވެ. ވެގެން އުޅޭ ގޮތް ނޭނގެންޏާ ދޭނީ ކޮން ބޭހެއް ހެއްޔެވެ؟ ހަގީގަތަކީ އެއީއެވެ. އެކަމަކު، އަހަރެންގެ ހިތަށް ތަސައްލީ ދިނުމަށް ޓަކައި ބޭހެެއް ލިޔެދިނެވެ. އެ ބޭހުން ލިބުނު ލުޔެއް ނެތެވެ. ވިއްޔާ ވީ ގޮތަކީ، ތަދަށް އަހަރެންގެ ސިކުނޑި ހޭނެން ފެށުމެވެ. ތަދާ އެކުގައި އުޅެން ދަސްވާން ފެށުމެވެ.

ޑިއުޓީއަކަށް އަހަރެން ނުނިކުންނަމެވެ. ސަލާން ބުނެފައި އަރާމު ކުރަން ގޭގައި އޮތީއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު ވާން އުޅެނިކޮށް އަހުސަން ގުޅިއެވެ. އަހުސަންއަކީ އަހަރެންގެ ޅިޔަނެކެވެ. ފިރިމީހާގެ އެއްބަނޑުއެއްބަފާ ކޮއްކޮއެކެވެ. ވިޔަފާރިވެރިއެކެވެ. އުޅޭނީ ވަރަށް އަވަދިނެތިއެވެ. އެކަމަކު އިޔާން ފަދައިން އަހުސަން ވެސް ދީނީ ކަންކަމަށް ވަރަށް ސަމާލުކަން ދެއެވެ. ނިކަން ރީތިކޮށް ގުރުއާން ކިޔަވައެވެ. ބަންގި ވެސް ގޮވައެވެ. ލިބޭ ހުސްވަގުތުގައި ރުގުޔާ ކުރުމަކީ ވެސް އަހުސަންގެ ޝައުގެކެވެ. ހަފުތާއަކު ދެތިން ފަހަރު އަހަންނަށް ގުޅައިލާ ހާލު ބަލާނެއެވެ. އަހަންނަށް ކިޔާނީ ތުއްތައެވެ.

"ތުއްތަގެ ހާލު ރަނގަޅުތަ؟" ސަލާން ބަލައިގެންފައި އަހުސަން ފުރަތަމައިނުން ވެސް އެހީ އެހެންނެވެ. އެހެންޏާ އަހުސަން މުޅީން ވެސް އަހާނީ ހާލު ކިހިނެއް ހެއްޔެވެ؟ ހާލު ރަނގަޅުހޭ އެހުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

"ކީއްވެ ތިހެން ތި އެހީ؟" އަހަރެން އެހީމެވެ.

"ފަހުން ކިޔައިދޭނަން،" އަހުސަން ބުންޏެވެ. އަދި އެހިއެވެ. "ކަމެއް ވެގެންތަ ތި އުޅެނީ؟"

"އާނ!" ނިކަން ރާގުލާފައި އަހަރެން ބުނީމެވެ. "ފަޔަށް ތަދުވާތީ މި އުޅެނީ. ޑޮކްޓަރަށް ވެސް ދައްކައިފިން. ބޭސްކައި ބޭސް އުނގުޅާ ވެސް އެބަ ހަދަން. ރަނގަޅެއް ނުވޭ!"

"ހޫނ! ހީވެއްޖޭ!" އަހުސަން ބުންޏެވެ. "އެބަ ދަން. ގޭގަ މަޑުކުރާތި!"

"މަ ކޮން ތާކަށް ދާނީ؟" އަހަރެން ބުނީމެވެ. "ފިހާރައަށް ވެސް ސަލާންބުނެފަ ގޭގަ މި އޮންނަނީ."

އަހުސަން އައި އިރު ފިރިމީހާ ވެސް ގޭގައި އުޅެއެވެ. އޭނަ އައީ ދެ ފެންފުޅި ހިފައިގެންނެވެ. އޭރު ފައިގައި ނުރިއްސާތާ އިރުކޮޅެއް ވެއްޖެއެވެ.

"ފަޔަށް ކިހިނެއްވީ؟" އަހުސަން އެހިއެވެ.

"އަނެއްހެން މާ ބޮޑު ކަމެއް ނުވޭ!" އެހެން ބުނެފައި، ވީ ގޮތް އަހަރެން ކިޔައިދިނީމެވެ.

"އެކަމަކު އިރުއިރުކޮޅާ ފައި އެބަ ދުޅަވޭ! އެކި ފަހަރު އެކި ދިމާލުގަ ރިހެނީ ވެސް. މި ވަގުތަކު ނުރިއްސާ އެކަމަކު ރިހުން ނަގާ ވަގުތު ތަދޭ ބުނާކަށް ތަދުވޭ! ފިރިހެނުންނަކަށް މި ތަދެއް ނޭނގޭނެ. ކީއްވެ ކަމެއް ވެގެންހޭ ތި އުޅެނީ އެހީ؟"

"ކުރީ ރެޔަކު މީހަކަށް ރުގުޔާ ކުރަނިކޮށް އެ މީހާ ރުޅި އައިސްގެން ހަޅޭއްލަވައިގެންފި،" އަހުސަން ކިޔައިދިނެވެ. "ބުނީ އަހަންނަށް ކޮން ކިޔެވުމެއް ކިޔަވާކަށްހޯ، ދޭބަލާށޯ ކަލޭގެ ދައްތަ އަށް ކިޔަވަން. ސިހުރު ވަޅަކަށް ފައިކޮއްޕައިލައިގެން އޭނަ އެބައޮތޯ ފައިނޭޅިފަ. މާ ރީއްޗެއް ނޫންހޯ އޭނައަށް ކިޔެވިއްޔާ!"

"ސިހުރު ވަޅެކޭ؟" އަހަންނަށް ބުނެވުނެވެ. "އަހަރެން ހިނގީ ޕޭމަންޓު މަތިންނޭ! ކާކު އެ ތަނަށް ސިހުރު ހަދާނީ؟ އަހަންނަށް ސިހުރު ހަދާ މީހަކު ހަދާނީ..."

"ތި ވާހަކަ އިހަށް ބާއްވާ!" ގޮނޑިއެއް ކައިރި ކޮށްލަމުން އަހުސަން ބުންޏެވެ. "ބޭބެ ދޭ ފައިލެވޭ ކަހަލަ ތަށްޓެއް ހިފައިގެން އަންނަން. ލޮނުކޮޅެއް ވެސް ގެންނާތި!"

ތަށި ގެނައުމުން އަހުސަން ގެނައި ފެންފުޅި ތަށްޓަށް އޮއްސައިލާފައި، ލޮނުކޮޅެއް އަޅައިފައި ގިރައިލިއެވެ.

"ތުއްތަ ތަށްޓަށް ފައިލާ!" އަހުސަން ބުންޏެވެ. "އަހަރެން ކިޔަވަން ފަށާނަން. ޖެހޭނެ ކެތްކޮށްލަން. ނަމަނަމަ ފައި ނުނަގާތި!" (ނުނިމޭ)

12 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 22%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިންމާފޭންގާރލް

07 April 2025

ޕޭވްމަންޓް. ނޮޓް ޕޭމެންޓް. ވެލްކަމް ބެކް ބިންމޫ.. މިސްޑް ޔޫ

The name is already taken The name is available. Register?

ނަމްބަރު ޕްލީސް

06 April 2025

ބިންމާގެ ވާހަކަތަކުގައި ވަރަށް ގިނައިން ރުގްޔާކުރާ ވާހަކަ ނޫނީ ފަންޑިތަ ހަދާވާހަކަ އޮވޭ. އެކަމު އަސްލު ރަގަޅަށް އެމަސައްކަތް ކުރާ މީހުން ހޯދާނެ ގޮތެއް ނޭނގޭ. އެކަހަލަ ރަގަޅު މީހެއްގެ ނަމްބަރެއް އެނގޭނެ ގޮތެއް ނެތީމަ ވަރަށް ދެރަ. ވާހަކަތައް ކިޔާފަ އެވަރުން ފުއްދާލަންޖެހެނީ.

The name is already taken The name is available. Register?

ޓާޔާ

07 April 2025

އަމިއްލައަށް ކުރޭ. މީހަކަށް އިތުބާރުކުރުމަށް ވުރެ އެގޮތް ރަނގަޅު

The name is already taken The name is available. Register?

ނުޖެހޭނެ

07 April 2025

އެކަކު ލައްވާވެސް ރުގުޔާ ކުރާނެ ކަމެއް ނެތް. ކަލޭ އަމިއްލައަށް ފަރުޟު ނަމާދުކޮށް ކޮންމެ ދުވަހަކު ގުރުއާން ކިޔަވާ ހަދާބަލަ. ޚާއްސަކޮށް ބަގަރާ ސޫރަތް. ހެނދުނާ ހަވީރުގެ ޒިކުރު ކިޔައިން އުޅޭ. ނުޖެހޭނެ މީހުން ކާރި ރުގުޔާ ކޮށްދޭށޭ ކިޔަމުން ދުވާކަށް.

The name is already taken The name is available. Register?

ވާހަކަކިޔާ ކުއްޖާ

06 April 2025

ބިންމާގެ ކުރުވާހަކައެއް ކިޔާލަން އިންތިޒާރު ކުރާތާ ވަރަށްވެސް ދުވަސްވެއްޖެ! ރޯދަމަވެސް ނިމިގެން އެދިޔައީ އެފަދަ ނަސީބެއް ނުލިބި. ކުރީގަ ވިއްޔާ ކޮންމެ ދިގުވާހަކައެއް ނިއްމާލާފައި ކުރުވާހަކަ ކޮޅުތަކެއް ކިޔާލަން ލިބޭ! ދިރުއުޅުމުގެ ކަންތަކައި ބިޒީވެގެން އުޅެމުން ގިނަފަހަރަށް އޮންނަނީ ދިގުވާހަކައަށް ފޮލޯއަޕް ނުކުރެވި، ސޭޑް ލައިފް، ޕުލީސް ކުރުވާހަކައެއް!

The name is already taken The name is available. Register?

ޔާސްމިން

06 April 2025

ރޯދަމަހު ވަރަށް މިސްވި ބިންމާގެ ވާހަކައެެއް ކިޔާލަން ނުލިބުނީމަ. ވަރަށް އުފާވެފަ މިހުރީ އަނެއްކާވެސް ބިންމާގެ ވާހަކައެއް ކިޔާލަން ލިބުނީމަ.

The name is already taken The name is available. Register?

ޝަރަތު

06 April 2025

މަޖީދީމަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މަގުގެ ދެކޮޅުން އައި އުޅަނދުތައް ތޮއްޖެހި، ތާށިވި ގޮތަށް އެއްވެސް ކޮޅަކަށް ގުޑައެއްނުލިއެވެ. އެއްބަޔަކު ބަރުގޮނުއަޅައި މަގުފުޅާކުރަނީއެވެ. އަނެއްބަޔަކު ކާރުގެ ކުޑަދޮރުން ބޯދީގެން ހަޅޭއްލަވަނީއެވެ. އަހަރެން ހިތަށް އެރިއެވެ....... ނުދެއްކުނުތާ؟ ބިންމާބޭ..

The name is already taken The name is available. Register?

ދަލޭކަ ދައިތަ

06 April 2025

ހަހަހަހަ "އެއްބަޔަކު ބަރުގޮނުއަޅައި މަގު ފުޅާކުރަނީއެވެ" އަޅެ އަހަރެން ކަހަލަ، މެދު އުމުރުގެ އަންހެނަކަށް އެ ހިޔާލު އައި އިރު ދެން ތިބި މީހުންގެ ސިކުނޑީގައި އެ ވަރުގެ ތެތްކަމެއް ހަމަ ނެތީބާއެވެ؟ މެދުއުމުރުން އަދި މަތިވީމަ އަންހެނުންނަށް ނޭގޭ އެއްކަމެއްވެސް ނޯންނާނެ، ބިންމާ ވަރެއް ނުހުންނާނެ.

The name is already taken The name is available. Register?

މީއަޅެ ދޮގެއްތަ؟

06 April 2025

އަންހެނުންނަށް ކުރަން ނޭނގޭ ކަމެއް ބުނެފާނަން. ދެ އަންހެނެއްގެ ދެމެދުގަ ދެކެވޭ އޮލަ ވާހަކަ އަވަހަކަށް ނުހުއްޓޭނެ. އޭގެ މިސާލަކީ އަވަހަށް ކުރިލާ ހެދޭ ގަހެއްގެ މިސާލު..ކުޑަކުޑަ ކަމަކުން ވާހަކަ ފެށޭއިރު ނިމިގެން ދަނީ އަލިފް ލައިލާ ވަލައިލާ ވާހަކައަކަށް ވެގެން.

The name is already taken The name is available. Register?

ދީމި

06 April 2025

ބިންމާ. ރަމްލޯން މަހު ވ މިސް ވި. ވާހަކައެއް ވެސް މިފަހަރު ނެތް ވިއްޔާ ބިންމާގެ. ޙެޕީ ޓު ސީ ޔޫ ބެކް!

The name is already taken The name is available. Register?

ނުރަބޯ

06 April 2025

ވަރަށް ޝައުޤުވެރި. ކުރިޔަށް ބިންމާ.

The name is already taken The name is available. Register?

ސަސި

06 April 2025

ޝުކުތިއްޔާ ބިންމާ. އަނެއްކާވެސް ވާހަކައެއް ކިޔާލްން ލިބުނީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454